ކުލަބް ގްރީން ސްޓްރީޓްސް

އޮގީ ގްރީން ސްޓްރީޓަށް ސޮއި ކޮށްފި

މިދިޔަ ސީޒަންގައި ށ. ފޯކައިދޫ ފުޓްބޯޅަ ޓީމަށް ކުޅުނު ޒުވާން ފޯވަޑް މުހައްމަދު ޖައިލަމް (އޮގީ) ކުރިއަށް އޮތް ސީޒަންގައި ކުލަބު ގްރީން ސްޓްރީޓަށް ކުޅެން ސޮއި ކޮށްފި އެވެ.

ޑިސެމްބަރު މަހު ފަށަން ތާވަލު ކޮށްފައިވާ އާ ސިޒަނަށް ގްރީން އަށް ސޮއި ކުރި އެންމެ ފުރަތަމަ ކުޅުންތެރިޔަކީ އޮގީ އެވެ. މިދިޔަ އަހަރު އިންޑިއަން އޯޯޝަން އައިލެންޑް ގޭމްސްގައި ސީނިއާ ޓީމަށް ކުޅެން ފެށި އޮގީ ވަނީ ފޯކައިދޫ ޓީމާއެކު ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އޭނާ ވަނީ ރީޔޫނިއަން އާއި މަޔޯޓޭ އާ ދެކޮޅަށް ކުޅެފަ އެވެ. ރީޔޫނިއަން މެޗުގައި ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއްވެސް އޭނާ އަށް ލިބުނެވެ. އެފްއޭއެމުން ހޮވި 2018 ވަނަ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދި އޮގީ ގުރީން އަށް ގެންދިއުމަށް އެ ކުލަބުން މީގެ ކުރިން ވަނީ މަސައްކަތް ކޮށްފަ އެވެ. އެ ކުލަބަށް އޭނާ ބަދަލުވުމަށް އެންމެ ބޮޑަށް ބާރު އެޅީ، މިދިޔަ ތިން އަހަރު މާޅޮސް އަދި ފޯކައިދޫގައި އޭނާ އަށް ކޯޗް ކޮށްދިން އަލީ ނިޝްތާރު މުހައްމަދެވެ.

މިދިޔަ އަހަރު އަނިޔާވެ ސީޒަންގެ ވަކި ހިސާބަކުން ކުޅުމާ ދުރައް ދާން ޖެހުނު ނަމަވެސް ސީޒަން ފަށާއިރު އޭނާ ފިޓް ވާނެ ކަމަށް ގްރީންއިން ބުނެ އެވެ. ގްރީން އަށް އޭނާ ސޮއި ކުރީ ތިން އަހަރުގެ އެއް ބަސްވުމެއްގެ ދަށުންނެވެ. މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގަށް ފަހު ގްރީންގެ ކޯޗް ކަމުން އަލީ ސުޒޭން އިސްތިއުފާ ދިނުމުން އެ ޓީމުން ކޯޗް ކަމަށް ހަމަޖެއްސީ ނިޝްތާރު އެވެ. ސުޒޭން މިހާރު މަސައްކަތް ކުރަނީ ސީނިއާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމުގަ އެވެ.

ގްރީން އަށް ކުޅުނު ސީނިއާ ބައެއް ކުޅުންތެރިން މި ސީޒަންގައި އެ ޓީމު ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ. މުހައްމަދު އުމޭރު، މުހައްމަދު އާރިފް (ބަކާ) އަހްމަދު ރަޝީދު (އަންމަޑޭ) ކުރިއަށް އޮތް ސީޒަންގައި ގުރީންގައި މަޑު ކުރާނެ ކަމަކަށް ނުބެލެވެ އެވެ. އުމޭރު ގެންދިއުމަށް މާޒިޔާއިން މަސައްކަތް ކުރަމުންދާ ކަމުގެ ވާހަކަތައް ވަނީ ގަދަ ވެފަ އެވެ.

ގްރީން އަށް ބަދަލު ވާނެ ކަމަށް ދެން ބެލެވޭ ކުޅުންތެރިޔަކީ މިދިޔަ އަހަރު ފޯކައިދޫއަށް ކުޅުނު ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑާ އަންސަރު އިބްރާހިމް (އަންކޮ) އެވެ.