ރާއްޖެ ކުޅިވަރު

ތާރީހީ، ޝަރަފުވެރި ކާމިޔާބީއަކަށް ސުޒޭން ތައްޔާރުވެފައި

Oct 3, 2015

ގައުމީ ފުޓްބޯޅަ މުބާރާތް ނުވަތަ ޕްރެޒިޑެންޓްސް ކަޕަކީ ރާއްޖޭގެ އެންމެ ފަހުރުވެރި ފުޓްބޯޅަ މުބާރާތެވެ. އެންމެ ގިނަ ބަޔަކު އަދިވެސް އެންމެ ލޯބިކުރާ އަދި އެންމެ ބޭނުންވާ ތައްޓަކީ ވެސް އެއީ އެވެ. ވިކްޓަރީ އާއި ވެލެންސިއާ އަދި ނިއު އާއި ލެގޫންސް ފަދަ ބޮޑެތި ޓީމުތަކުން އެ ކުލަބުތަކަށް ކާމިޔާބީއެއް ލިބިއްޖެކަން ގަބޫލުކުރާ ރަމްޒަކީ ވެސް ގައުމީ ތައްޓެވެ. މިހެންވެ މިއީ ރާއްޖޭގެ ކޮންމެ ޓީމަކަށް، ކޮންމެ ކުޅުންތެރިއަކަށް، އަދި ކޮންމެ ކޯޗަކާއި އޮފިޝަލަކަށް ވެސް އެންމެ ހާއްސަ ކާމިޔާބީއަކީ ގައުމީ މުބާރާތުގެ ތައްޓެވެ.

އައްޑޫ ސިޓީގައި މާދަމާ ހަވީރު ކުޅޭ މުބާރާތުގެ ފައިނަލަކީ މާޒިޔާގެ ކޯޗު އަލީ ސުޒޭނަށް ވަރަށް ގިނަ ގޮތް ގޮތުން ހާއްސަ ފައިނަލެކެވެ. ތަށި ލިބިއްޖެނަމަ އޭނާ އުފަލުން ރޮވޭނެ މުހިންމު ތިން ކަމެއް އެބަމެދުވެރިވެ އެވެ.

ފުޓްބޯޅަ ދަނޑުގައި ސުޒޭނުގެ "އަބަދުވެސް އެއް ނަންބަރު ވާދަވެރިއަކީ ނިއުރޭޑިއަންޓް،" ކަމަށް އޭނާ ތަކުރާރުކޮށް ބުންޏެވެ. އެ ޓީމު ބަލިކޮށް މާދަމާ ގައުމީ ތަށި ލިބިއްޖެނަމަ ސުޒޭނަށް ވެގެންދާނީ ދެ ޓީމެއްގައި ގައުމީ ތަށި ކާމިޔާބުކުރާ ފުރަތަމަ ދިވެހި ކޯޗަކަށެވެ. މިހެންވެ މި ކާމިޔާބީ އަކީ އޭނާ ވަރަށް ބޮޑަށް ބޭނުންވެފައިވާ ކާމިޔާބީއަކަށްވުމަކީ ފައިނަލް މެޗު ހާއްސަވާ ފުރަތަމަ ސަބަބެވެ.

"އަޅުގަނޑަކީ ތާރީހަށް ވަރަށް ލޯބި ކުރާ މީހެއް. ގާތްގަނޑަކަށް 45 އަހަރަށްފަހު ގައުމީ މުބާރާތް އަތޮޅުތެރޭގައި އައްޑޫގައި މިކުޅެނީ. އެހެންވީމަ މިއީ ވަރަށް ތާރީހީ ފައިނަލެއް. މި ތަށި ހޯދަން އަޅުގަނޑު ވަރަށް ބޭނުން،" މުބާރާތުގެ ސެމީ ފައިނަލް މެޗަށް ފަހު ސުޒޭން ބުންޏެވެ.

މާދަމާގެ ފައިނަލް ކާމިޔާބު ކުރެވިއްޖެނަމަ ސުޒޭން ވެގެންދާނީ މާޒިޔާ އަށް ގައުމީ ތަށި ހޯދައިދިން ފުރަތަމަ ކޯޗަށެވެ.

"ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މާޒިޔާގެ ތާރީހުން ޖާގަ ލިބުމަކީ ވެސް ވަރަށް ބޮޑު އުފަލަކަށްވާނެ. ހަގީގަތުގައި މާޒިޔާ އަށް މި ފަހަރުގެ ފައިނަލްގައި އޮންނާނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށްވާނީ ގައުމީ ތަށި ހޯދާފައިހުރި ކޯޗަކު ޓީމުގައި ހުރުން،" ފައިނަލް މެޗު ހާއްސަވާ ދެ ވަނަ ސަބަބާ ބެހޭ ގޮތުން ސުޒޭން ބުނެފައިވެ އެވެ.

ކޯޗެއްގެ ގޮތުންނާއި ކުޅުންތެރިއެއްގެ ގޮތުން ވިކްޓަރީ އަށް ގައުމީ ތަށި ހޯދާދިފައިވާ ސުޒޭން ގައުމީ ތަށި ބޭނުންވާ ތިން ވަނަ ސަބަބެއް ވެސް އެބައޮތެވެ. އެއީ އޭނާ މާޒީ އާއި ވިކްޓަރީއާ އޮތް ގުޅުމެވެ. ސުޒޭނަކީ "ރަތްލާޖެހި" ވިކްޓަރީ މީހެކެވެ. އޭނާ އެންމެ ލޯބިވާ އަދި ގިނަ ދުވަހު އުޅުނު ކުލަބަކީ ވެސް އެއީ އެވެ.

ވިކްޓަރީ އަބަދުވެސް އެންމެ ބޭނުންވާ ތައްޓަކީ ވެސް ގައުމީ ތައްޓެވެ. މިހާތަނަށް އެ ތަށި ދެ ފަހަރު މިލްކުކޮށްފައިވާ ޓީމަކީ ވެސް ވިކްޓަރީ އެވެ. މީގެ އިތުރުން ޖެހިޖެހިގެން ހަތަރު ފަހަރު ގައުމީ ތަށި ހޯދި ހަމައެކަނި ޓީމަކީ ވެސް ވިކްޓަރީ އެވެ. އެންމެ ފަހުން މިކަން ވިކްޓަރީ ތަކުރާރުކުރީ 2003 ވަނަ އަހަރު ސުޒޭނުގެ ކޯޗުކަމުގެ ދަށުގަ އެވެ.

މި ފަހަރުގެ ފައިނަލަށް ސުޒޭނާ ދެކޮޅަށް ނިއު ރޭޑިއަންޓް މި ނުކުންނަނީ މި ރެކޯޑާ އަރާ ހަމަހަމަ ކުރުމަށެވެ. އިދިކޮޅު ޓީމުގެ ކޯޗަކީ އޭނާ ކަމަށްވެ ހުރެ އެންމެ ބޮޑު ވާދަވެރިޔާ ނިއު މި ރެކޯޑާ ހަމަހަމަ ކުރުމަކީ އެއްވެސް ގޮތަކުން ސުޒޭން އެދޭނެ ކަމެއް ނޫނެވެ.

ގައުމީ ފައިނަލަށް ނުކުންނައިރު ސުޒޭނަކީ މި ތައްޓާ ވަރަށް ރައްޓެހި މީހެކެވެ. އޭނާގެ ޓީމަކީ މިވަގުތު އެންމެ ފޯމުގައި އޮތް އެންމެ މޮޅު ކުޅުންތެރިން ގިނަ ޓީމެކެވެ. މިއީ ކޯޗެއްގެ ގޮތުން ސުޒޭނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެކަމަކު ތަށި ހޯދޭނީ ދަނޑުމަތީގައި ކުޅުންތެރިން ކުރާ މަސައްކަތެއްގެ މައްޗަށެވެ. މިހެންވެ މާޒިޔާގެ ކުޅުންތެރިންނަށް ސުޒޭން އަބަދުވެސް ވިސްނައިދެމުންދަނީ އެންމެ ކަމެއް ކުރުމަށެވެ. އެއީ ކުޅުންތެރިންނަށް އެމީހުންގެ ޒިންމާ އަދާކުރުމަށެވެ. "ކުޅުންތެރިން އެމީހުންގެ ޒިންމާ އަދާކޮށްފިއްޔާ ކާމިޔާބު ލިބުން އޮންނާނީ ވަރަށް ގާތުގައި" ކަމަށް ސުޒޭން ޔަގީންކުރެ އެވެ.