ރާއްޖެ ކުޅިވަރު

ފައިނަލަށް ރައީސް ވަޑައިނުގަންނަވާނެ، ތަށި ދެއްވާނެ ބޭފުޅަކު ނިންމާނީ މިއަދު

Oct 3, 2015

މާދަމާ ކުޅޭ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވަން ރައީސުލްޖުމުހޫރިއއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވަޑައިނުގަންވަނާނެ ކަމަށާއި އެމަކިނުފާނުގެ ފަރާތްޕުޅުން މެޗު ޝަރަފުވެރިކޮށްދެއްވާނެ ބޭފުޅަކު ނިންމާނީ މިއަދު ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ރައީސުލްޖުމުހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ މުބާރާތުގެ ތަށި ދެއްވުމަށް ޔާމީން އައްޑު އަށް ވަޑައިނުގަތުމަށް ނިންމީ އެމަނިކުފާނުގެ ސެކިއުރިޓީއާ މެދު ސުވާލު އުފެދިފައިވާ ވަގުތެއްގަ އެވެ.

އެއީ ހައްޖުގެ އަޅުކަމަށްފަހު މާލެ ވަޑައިގެންނެވި ލޯންޗުގައި އެއްޗެއް ގޮވައި އަނބިކަނބަލުންނަށާއި އެމަނިކުފާނުގެ ސެކެރެޓަރީ އަކާއި ހަށިފާރަވެރިއަކަށް ބޮޑެތި އަނިޔާތަކެއްވެ ފަރުވާކުރަން ޖެހިފައިވާތީ އެވެ.

އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ނިއުރޭޑިއަންޓާއި މާޒިޔާ ކުޅޭ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވާނެ ބޭފުޅަކު ހަމަޖައްސާނީ މިއަދު ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ފަށައި 29 ވަނަ ދުވަހު ނިންމަން އޮތް މުބާރާތުގެ ފައިނަލް މާދަމާ އަށް ލަސްކުރީ މުބާރާތުގެ ތަށި ދެއްވުމަށް ފައިނަލް މެޗަށް އައްޑު އަށް ވަޑައިގަތުމަށް ރައީސް ކުރިން ބޭނުންފުޅުވުމުންނެވެ. ގައުމީ މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިދިޔަ މަހުގެ 27ގައި ނިމުމަށްފަހު ފައިނަލް މެޗާ މެދު ގިނަ ދުވަސްތަކެއްވާތީވެ، ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ޓީމު ފަރިތަކުރަމުންދަނީ ވެސް އައްޑޫގަ އެވެ.