ލައިފްސްޓައިލް

ދަރިފުޅު މަރުވިތާ އަހަރުވީ ދުވަހު ދަރިއެއް!

ކޮވިޑްގެ ސަބަބަން ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ތައް މިލިއަން ބަޔަކަށް ދުވަހަކު ވެސް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ވެފައި ވެއެވެ. މި މީހުންގެ ތެރޭގައި އިންޑިޔާގެ 53 އަހަރުގެ އަންހެނެއް ކަމަށްވާ މަންދާކިނީ ހިމެނެ އެވެ. މަންދާކިނީގެ ވާހަކައަކީ ހުރިހާ މީހުންނަށް ވެސް ވަރަށް އިބުރަތްތެރި ވާހަކައަކަށް ވާނެކަން ޔަގީނެވެ.

އިންޑިޔާއަށް މިދިޔަ އަހަރު ބިންދާލި ކޮވިޑްގެ ބިޔަ ބޮޑު ރާޅުގައި ފުރާނަ ގެއްލުނު މީހުންގެ ތެރޭގައި މަންދާކިނީގެ ހުރި ހަމައެކަނި ދަރިފުޅު އަކްޝޭ ހިމެނުނެވެ. އުމުރުން 27 އަހަރުގެ އަކްޝޭ މަރުވިތާ އަހަރެއް ފުރުނުއިރު މަންދާކިނީ ވިހައިގެންނެވެ. އޭނާއަށް މިފަހަރު ވެސް ލިބުނީ ފިރިހެން ކުއްޖެކެވެ. މި ކުއްޖާއަށް ވެސް އޭނާ ކިޔަން ގަސްތު ކުރަނީ ހަމަ އަކްޝޭ އެވެ.

އެތައް ގިނަ ގޮންޖެހުން ތަކަކާއި އުމުރުން ދުވަސްވެފައި ވުމާއެކު ވެސް މަންދާކިނީ އަށް ސިއްހަތު ރަނގަޅު ދަރިއަކު އަލުން ހޯދުމުގެ ނަސީބު ލިބިފައިވަނީ މިޒަމާނުގައި ބޭސްވެރިކަން ތަރައްގީވެފައިވާ މިންވަރުންނާއި ޑޮކްޓަރުންގެ ކުޅަދާނަކަމުންނެވެ. އެއާއެކު މަންދާކިނީގެ ވަރުގަދަ އަޒުމާއި ނުގުޑުވާލެވުނު ހިތްވަރުންނެވެ.

މިދިޔަ އަހަރުގެ އެޕްރީލް 15 ވަނަ ދުވަހު އަކްޝޭ މި ދުނިޔެއާ ވަކިވުމުން މަންދާކިނީގެ މުޅި ދިރިއުޅުން ފުނޑުފުނޑުވެ ބިމާ ހަމަވި އެވެ. ނަމަވެސް ހިތްވަރުކޮށްފައި އޭނާ އެ ހިތާމަތަކުން އަރައިގަނެ އަނެއްކާ ވެސް މަންމައަކަށް ވުމަށް ކުރެވުނުހާ ކަމެއް ކުރަން ހިތުގައި އަޒުމު ކަނޑައެޅި އެވެ. އޭނާގެ "މަރުވި ދަރިފުޅު އަނބުރާ ދުނިޔެއަށް" ގެނައުމަށެވެ.

އޭރު މަންދާކިނީ އަށް 52 އަހަރު ފުރިއްޖެ އެވެ. އޭނާ އިއްދައިން ކެނޑުނުތާ ވެސް ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
މަންދާކިނީގެ ފިރިމީހާ ވިނޯދް އަކީ އުމުރުން ދުވަސްވެ ރިޓަޔަ ކޮށްފައިވާ ޓީޗަރެކެވެ. ލޭމައްޗަށް ދިއުމާއި ހަކުރުބަލީގެ އުނދަގޫތައް ތަހައްމަލު ކުރަމުންދާ ބަލިމީހެކެވެ. އެހެންކަމުން މި ދެމަފިރިންނަށް ގުދުރަތީ ގޮތުން އަލުން ދަރިއަކު ލިބުމުގެ ފުރުސަތު އޮތީ "ސުމެއް" ގަ އެވެ.
ދަރިއަކު ހޯދަން އަޒުމު ކަނޑައަޅައި މަންދާކިނީ ފުރަތަމަވެސް ދިޔައީ ނާގްޕޫރުގެ އިންފާޓިލިޓީ އެންޑް އައިވީއެފް ސްޕެޝަލިސްޓް ޑރ. ސަންގީތާ ތާޖްޕޫރިއާ ކައިރިއަށެވެ. އަދި މިދިޔަ އަހަރުގެ މޭ 11 ވަނަ ދުވަހު އައިވީއެފް ހަދައިގެން ދަރިއަކު ހޯދުމަށް މަންދާކިނީ ނިންމި އެވެ. ކޮންމެ ކަހަލަ ޑޮކްޓަރީ ފަރުވާއަކަށް ވެސް މަންދާކިނީ ހުރީ ފުރިހަމައަށް ތައްޔާރަށެވެ.

