ކުރެންދޫ

ކޭވައިއެމްގެ އިސްނެގުމާއެކު ކުރެންދޫ ސާފުކޮށްފި

Jul 12, 2020

ޅ. ކުރެންދޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ކުރެންދޫ ޔޫތް މޫމަންޓް (ކޭވައިއެމް) ގެ އިސްނެގުމާއެކު ރަށުތެރެ ސާފު ކުރުމުގެ ހަރަކާތެއް ހިންގަައިފި އެވެ.

"ނަލަ ސާފު ކުރެންދޫގެ" ޝިއާރުގެ ނަމުގައި މިހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ އެރަށުގައި ހުރި ސަރުކާރުގެ އިދާރާތަކާއި ކުލަބް ޖަމިއްޔާތަކާއި ވިޔަފާރި ވެރިންނާއި އޮނޑިވެރިންގެ އިތުރުން އާންމު ރައްޔިތުންގެ ބައިވެރިވުމާއެކު އެވެ.

މިއަދުގެ ހަރަކާތާ ގުޅޭގޮތުން ކޭވައިއެމްގެ ރައިސް އިބްރާހިމް މުހައްމަދު ވިދާޅުވީ ރަށް ސާފުކުރުމަށް އެ ޖަމިއްޔާއިން އިސްނެގީ ކުނީގެ ސަބަބުން ކުރެންދޫއަށް ދިމާވެފައިވާ ބޮޑު މައްސަލައަށް އަވަސް ހައްލެއް ހޯދާ ކުނި ގިނަވެގެން އޭގެ ސަބަބުން ކުރިމަތިވަމުންދާ މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ. ހާއްސަކޮށް މާހައުލާއި، ދިރޭތަކެއްޗާއި އިންސާނުންގެ ސިއްހަތަށް ލިބެމުންދާނެ ގެއްލުންތައް ހުއްޓުވުމަކީ މިފަދަ ހަރަކާތެއް ހިންގުމުގެ އެންމެ މުހިންމު މަގްސަދު ކަމަށެވެ.

"މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ރަށުގެ ނޫކަށި ފުރައިގެ ޒުވާނުންގެ ފަރާތުން ފެނިގެން ދިޔާއި ވަރަށް ވެސް ޖޯސާ ފޯރީގައި ރަށުގެ ހޭޅި މަތި ސާފު ކުރުމުގައި އަވަދިނެތި އުޅުނު މަންޒަރު. ކޭވައިއެމްގެ ފަރާތުން މި މަސައްކަތުގައި ބައިވެރި ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން،"

އިބްރާހިމް ވިދާޅުވީ ރަށް ސާފުކުރުުމުގެ އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެ ޖަމިއްޔާއިން ނިންމާފައިވާ ކަމަށެވެ. މިފަދަ މަސައްކަތް ތަކުގެ ސަބަބުން ޒަމާނުއްސުރެ ރަށުގައި އޮންނަ އެއްބައިވަންތަ ގުޅުން ދެމެހެއްޓުމަށްވެސް ވަރަށް ބޮޑު ބާރަކަށްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިރަށް ވަށައިގެން ސާފުކުރިއަސް އެންމެ މުހިއްމީ ސާފުތާހިރުކޮށް ރަށް ބޭއްވުން. ރަށް ސާފުކުރަން މިއަދު ނިކުތް އެތައް ބަޔަކަށް އެ މެސެޖް މިއަދު ވާނީ ލިބިފައި. ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ އަދާކުރަން ޖެހޭކަން. މި ހަރަކާތާއެކު ތަފާތު ކުރެންދޫއެއް ފެނުން އުންމީދަކީ،" އިބްރާހިމް ވިދާޅުވިއެވެ.

ރައްޔިތުން ގްރޫޕްތަކަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މަސައްކަތުން ކުރެންދޫގެ ވަށައިގެންވާ އަތިރިމައްޗާއި ހޭޅިފަށް އެއްކޮށްވަނީ ސާފުކޮށްފަ އެވެ.

ކުރެންދޫ ޔޫތް މޫމަންޓަކީ މިދިޔަ އަހަރު ރަޖިސްޓަރީ ކުރި ޖަމިއްޔާއެކެވެ. އަދި މިއީ މިޖަމިއްޔާގެ ފަރާތުން ރަށުގައި ބޭއްވި މިފަދަ ފުރަތަމަ ހަރަކާތެވެ.