މިދުވަސްވަރު ޖަމާއަތުގައި ނަމާދު ކުރާއިރު ރަނގަޅު ގޮތަކީ ދުރުދުރުގައި ތިބުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަމާއަތުގައި ނަމާދު ކުރާއިރު ސަފު ހެދުމުގައި އެންމެ ރަނގަޅު ގޮތަކީ ކައިރި ކައިރީގައި ތިބުން ކަމަށާއި އެހެން ނަމަވެސް އެކަށީގެންވާ ސަބަބަކަށްޓަކާ ދުރު ދުރުގައި ތިއްބަސް ނަމާދު ސައްހަ ވާނެ ކަމަށެވެ. މިހާރު ދިމާވެގެން މިއުޅެނީ އެފަދަ ސަބަބެއް ކަމަށާއި ދުނިޔޭގެ އެހެން ގައުމު ތަކުގައިވެސް މިދުވަސް ވަރު ޖަމާއަތުގައި ސަފު ހަދަނީ ގައި ދުރުކުރުމުގެ އުސޫލާ އެއްގޮތްވާ ގޮތުމުގެ މަތިން ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫން މިހެން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ޖަމާއަތުގައި ނަމާދު ކުރާއިރު ސަފު ހަދުމުގައި އަމަލު ކުރަން ޖެހޭ ގޮތާ މެދު އިލްމުވެރިންގެ ހިޔާލު ތަފާތުވެފައި ވަނިކޮށެވެ. އެގޮތުން އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެފައި ވަނީ ނަމާދުގެ ސަފު ހެދުމުގައި ސޯޝަލް ޑިސްޓެންސިންއެއް ބަހައްޓަން ޖެހޭ ސަބަބެއް ރާއްޖެއަކު ނެތް ކަމަށާއި ސަފު ހަދަން ޖެހޭ ގޮތް ސުންނަތުގައި ވަރަށް ސާފުކޮށް އޮންނަ ކަމަށެވެ.
މިކަމާ ގުޅިގެން އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ރައީސް މައުމޫން ވިދާޅުވި ގޮތައް ދުރުދުރުގައި ސަފު ހެދުމަށް ތާއީދުކޮށް ވާހަކަ ދައްކަވައިފަ އެވެ.
ތިން މަހަށް ފަހު ރާއްޖޭގައި އިއްޔެ ކުރި ފުރަތަމަ ހުކުރު ނަމާދުގައި އިސްލާމީ މަރުކަޒުގެ އިމާމަކަށް ހުރީ އިޔާޒް އެވެ. އަދި ނަމާދު ފެށުމުގެ ކުރިން ރަސޫލާ އެންގެވި ގޮތައް ސަފުތައް ހެދުމަށް އިއާޒް ވިދާޅުވި އެވެ. އެހެން ނަމަވެސް ނަމާދު ކުރިއިރު ބައެއް މީހުން ދުރުދުރުގައި ތިބި އިރު އަނެއްބައި މީހުން ތިބީ ކައިރިކައިރީ ސަފު ހަދާފަ އެވެ.
އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ ދުރުދުރުގައި ތިބެގެން ޖަމާއަތެއް ނުހެދޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ފަހުން އެ މިނިސްޓްރީން ނެރުނު އުސޫލުގައިވާ ގޮތުން ކޮންމެ މީހަކު ނަމާދު ކުރަން ވަކި މުސައްލައެއް ގެންދަން ޖެހެ އެވެ. އަދި ވަކި އެހެން މީހުންގެ މުސައްލަތައް ބޭނުން ނުކުރުމަށް އެ މިނިސްޓްރީން ވަނީ އަންގައިފަ އެވެ.