ކުޅިވަރު

ފަހުވަގުތު ރޮނާލްޑޯ ޔުވެންޓަސް ސަލާމަތް ކޮށްފި

އެޓަލާންޓާ އަތުން ޔުވެންޓަސް ބަލިވާން ދަނިކޮށް ފަހު ވަގުތު، ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކުރި ޕެނަލްޓީން ޔުވެންޓަސް ބަލި ނުވެ ސަލާމަތް ވެއްޖެ އެވެ. މެޗު ނުމުނީ 2-2 ން އެއްވަރު ވެގެންނެވެ.

ޔުވެންޓަސްގެ ދެ ލަނޑު ވެސް ރޮނާލްޑޯ ކާމިޔާބު ކުރީ އެ ޓީމަށް ލިބުނު ދެ ޕެނަލްޓީންނެވެ. އެޓަލާންޓާއިން ލީޑް ނެގީ މެޗުގެ 16 ވަނަ މިނެޓްގައި ޒުފާން ޒަޕާޓާ ކާމިޔާބު ކުރި ލަނޑުންނެވެ. ދެ ވަނަ ހާފުގެ 10 ވަނަ މިނެޓް ކުޅެވުނު ފަހުން ރޮނާލްޑޯ ޕެނަލްޓީން މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ. އެޓަލާންޓާގެ އޭރިއާގެ ތެރޭގައި ހުރެފައި އެ ޓީމުގެ މާޓެން ޑި ރޫން މަސައްކަތް ކުރީ ޔުވެންޓަސްގެ ޕައުލޯ ޑިބާލާ ފޮނުވާލި ބޯޅަ ދިފާއު ކުރުމަށެވެ. ޑިބާލާ ފޮނުވާލި ބޯޅަ ޖެހުނީ ޖެހުނީ ޑި ރޫންގެ އޮޅަނބޮށީގަ އެވެ.

މެޗުގެ 81 ވަނަ މިނެޓްގައި ރުސްލަން މަލިސޮވްސްކީ ވަނީ އަނެއްކާވެސް އެޓަލާންޓާ އަށް ލީޑް ނަގައިދީފަ އެވެ. ޖެހިޖެހގެން 10 ވަނަ މެޗުން އެޓަލާންޓާގެ މޮޅުވުމުގެ ރޭހަށް ހުރަސް އެޅުނީ މެޗުގެ 90 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީން ރޮނާލްޑޯ ނަތީޖާ ހަމަހަމަ ކުރުމުންނެވެ. މިފަހަރު އެޓަލާންޓާގެ އޭރިއާގެ ތެރެއިން ބޯޅަ ޖެހުނީ ލުއިސް މުއިރިއެލް އަތުގަ އެވެ.

މެޗުގައި ލަނޑު ޖަހާނެ އެހެން ފުރުސަތުތައް ޑިބާލާ އަށާއި ރޮނާލްޑޯއަށް ލިބުނެވެ. ރޮނާލްޑޯ ފޮނުވާލި ނުރައްކާތެރި ބޯޅަތައް އެޓަލާންޓާގެ ކީޕަރު ޕިއާލުއީޖީ ގޮލީނީ ދިފާއު ކުރި އެވެ.

ސަސުއޯލޯ އަތުން 2-1 ދެ ވަނައިގައި އޮތް ލާޒިއޯ ބަލިވެ އެ ޓީމު ވަނީ ޖެހިޖެހިގެން ތިން މެޗުން ބަލި ވެފަ އެވެ. އެ ޓީމު މެޗުން ބަލިވެ، ޔުވެންޓަސް އަށް ވަނީ ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް ލީގް ހޯދުމުގެ ފުރުސަތު ފަހި ވެފަ އެވެ. ޔުވެންޓަސް އެއް ވަނައިގައި އޮތީ އަށް ޕޮއިންޓްގެ ލީޑަކާ އެކު އެވެ.