ލައިފްސްޓައިލް

ކޮވިޑް ޖެހުނު މީހެއްގެ ގަބުރު އޮޓޯގައި އުފުލައިފި

އިންޑިޔާގެ ނިޒާމްއާބާދުގެ ސަރުކާރު ހޮސްޕިޓަލެއްގައި ކޮވިޑް-19 ޖެހިގެން މަރުވި މީހެއްގެ ގަބުރު އޮޓޯ ރިކްޝާއެއްގައި ގެންދާ މަންޒަރު ފެނިފައި ގިނަ ބަޔަކަށް ވަރަށް ބޮޑު ހައިރާން ކަމެއް ލިބި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިއްޖެ އެވެ.

ހަށިގަނޑު ސުޕަވައިޒް ކުރާނެ އެއްވެސް މީހަކު ނެތި އޮޓޯ ރިކްޝާގެ ފަހަތުގައި ބާއްވައިގެން ވަޅުލަން ގަބުރުސްތާނަށް ގެންދާ މަންޒަރު ގިނަ ބަޔަކު ބެލީ އިންތިހާއަށް ކަންބޮޑުވެފައި ތިބެގެންނެވެ.

ރިކްޝާ ހަނިކަމުން ގަބުރު ބާއްވާފައި އޮތްއިރު ބޮލާ ވީ ކޮޅުންނާއި ފަޔާ ވީކޮޅުން ބޮޑުބައި އޮތީ ރިކްޝާއިން ބޭރަށް ނުކުމެފަ އެވެ.
އުމުރުން 50 އަހަރުގެ އެ މީހާ މަރުވުމުން އޭނާގެ ހަށިގަނޑު ހޮސްޕިޓަލުން ހަވާލުކުރީ މަރުވި މީހާގެ ތިމާގެ މީހަކާ އެވެ. ހަށިގަނޑާ ހަވާލުވި މީހާއަކީ ހޮސްޕިޓަލުގެ މުވައްޒަފަކަށް ވާތީ އޭނާ އެދުމުން ހަށިގަނޑު އޭނާއަށް ގެންދަން ދޫކުރީ ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ.

މި މީހާގެ ގަބުރު ހަވާލު ކުރިއިރު ވަޅުލުމުގެ ކަންތައްތައް ދާގޮތް ސުޕަވައިޒްކުރަން ދާނެ މީހަކު ހޮސްޕިޓަލުން ހަމައެއް ނުޖައްސަ އެވެ. އަދި އެމްބިއުލެންސެއްގެ އިންތިޒާމްތައް ވެސް ހަމަޖައްސާފައެއް ނެތެވެ.

ނިޒާމްއާބާދު ގަވަންމަންޓް ހޮސްޕިޓަލުގެ ސުޕްރިންޓެންޑެންޓް ޑރ. ނާގޭޝްވަރް ރާއީ އިންޑިޔާގެ ނޫހަކަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެފައވަނީ މަރުވި މީހާގެ ތިމާގެ މީހަކު އެ ހޮސްޕިޓަލުގައި މަސައްކަތް ކުރެ އެވެ. އަދި ގަބުރު އޭނާއާ ހަވާލު ކޮށްދިނުމަށް އެދުމުން އެގޮތަށް ކަންތައް ކުރީ އެވެ.

ޑޮކްޓަރު ވިދާޅުވީ މަރުވާ މީހުންގެ ގަބުރުތައް ބަހައްޓާ ތަނުގައި މަސައްކަތްކުރާ މީހެއްގެ އެހީތެރި ކަމާއެކު ގަބުރު ގެންގޮސް އޮޓޯ ރިކްޝާ އަށް ލީ ގަބުރާ ހަވާލުވި އެ ހޮސްޕިޓަލުގެ މުވައްޒަފެވެ. އެ މީހާ އެމްބިއުލެންސެއް ލިބެންދެން މަޑުކުރަން ބޭނުން ނުވީ ކަމަށް ވެސް ޑޮކްޓަރު ބުންޏެވެ.