ރާއްޖެ ކުޅިވަރު

ބަލިވީ ރާއްޖެ، މޮޅު ކުޅުންތެރިއަކަށް ރާއްޖޭގެ ކީޕަރު

Oct 3, 2015

އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފައިންގައި ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ރޭ ބަހުރޭން އަތުން 4-0 އިން ބަލިވެ މެޗުގެ މޭން އޮފަ ދަ މެޗުގެ މަގާމު ރާއްޖޭގެ ކީޕަރަށް މައީޝް މުހައްމަދަށް ލިބިއްޖެ އެވެ.

ތަޖިކިސްތާނުގައި ރިޕަބްލިކަން ސެންޓްރަލް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ރާއްޖެ ކޮޅަށް ފުރަތަމަ ލަނޑު ޖެހީ މެޗުގެ 25 ވަނަ މިނިޓްގައި މުހައްމަދު ޖާސިމް މުހައްމަދު އަލީ އަބުދުﷲ މަރުހޫނެވެ. ދެ ވަނަ ލަނޑު 26 ވަނަ މިނިޓްގައި ޖެހީ ޖެހިގެން އައި މިނިޓްގައި ރަތްކާޑެއް ހޯދި ތަލާލް އަލީ އަލް ނާރެވެ. ތިން ވަނަ ލަނޑު މަރުހޫން ޖެހީ 89 ވަނަ މިނިޓްގަ އެވެ. އަދި ފަހު ލަނޑު ޖެހީ 90 ވަނަ މިނިޓްގައި ސައީދު އަހުމަދު މުހައްމަދެވެ. މި މެޗުގެ 51 ވަނަ މިނިޓްގައި ރާއްޖޭގެ މަޖުދާން ސޯލިހަށް ވެސް ރަތްކާޑު ދެއްކި އެވެ.

ކޯޗު މުހައްމަދު އާތިފްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ރާއްޖޭގެ ޓީމު އާދީއްތަ ދުވަހު އިރާގާ ކުޅުމަށްފަހު ގްރޫޕުގެ ފަހު މެޗުގައި ތަޖިކިސްތާނާ ވާދަކުރާނީ އަންގާރަ ދުވަހު އެވެ.

މި ޓީމުގެ ކެޕްޓަނަކީ ވެލެންސިއާގެ އަލީ ހަމްދާނެވެ. މި ޓީމު ވަނީ މިދިޔަ މަހު ބޭއްވި ސާފް ޗެމްޕިއަންޝިޕް 19 އަހަރުން ދަށުގެ މުބާރާތުގައި ވެސް ވާދަކޮށްފަ އެވެ. އެ މުބާރާތުގައ ރާއްޖެ ބަލިވީ އިންޑިޔާ އާއި އަފްގާނިސްތާން އަތުންނެވެ.

މި މުބާރާތުގެ ކޮލިފައިންގައި އެންމެ ފަހުގެ ޗެމްޕިއަން ގަތަރާއި މުބާރާތް ބާއްވާ ބަހުރޭނާއެކު ވާދަކުރަނީ ޖުމުލަ 43 ގައުމަކުންނެވެ. މި ގައުމުތައް 10 ގްރޫޕަކަށް ބަހާލާފައިވާއިރު މުބާރާތަށް ކޮލިފައިވާނީ 10 ގްރޫޕުން ވެސް އެންމެ ކުރި ހޯދާ ގައުމާއި ދެ ވަނަ ހޯދާ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތިޖާ ނެރޭ ފަސް ގައުމެވެ. މީގެ ތެރޭގައި ގަތަރު ހިމެނިއްޖެނަމަ ފުރުސަތުދޭނީ ޖެހިގެން އޮންނަ ޓީމަށެވެ.