ދުނިޔެ

ސިންގަޕޫރުގެ ވެރިކަން ކުރާ ޕާޓީ އަނެއްކާވެސް އިތުރު ދައުރަކަށް

Jul 11, 2020

ސިންގަޕޫރު (ޖުލައި 11) - ސިންގަޕޫރުގައި އިއްޔެ ބޭއްވި އާއްމު އިންތިހާބު ވެރިކަން ކުރާ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) އިން ކާމިޔާބު ކުރި ނަމަވެސް އެ ޕާޓީއަށް އޮންނަ ތާއީދު ވަރަށް ބޮޑަށް ދަށްވެއްޖެ އެވެ.

ޕީއޭޕީ 1965 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި އޮތް އިރު މި ފަހަރުގެ އިންތިހާބުގައި 93 ގޮނޑީގެ ތެރޭން ލިބުނީ 83 ގޮނޑި އެވެ.

އިދިކޮޅު ވޯކާސް ޕާޓީން ވަނީ 10 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި އިދިކޮޅު ޕާޓީއަކުން އެހާ ގިނަ އަދަދެއްގެ ގޮނޑި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

މިފަހަރު އިންތިހާބުން ނާކާމިޔާބު އިސް ލީޑަރުންގެ ތެރޭގައި ކުރީގެ ދެ މިނިސްޓަރަކު ވެސް ހިމެނެ އެވެ.

ޕީއޭޕީގެ ކާމިޔާބީއާ އެކު ބޮޑު ވަޒީރު ލީ ސިއެން ލޫންގަށް ވަނީ އިތުރު ދައުރެއް ލިބިވަޑައިގެންފަ އެވެ. ސިންގަޕޫރުގެ ބާނީ ލީ ކުއާން ޔޫގެ ދަރިކަލުން ލީ ގެންދަވަނީ 2004 ވަނަ އަހަރުން ފެށިގެން ސިންގަޕުރުގައި ވެރިކަން ކުރައްވަމުންނެވެ. ނަމަވެސް ކުރިއަށް އޮތީ އޭނާގެ ފަހު ދައުރު ކަމަށް އަޑުތައް އަރައިފައިވެ އެވެ.