ލައިފްސްޓައިލް

ވަރުބަލިވެފައިވާ ނަރުހެއްގެ ފޮޓޯއިން މީހުން ރޮއްވާލައިފި

ކޮރޯނާވައިރަހުގެ ސަބަބުން ބަލިވާ މީހުންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން ދާއިރު މި ހަނގުރާމައިގައި އެންމެ ބޮޑު ބުރަ މަސައްކަތެއް ކުރަން ޖެހިފައިވަނީ ފްރަންޓްލައިން ވާކާޒް ނުވަތަ އެންމެ އިސް ސަފުގައި މަސައްކަތްކުރަން ޖެހިފައިވާ ސިއްހީ ޚިދުމަތްތެރިންނަށެވެ. ޚާއްސަކޮށް ޑޮކްޓަރުންނާއި ނަރުހުން ކުރާ މަސައްކަތަކީ ހަށިގަނޑަށް ލިބޭ ބުރައިގެ އިތުރުން ނަފްސާނީ ގޮތުން ވެސް އެމީހުންނަށް ވަރަށް ފުން އަސަރުތަކެއް ކުރުވާ ކަމެކެވެ.

ކޮވިޑް-19 ބަލި މީހުންނަށް ޚިދުމަތް ދިނުމުގައި އުޅެނިކޮށް އެ ބަލި ޖެހި ފުރާނަ ގެއްލިފައިވާ ސިއްހީ ޚިދުމަތްތެރިންގެ އަދަދު ވެސް މިހާރު ހާޙުން ގުނާލެވެ އެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު އަންދާޒާ ކޮށްލަން ވެސް ނޭނގޭހާ ގިނަ އެވެ. ނަމަވެސް ހިތްވަރާއި އަޒުމާއި އޯގާތެރިކަމާއެކު އެމީހުން ޚިދުމަތުގައި ދެމި ތިބެނީ އަމިއްލަ ފުރާނައަށް ބެލުމެއް ނެތި އެވެ.

ހުކުރު ދުވަހުއްސުރެ އިންޓަނެޓުގައި ދައުރުވަމުންދާ އެއް ފޮޓޯއަކީ މިފަދަ ހިތްވަރުގަދަ ނަރުހެއްގެ ފޮޓޯއެކެވެ. އިންޑިޔާގައި އެންމެ ގަދަޔަށް ކޮވިޑް-19 ފެތުރިފައިވާ އާސާމްގެ ކަނާޕަރާ ކޮވިޑް ސެންޓަރުގައި މަސައްކަތްކުރާ މި ނަރުސް ވަރުބަލި ވެގެން ގޮސް ބިންމަތީގައި އިށީނދެގެން އިންދާ ފެންނަ މި ފޮޓޯފެނިފައި ސޯޝަލް މީޑިއާގައި ގިނަ ބަޔަކަށް ވަރަށް އަސަރު ކުރި އެވެ.

އަދި ޕީޕީއީ ހެދުމުގައި ކުރެވޭ އިހްސާސްތައް ދަންނަ އެތައް ބަޔަކު ބުނެފައިވާ ގޮތުގައި 32 ޑިގްރީ ހޫނު ހުންނަ މި ސަރަހައްދުގައި ޕީޕީއީ ހެދުން އަޅައިގެން އުޅުމަކީ އިންތިހާއަށް ވަރުބަލިކަމާއި އުނދަގޫ އިހްސާސް ކުރަން ޖެހޭނެ ކަމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

މިއީ އެންމެ ނަރުހެއްގެ ހާލަތު ދައްކުވައިދޭ ފޮޓޯއެއް ނަމަވެސް މިއީ ފްރަންޓްލައިންގައި މަސައްކަތްކުރާ އެތައް ހާސް ސިއްހީ އެހީތެރިންނެއް އުޅޭނެ ހާލު ބަޔާންކޮށްދޭ ފޮޓޮއެއް ކަމަށް މި ފޮޓޮޔަކަށް ކޮމެންޓުކުރި ގިނަ ބަޔަކު ވަނީ އެއްބަސްވެފަ އެވެ. އަދި މިފަދަ މީހުންނާ ދެކޮޅަށް ވާހަކަ ދައްކާ މީހުން މި ފޮޓޮއަށް ބަލާފައި އެމީހުން އުޅޭ ގޮތް ވަޒަންކޮށްލުމަށް ވެސް ބައެއް މީހުން އެދިފައި ވެއެވެ.

"ގުވަހާޓީގެ ޓެމްޕްރޭޗަރު މިހާރު ހުރީ 32 ޑިގްރީގައި. ހީކޮށްލާ ޕީޕީއީ ސޫޓް ލައިގެން ކޮވިޑް-19 ބަލި މީހުންނަށް ޚިދުމަތް ކުރަން ތިބޭ މީހުން އުޅެން ޖެހޭނެ ހާލު. އަދިވެސް މީހުން މި މީހުންނަށް އެބަ ފާޑުކިޔާ،" މީހަކު ކުރި ޓުވީޓެއްގައި ލިޔެފައި ވެއެވެ.

އައިރިކް ބޯގަމް ކިޔާ މީހެއްގެ ޓުވީޓްގައި ބުނި ގޮތުގައި ވަރުބަލި ވެގެން އިށީނދެ އިން ނަރުސް މީހާގެ ހާލަތު އޭނާއަށް ވަޒަން ކުރެވެ އެވެ. އެ ހެދުމުގައި ހުންނައިރު ހަށިގަނޑު ހީވާނީ ހޫނު ވެގެން ކެކޭހެން ކަމަށް އޭނާ ބުންޏެވެ. އަދި ބޭނުން ވާނީ ވީހާވެސް އަވަހަކަށް ފެން އެއްޗަކަށް ފުންމާލަން ކަމަށާއި ޕީޕީއީ ކިޓްގައި މަސައްކަތްކުރާ މީހުންނަށް ގަދަރު ކުރުމަށް އެމީހާ އެދިފައި ވެއެވެ.

މި ނޫނަސް ގިނަ ބަޔެއްގެ ޝުއޫރުތައް ހުރީ މިފަދަ ގޮތަކަށެވެ. އެއްބައި މީހުން ބުނެފައިވަނީ މި މަންޒަރުފެނިފައި އެމީހުންނަށް ހަގިގަތުގައި ވެސް ރޮވުނު ކަމަށެވެ.