ނަސީބަކުން ދަރިމައިކުރުމަށް ޑޮކްޓަރުން މި ހާލަތުގައި ދޭ ބައެއް ކަހަލަ ފަރުވާތަކަށް މަންދާކިނީގެ ހަށިގަނޑު ފިޓެވެ. އޭނާގެ ހަށިގަނޑުގެ ބަރުދަނާއި އެނޫންވެސް ބައެއް ކަންކަން ހުރީ މިކަން ކުރިޔަށް ގެންދެވޭ ވަރުގެ މިންގަނޑަކަށެވެ.

ޑރ. ސަންގީތާ ވިދާޅުވީ މަންދާކިނީ އޭނާއަށް ދައްކަން އައި ދުވަހާ ޖެހިގެން އައި ދުވަހު އޭނާގެ ފަރުވާ ފެއްޓޭވި ކަމަށެވެ.

ޑޮކްޓަރު ބޭނުންވާ ހުރިހާ ޓެސްޓްތަކެއް ހެދުމަށްފަހު ފުރަތަމަ ލިޔެ ދެއްވީ ބޭހެވެ. މަންދާކިނީ އަލުން ޕީރިއަޑް ވާގޮތް ހެދުމަށެވެ. އޭނާގެ މެންސްޗުރަލް ސައިކަލް އަނބުރާ މަސައްކަތް ފެއްޓުމަށެވެ. ނަސީބަކުން ޑޮކްޓަރީ ފަރުވާ އަށް މަންދާކިނީގެ ހަށިގަނޑުން ވަރަށް ޕޮޒިޓިވްކޮށް އިޖާބަ ދިނެވެ. އެހެންވެ އޮގަސްޓްގައި އައިވީއެފް ހަދަން ޑޮކްޓަރުން ރޭވި އެވެ. އެހާތަނަށް މަންދާކިނީގެ މެންސްޗުރަލް ސައިކަލް މުޅިން ނޯމަލް ވާނެކަމަށް އުންމީދުކޮށްފަ އެވެ.

ނަމަވެސް އޮގަސްޓް އާ ހަމައަށް ވެސް މަޑުކުރަން މަންދާކިނީ ބޭނުމެއް ނުވި އެވެ. އޭނާ ބޭނުންވީ އޭގެ އެއް މަސް ކުރިން، ޖުލައި މަހު އައިވީއެފް ހަދާށެވެ.

"އަހަރެމެންނަކަށް އެންމެ ކުރިން ނުވިސްނުނު މިހާ އާޖެންޓުކޮށް މަންދާކިނީ އައިވީއެފް ހަދަން ބޭނުންވެގެން މިއުޅޭ ސަބަބެއް. މާ ފަހުން އެނގުނީ އޭނާ ބޭނުންވީ އަކްޝޭ މަރުވިތާ އެއް އަހަރު ފުރޭ އޭޕްރީލް މަހު ވިހަންކަން،" ޑޮކްޓަރު ވިދާޅުވި އެވެ.

މަންދާކިނީގެ ސިޒޭރިއަން ހަދަން އޭޕްރީލްގެ ދުވަހެއް ޚިޔާރުކުރަން ޑޮކްޓަރުން އޭނާ ކައިރީ އެދުމުން މަންދާކިނީ ބުނީ އޭޕްރީލް 14 ވަނަ ދުވަހަށް އިންތިޒާރު ކުރާނީ ކަމަށެވެ.

ޑޮކްޓަރުން ފުރަތަމަ ހީކުރީ އެޕްރީލް 14 އަކީ މި ދެމަފިރިންނަށް ރަނގަޅު ސާއަތެއް ކަމަށް ގަބޫލުކުރެވިފައި އޮތީ ކަމަށެވެ. ކޮންމެއަކަސް ސާޖަރީ ހަދައިގެން މަންދާކިނީގެ ބަނޑުގައިވާ ދަރިފުޅު ނެގީ ހަމަ އެޕްރީލް 14 ވަނަ ދުވަހު އެވެ.

މަންދާކިނީގެ 78 އަހަރުގެ މަންމަ ބުނި ގޮތުގައި މަންދާކިނީ މިފަހަރު ވިހޭ ކުޑަ ފިރިހެން ދަރިފުޅާއި އަކްޝޭ އާ ވަރަށް ވައްތަރެވެ. މީގެ 28 އަހަރު ކުރިން އަކްޝޭ އުފަންވީއިރު ވެސް އޮތީ ހަމަ މިކުއްޖާ އޮތް ސިފައިގައި ކަމަށް މާމަ ބުންޏެވެ.

"މަންމައަކު ބޭނުންވެއްޖެނަމަ ތަގްދީރު ވެސް ބަދަލު ކުރެވިދާނެކަން އަހަރެމެން މިއަދު މި ސާބިތުކޮށްދިނީ. އަހަރެން ބޭނުންވީ ކޮންމެ ހާލަކުން ވެސް އަހަރެންގެ މަރުވި ދަރިފުޅު އަނބުރާ ދުނިޔެއަށް ގެންނަން. މިއަދު އެކަން ކާމިޔާބުވީތީ އަހަރެން މިހިރީ ވަރަށް އުފަލުން،" މަންދާކިނީ ބުންޏެވެ.