ޖިންސީ ގޯނާގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވަމުންދާއިރު އެފަދަ މައްސަލަތަކަށް އިންސާފު ލިބޭނެ ކަމާއި މެދު ޝައްކު އުފެދިފައިވާ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް މިހެން ވިދާޅުވީ ޖިންސީ ގޯނާގެ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންންނަށް ސަލާމަތް ނުވެވޭނެކަން އެނގެން ޖެހޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވުމާއި ގުޅިގެންނެވެ. ޕީޖީ ޝަމީމް މިހެން ވިދާޅުވީ އުމުރުން 11 އަހަރުގެ ކުޑަކުއްޖަކު ގްރޫމްކޮށްގެން ގެސްޓްހައުސްއަކަށް ގެންގޮސް ޖިންސީ ގޯނާ ކުރި މައްސަލައާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގަ އެވެ.
ޝަމީމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ މާގިނަ ވާހަކަ ނުދައްކަވާނެ ކަމަށާ އިހުލާސްތެރިކާމާއި އަމާނާތްތެރި ކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޝަމީމްގެ ޓްވީޓަށް ރައްދު ދެއްވަމުން ޖަމީލް ވަނީ ވާހަކަ ގިނަ ނުކުރައްވާ އަމަލުން އެކަން ސާބިތުކޮށްދެއްވުމަށް ގޮވާލައްވާފައެވެ. ހުޅުމާލެ ފަޅުތެރޭ އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައާއި ގުޅިގެން ކަންވެފައިވާ ގޮތުން ޝަމީމްގެ ވާހަކަތައް ގަބޫލުކުރަން ދަތި ކަމަށް ޖަމީލް ވިދާޅުވިއެވެ.
"މިފަދަ ކުށްތަކުގެ [ޖިންސީ ކުށުގެ މައްސަލަ] ތުހުމަތު ކުރެވޭ އެތައް ބަޔަކު އަދިވެސް ތިބީ ސަރުކާރުގެ ވަޒީފާގައި. އިންސާފު ލިބޭނެ ކަމާމެދު ޝައްކު،" ކުރިން ޖަސްޓިން މިނިސްޓަރުކަމާއި އިސް ގާޒީކަންވެސް ކުރެއްވި ޖަމީލް ވިދާޅުވިއެވެ.
މިފަހުން ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް ދަނީ ފެންމަތި ވަމުންނެވެ. އެފަދަ މައްސަލަތަކަށް އިންސާފު ނުލިބޭތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހާއްސަކޮށް ހުޅުމާލެ ފަޅުތެރޭ އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅިގެން ސަރުކާރާއި މަޖިލީހުން އަމަލުކޮށްފައިވާ ގޮތާމެދުވެސް ގިނަ ބަޔަކު ސުވާލު އުފައްދައެވެ.