އެޗްއާރްސީއެމް

އީނާސްގެ މައްސަލަތައް ބަލަންޖެހޭ: ސިރާޖު

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ރައީސްގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި އައިމިނަތު އީނާސްގެ އެ މަގާމުގައި ހުންނަވައިގެން އެތައް ކުށްތަކެއް ކުރައްވާފައިވާ ކަމަށާ އެކަންކަން ތަހުގީގުކުރަން ޖެހޭ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އެމްޑީޕީގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

އެޗްއާރުސީއެމްގެ ހުރިހާ މެންބަރުން ވަކި ކުރުމުގެ މައްސަލަ ދިރާސާކޮށް ކުރިއަށް ގެންދަން ޖެހޭ އިޖުރާއަތްތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ ކުރަމުން ދަނިކޮށް އެ ކޮމިޝަންގެ ރައީސާ އައިމިނަތު އީނާސްއާ އެ ކޮމިޝަންގެ މެންބަރު އައިޝަތު އަފްރީން މުހައްމަދު މިއަދު ވަނީ އިސްތިއުފާ ދެއްވާފައެވެ.

އީނާސްގެ އިސްތިއުފާއާ ގުޅިގެން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ އީނާސް ކޮށްފައިވާ ކުށްތަކަށް ޖަވާބުދާރީ ވުމަށް މަޖިލީހަށް ހާޒިރުވުމަށް އެންގުމުން އިސްތިއުފާ ދިނުމުން އެ މައްސަލަތައް ނިމިގެން ނުވާނެ ކަމަށެވެ.

އޭނާ ވަނީ އީނާސް ހިންގާފައިވާ ކުށްތައް ތަހުގީގު ކޮށްދެއްވުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްދިނުން ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމަށްވެސް ގޮވާލައްވާފައެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެޗްއާރުސީއެމް މެންބަރުން ވަކިކުރުމަށް ކުރަން ޖެހޭ ކަންކަން ކުރިއަށް ގެންދިއުމަށް އެދި ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު އެމަނިކުފާނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލަ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން، މުއައްސަސާއެއްގެ މެންބަރުން ވަކިކުރަން ކޮމިޓީއަކަށް ފެނިއްޖެނަމަ ވަކިކުރުގެ އިޖުރާއަތްތައް ކުރިއަށް ގެންދިއުމުގެ ކުރިން ރިޔާސަތަށް އަންގަން ޖެހެ އެވެ. އަދި މަޖިލީހުގައި ބާއްވާ ޖަލްސާއެއްގައި ރިޔާސަތުން އެ މައްސަލަ ކޮމިޓީއަށް ފޮނުވި ކަން އިއުލާން ކުރަން ޖެހެ އެވެ.