ލައިފްސްޓައިލް

ލޯބިވެރިޔާ އާއި އާއިލާއިން ދެއްކި މީހާއާ އެކުގައި އިނދެފި

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ މީހަކު އެއްފަހަރާ ދެ މީހުންނާ ކައިވެނިކޮށްފި އެވެ. އޭނާ ކައިވެނިކުރީ އޭނާ މާ ކުރިންސުރެ އެ މީހަކާ ކައިވެނި ކުރުމުގެ ހުވަފެންތައް ދެކެމުން އައި އަންހެންމީހާ އާއި މައިންބަފައިން އޭނާއާ ކައިވެނިކުރަން ޚިޔާރު ކޮށްފައިވާ އަންހެންމީހާ އާ އެވެ. އިންޑިޔާ މީހުން ދެ އަންބަށް ކައިވެނި ކުރުމަކީ އެއްގޮތަކަށް ވެސް ކުރާ ކަމަކަށް ނުވާތީ އެ މީހުންނަށް މި ކައިވެންޏަކީ ވަރަށް ބޮޑު ކަމަކަށް ވަނީ ވެފަ އެވެ.

ބެޓުލް ކިޔާ ރަށެއްގައި ދިރިއުޅޭ ސަންދީޕް އުއިކޭ ނަމަކަށް ކިޔާ މިމީހާ ދެ މީހުންނާ ކައިވެނި ކުރީ އެއްތަނެއްގައި އެއް ވަގުތެއްގަ އެވެ. މި މަހުގެ އަށްވަނަ ދުވަހު އޮތް މި ރަސްމިއްޔާތުގައި އޭނާގެ އަވަށުގެ ގިނަ އަދަދެއްގެ ބަޔަކު ވެސް ބައިވެރިވި އެވެ.

އިންޑިއާގެ ނިއުސް އެޖެންސީއަކުން ބުނެފައިވާ ގޮތުގައި ގަބީލާއަކަށް ނިސްބަތްވާ ސަންދީޕް އަކީ މިހާރު ދެ އަންހެނުންނާ ކައިވެނި ކޮށްގެން އުޅޭ މީހެކެވެ. އަދި މިއީ އޭނާ ދިރިއުޅޭ ސަރަހައްދުގެ މީހުން މިހާތަނަށް ކޮށްފައިވާ ކަމެއް ނޫނެވެ.

ސަންދީޕް އަށް އޭނާގެ ލޯބިވެރިޔާ އާ ބައްދަލުވީ ބޯޕާލްގައި ކިޔަވަން ހުރި ދުވަސްވަރުގަ އެވެ. އެ ދެ މީހުންގެ ލޯބީގެ މާތައް ފޮޅެމުން ދިޔައިރު އަނެއްކޮޅުން އޭނާގެ ރަށުގައި އޭނާގެ މައިންބަފައިން ދިޔައީ އޭނާ ކައިވެނިކުރާނެ މީހަކު ހޯދައި ކައިވެނީގެ އިންތިޒާމްތައް ކުރަމުންނެވެ.

މި މައްސަލަ ބޮޑު އަރާރުންގަނޑަކަށް ވެގެން އެހިސާބުގަނޑުގައި ބަސް ބުނަން ހުރި އިސް މީހާގެ ކައިރިއަށް ސަންދީޕް އާއި އޭނާ ކައިވެނި ކުރަން އުޅޭ ދެ އަންހެނުންގެ އާއިލާއިން ގޮސް އޭނާގެ ކިބައިން ގޮތެއް ނިންމައިދިނުމަށް އެދުނެވެ. ޕަންޗާޔަތު ނުވަތަ އެ އަވަށުގެ ވެރިމީހާ ދެ އަންހެނުންނަށް އެންގީ ސަންދީޕް އާ ކައިވެނި ކޮށްގެން އެއް ގެއެއްގައި އެ ދެ އަންހެނުންނަށް އުޅެވޭނެކަމަށް ފެންނަ ނަމަ ދެ މީހުން ވެސް އޭނާ އާ ކައިވެނި ކުރުމަށެވެ.

މި ދެ އަންހެނުން އެކަމަށް އެއްބަސްވުމުން އަވަށުގެ މީހުން މި މީހުންގެ ކައިވެނި ކުރުވީ އެވެ. ނަމަވެސް މި ކައިވެނީގެ ރަސްމިއްޔާތު ބޭއްވީ ކަމާ ބެހޭ ފަރާތްތަކުން ނަގަން ޖެހޭ ހުއްދަތައް ނުނަގައި އަދި ކޮވިޑް-19 ވަބާގެ ސަބަބުން އަމަލުކުރަން އަންގާފައިވާ ގައިޑްލައިންތަކާ ޚިލާފަށް ކަމަށް ބުނެ މި މީހުންނާ ދެކޮޅަށް މިހާރު ވަނީ މައްސަލައެއް ފުލުހަށް ހުށަހަޅާފަ އެވެ.