ޑރ. މުހައްމަދު މުއިއްޒު

ފާޑު ކިޔައިގެން ފިޔަވަޅެއް ނާޅާނަން: ރައީސް

މީހަކު ހިތްހަމަ ނުޖެހިގެން ބުނާ ބަހަކުން ފިޔަވަޅު ނާޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޅ. ކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ހިތްހަމަނުޖެހިގެން ވާހަކަ ދެއްކި ނަމަވެސް ފިޔަވަޅު ނާޅުއްވާނެ ކަމަށެވެ.

"އަޅުގަނޑާއި ދިމާލަށް އެއްވެސް މީހަކު އެއްޗެއް ބުނުމަކުންނެއް ފިޔަވަޅެއް ނާޅާނަން. އަޅުގަނޑު ބޭނުންވަނީ ރައްޔިތުންގެ އަޑު އަހަން. ކްރިޓިސައިޒްވެސް ކުރަންވާނެ އެއީ ޕޮޒިޓިވް ހެޔޮ ނިޔަތުގައި ކަންކަން ރަނގަޅުކުރަން ވިދާޅުވާ އެއްޗެއްނަމަ ވަރަށް ބޮޑަށް މަރުހަބާވެސް ކިޔާނަން. އަދި ހިތްހަމަނުޖެހިގެން ވިދާޅުވާ އެއްޗެއް ވިޔަސް ފިޔަވަޅެއް ނާޅާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި ސަރުކާރު ކުންފުންޏެއްގެ މުވައްޒަފަކަށް ފިޔަވަޅު އެޅި ޚަބަރު ނޫހަކުން ފެނިވަޑައިގަތް ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެ ޚަބަރު ފެނިވަޑައިގަތުމުން ކުންފުނީގެ އެމްޑީއަށް ގުޅުއްވި ކަމަށެވެ.

"އަޅުގަނޑު ބޭނުމެއް ނޫން އަޅުގަނޑާއި ދިމާލަށް އެއްޗެއް ބުނެގެން ފިޔަވަޅެއް އަޅާކަަށް. އެކަހަލަ ކަންތައް ކުރާ މީހެއް ނޫން އަޅުގަނޑަކީ އެއްވެސް އިރެއްގައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކޮންމެ މީހަކަށް ކޮންމެ އެއްޗެއްވެސް ވިދާޅުވެވެން ވާނެ ކަމަށެވެ. އަދި ހިތްހަމަ ނުޖެހޭނަމަ ބޭނުންވާ ވާހަކަ ދެއްކެންވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެމްޑީ ވިދާޅުވީ އެކަހަލަ ކަމެއް ނޫނޭ އެއަށްވުރެ މާ ސީރިއަސް ކަންތައްތަކެކޭ. ތިމަންނަމެން ކުންފުނީގެ އޮންނަ އުސޫލުތަކާއި ތިމަންނަމެން ކުންފުނީގެ އޮންނަ ޕޮލިސީގެ ތެރެއިން ކުރިއަށް ގެންދިޔަ ކަންތައްތަކެކޭ އޮންނާނީ ގެންގޮސްސަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކަން ހިނގިގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެމްޑީއަށް ދަންނަވާފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ހަގީގަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށާއި ކަންކަން ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

"އަޅުގަނޑުގެ ކިބައިން، އަޅުގަނޑުމެންގެ ސަރުކާރުގެ ކިބައިން، މިނިސްޓަރުން، އެމްޑީން، އަޅުގަނޑުމެންގެ އެމްޕީން މިހުރިރާ ބޭފުޅުންގެ ކިބައިން ފެނިވަޑައިގަންނަވާނީ ސާފު ބަހުން ތެދުބަހުން ވާހަކަ ދައްކާތަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އޭގެ ޖަވާބުގައި އެހެން ފަރާތްތަކުން ހަދަނީ ހުސް ދޮގު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.