މޫސުން

ކުރިއަަށް އޮތް ތިން ދުވަހު އުދަަ އަަރާނެ: މެޓް

Jul 10, 2020

ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖެ އަށް ފޯރާނެ ކަމަށް ލަފާ ކުރެވޭތީ ކުރިއަަށް އޮތް ތިން ދުވަހު ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ، ރާއްޖެއާ ދުރުން ދެކުނު އިންޑިއާ ކަނޑުގައި އުފެދެމުންދާ ދިގު ބާނިތައް ރާއްޖެއާ ހަމައަށް ފޯރާނެ ކަމަށް ލަފާ ކުރެވޭތީ، ކުރިއަށް އޮތް ތިން ދުވަހު ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ރާޅު އެޅުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ހާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އެކަމުގެ އަސަރު ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން، މި ކަމަށް ސަމާލުވެ ތިބުމަށް އިލްތިމާސް ކުރާ ކަމަށާއިިި ހާއްސަކޮށް ގޮނޑުދޮށާއި ކައިރި ހިސާބުތަކުގައި ދިރިއުޅޭ މީހުންނާއި މޫދަށް އެރި އުޅުމުގައި ހާއްސަ ސަމާލު ކަމެއް ދިނުމަށް އެދޭ ކަމަށެވެ. މީގެ އިތުރުން، ފަޅުތެރޭގައި އަޅާފައި ހުންނަ އުޅަނދުތަކުގެ ރައްކާތެރިކަމަށްވެސް ވިސްނުމަކީ މި ދުވަސްވަރު މުހިއްމު ކަމެއް ކަމަށެވެ.

ރާޅު އެރުމުގެ ފުރުސަތުު އޮތުމުން މެޓް އޮފީހުން ވަނީ ކ. އަތޮޅުން އައްޑޫ ސިޓީ އަށް މިއަދު 2:30 އިން ރޭގަނޑު 8:30 އަށް ވައިޓް އެލާޓް ނެރެފަ އެެވެ. އަދި ގއ. އިން އައްޑޫ ސިޓީ އަށް 4:30 އިން 8:30 އަށް ރާޅު އަރާނެ މިންވަރު އިތުރުވާނެތީ، ދާދި ފަހުން ވަނީ ޔެލޯ އެލާޓް އެއް ނެރެފަ އެވެ.

މިދިޔަ ހަފްްތާ އިން ފެށިގެން ބައެއް ރަށްރަށަށް ދަނީ އުދަ އަރަމުންނެވެ. ބައެއް ރަށްރަަށަށް އެރި އުދަ އަކީ އާދަޔާ ހިލާފު އުދައެއް ކަމަށްވެސް އެ ރަށްރަކުގެ މީހުން ސިފަކޮށްފައިވެ އެވެ. މިއަދުވެސް ވަނީ އައްޑޫގެ ބައެއް ރަށްތަކަށް އުދަ އަރާފަ އެވެ.