ހަބަރު

ބޮސްނިއާގެ ގަތުލްއާއްމު ތަކުރާރުވިއަ ނުދިނުމަށް ރައީސް ސޯލިހު ގޮވާލައްވައިފި

Jul 11, 2020

ސާބިއާ އިން 1990 ގެ އަހަރުތަކުގައި ބޮސްނިއާގައި ހިންގާފައިވާ ބޮޑު ގަތުލް އާއްމު ހުއްޓުވުމަށް ދުނިޔެ ނުކުޅެދިފައިވާއިރު، މަރާލި 8،000 މުސްލިމުން ހައްގުގައި އެފަދަ ޖަރީމާއެއް ތަކުރާރުވިއަ ނުދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މުޅި ދުނިޔެއަށް މިއަދު ގޮވާލައްވައިފި އެވެ.

ބޮސްނިއާގައި 1992-1995 އަށް ކުރި ހަނގުރާމައިގައި ސާބިއާ ސިފައިން ވަނީ ސްރެބެނިއްޒާގައި، 1995 ވަނަ އަހަރު ބޮސްނިއާގެ 8،000 މުސްލިމުން މަރައިފަ އެވެ. މިއީ ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ޔޫރަޕުގައި ހިންގި އެންމެ ބޮޑު ގަތުލްއާއްމެވެ.

އެ ޖަރީމާއަށް މިއަދު 25 އަހަރު ފުރިފައިވާއިރު، ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮސްނިއާގައި ހިންގާފައިވާ ބޮޑު ގަތުލް އާއްމުގައި 8،000 އަށް ވުރެ ގިނަ މުސްލިމު ފިރިހެނުންނާއި ފިރިހެންކުދިން މަރާލިއިރު އެކަން ހުއްޓުވުމަށް މުޅި ދުނިޔެ ނުކުޅެދުނު ކަމަށެވެ.

"އެކަމަކު އެ ގަތުލު އާއްމުގައި މަރާލި މީހުންގެ ހަނދާން އެންމެ އެކަށީގެންވާ ގޮތެއްގައި އާ ކުރެވޭނީ، އެ ފަދަ އިންސާނިއްޔަތާ ހިލާފު އަމަލެއް ދެން ނުހިންގޭނެކަން ކަށަވަރުކޮށްގެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ސްރެބެނިއްޒާގައި ހިމާޔަތް ހޯދައިގެން ތިބި އެތަކެއް ހާސް މުސްލިމުން މަރަމުންދިއައިރު، އދ. ސުލްހަ ބަލަހައްޓަން ތިބި ސިފައިން އެކަން ހުއްޓުވަން މަސައްކަތެއް ނުކުރެވުނެވެ.

މުސްލިމު ފިރިހެނުންނާއި ކުދިން މަރަމުންދިއައިރު، އަންހެނުންނާއި އަންހެން ކުދިން ސާބިއާ ސިފައިން ދިއައީ ރޭޕްކޮށް އަނިޔާކުރަމުންނެވެ.

އދ. ގެ ކުރީގެ ސްކްރެޓަރީ ޖެނެރަލް ކޯފީ އަނާން ވިދާޅުވެފައިވާ ގޮތުގައި، ސްރެބެނިއްޒާގެ ޖަރީމާއަކީ އދ. ގެ ތާރީހުން ވެސް ނުފިލާ ވަރުގެ ލައްގަނޑެއް ކަމަށެވެ.

ބޮސްނިއާ ހަނގުރާމައިގެ ގަތުލްއާއްމުގައި ސާބިއާގެ ސީދާ ބައިވެރިވުމެއް ނެތް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ 2007 ވަނަ އަހަރު ނިންމައިފަ އެވެ.

އެ ހާދިސާ އާ ގުޅިގެން މައާފަށް އެދުނު ނަމަވެސް، އެއީ ގަތުލުއާއްމެއްކަމަށް މިއަދާ ހަމައަށްވެސް ސާބިއާ އިން ގަބޫލުކުރަން ވަނީ ދެކޮޅު ހަދައިފަ އެވެ.