ޑިޕޯޓިވޯ އަލަވޭޒްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ލަލީގާގެ ޗެމްޕިއަންކަން ހޯދަން ބާކީ ދެ މެޗަށް ރެއާލް މެޑްރިޑުން ކައިރި ކޮށްފި އެވެ.
ކުރިއަށް އޮތް އޮތް ދެ މެޗަކީ ރެއާލް އަށް އުނދަގޫ ކުރިމަތިވާނެ ދެ މެޗެވެ. ހޯމަ ދުވަހުގެ ރޭ އެ ޓީމު ނުކުންނާނީ ޔޫރަޕްގެ ޖާގައެއް ހޯދުމަށް ވާދަ ކުރަމުން އަންނަ ގްރަނާޑާ އާ ދެކޮޅަށެވެ. ރޭ ރެއާލް ސޮސީޑާޑް އާ ދެކޮޅަށް ކުޅުނު މެޗު ގްރަނާޑާ ކާމިޔާބު ކުރީ 2-1 ންނެވެ. އަދި އަންނަ ބުރާސްފަތި ދުވަހުގެ ރޭ މެޑްރިޑް ނުކުންނާނީ ވިޔަރެއާލް އާ ދެކޮޅަށެވެ. އެ ދެމެޗު ކާމިޔާބު ކޮށްގެން ރެއާލް އަށް ލީގް ޗެމްޕިއަންކަން ހޯދޭނެ އެވެ.
ހަތަރު ޕޮއިންޓްގެ ފަރަގަކާއެކު ދެ ވަނައިގައި އޮތް ބާސެލޯނާ، މިރޭ ރެއާލް ވަޔަޑޮލިޑް އާ ދެކޮޅަށް ކުޅޭ މެޗުން ބަލި ވެއްޖެނަމަ، ލީގް ހޯދަން ރެއާލް އެންމެ މެޗަކުން ފުދޭނެ އެވެ.
ރެއާލްގެ ބީ ޓީމުގެ ދަނޑު އަލްފްރެޑޯ ޑި ސްޓެފަނޯ ސްޓޭޑިއަމްގައި ކުޅުނު މެޗަށް ރެއާލް ނުކުތީ ސަސްޕެންޝަންގެ ސަބަބުން ޓީމުގެ ކެޕްޓަން އަދި ޑިފެންޑަރު ސާޖިއޯ ރާމޯސް އާއި ކަނާތު ބެކު ޑެނީ ކާވަހާލް ނެތި އެވެ. އެ ކުޅުންތެރިންގެ ބަދަލުގައި ކުޅެން ނުކުތީ ސެންޓްރަލް ޑިފެންޑަރަށް އެޑާ މިލިޓާއޯ އާއި ކަނާތު ބެކަށް ލޫކަސް ވަޒްކްއޭޒް އެވެ. ވަޒްކުއޭޒް އަކީ ކަނާތު ވިންގެކެވެ.
އަނިޔާގެ ސަބަބުން ވައިސް ކެޕްޓަން މާސެލޯއަށް ސީޒަންގެ ބާކީ ބައިގައި ނުކުޅެވޭނެ އެވެ. ކެޕްޓަން އާއި ވައިސް ކެޕްޓަންވެސް ނެތުމުން ރެއާލްގެ ކެޕްޓަން ބޭންޑް އެޅީ ދެ ވަނަ ވައިސް ކެޕްޓަން ކަރީމް ބެންޒެމާ އެވެ. މެޗުން ރެއާލް މޮޅު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ އޭނާ އެވެ. ޕެނަލްޓީން ލިޑް ނަގައިދިނެވެ. އަދި ދެ ވަނަ ލަނޑު ޖަހަން މާކޯ އެސެންސިއޯ އަށް ފުރުސަތު ތަނަވަސް ކޮށްދިނީވެސް ބެންޒެމާ އެވެ.
ރެއާލްއަށް ލިބުނު ޕެނަލްޓީ އަކީ، އަލަވޭޒްގެ ޕެނަލްޓީ އޭރިއާގެ ރޮނގުކައިރިން އޭރިއާގެ އެތެރެއިން ރެއާލްގެ ޑިފެންޑަރު ފާލެންޑް މެންޑީ ބޯޅައިހިގެން ވަންނަން އުޅުމުން އަލްވޭޒް ޒިމޯ ނަވާރޯ ކުރި އުނދަގޫ ޗެލެންޖުގައި މެންޑީ އޭރިއާ ތެރެއަށް ވެއްޓުމުން ދިން ޕެނަލްޓީ އެކެވެ. އެއީ ޖެހިޖެހިގެން ތިން ވަނަ މެޗުގައި ރެއާލް އަށް ލިބުނު ޕެނަލްޓީ އެކެވެ.
ފުރަތަމަ ހާފުގައި، މެޗުގެ ރެފްރީ ގިލް މަންޒޯނާއަށް އަނިޔާވުމުން އޭނާއަށް ފަރުވާ ދޭން ރެއާލްގެ މެޑިކަލް ޓީމުން ހަރަކާތްތެރިވާން ޖެހުނެވެ. ދެ ވަނަ ހާފުގައި އޭނާގެ ބަދަލުގައި މެޗަށް ނުކުތީ ބަދަލު ރެފްރީ ރޮޑްރިގޭޒް ކާޕަލޯ އެވެ.
ދެ ވަނަ ހާފުގެ ކުރީ ކޮޅުގައި ރެއާލްގެ ދެ ވަނަ ލަނޑު އެސެންސިއޯ ކާމިޔާބު ކުރީ އޮފްސައިޑް މަޅޅިން ނެއްޓި ހުރެ ބެންޒެމާއަށް ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ، އޭރިއާގެ މެދުތެރޭގައ ހުސްކޮށް ހުރި އެސެންސިއޯއަށް ބޯޅަ ދިނުމުންނެވެ. އެސެންސިއޯ ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ގޯލްގެ ކަނަށް ވާގޮތަށް ބޯޅަ ފޮނުވާލީ އަލްވޭޒްގެ ކީޕަރު ރޮނާޓޯއަށްވެސް ފުރުސަތު ނުދީ އެވެ.
އެގޯލް ކަށަވަރު ކުރަން ޖެހުނީ ވީއޭއާރުގެ އެހީގަ އެވެ. ވީއޭއާރުގެ ފުޓޭޖުން ދެއްކީ އަލަވޭޒްގެ ކުޅުންތެރިޔާގެ ފަހަތުގައި ބެންޒެމާ ހުރި ކަމަށެވެ.
ފުރަތަމަ ހާފުގައި، އަލްވޭޒްގެ ހޮސެލޫ އާއި އޮލިވާ ބާކް ވަނީ ރެއާލްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ލަނޑު ޖެހުމާ ވަރަށް ގާތަށް އެ ކުޅުންތެރިން ދިޔަ އެވެ.