ހަބަރު

ޓީޗަރަކަށް ހަވާލުކުރެވޭނެ ދަރިވަރުންގެ މަތީ އަދަދެއް ކަނޑައަޅަނީ

ތައުލީމު ހާސިލު ކުރުމަށް ޓީޗަރަކަށް ހަވާލު ކުރެވޭނެ ދަރިވަރުންގެ މަތީ އަދަދެއް ނުވަތަ ސްޓޫޑަންޓް-ޓީޗާ ރޭޝިއޯއެއް ކަނޑައަޅައި ތައުލީމުގެ ބިލުގައި ހިމެނުމަށް މަޝްވަރާ ކުރެވޭނެ ކަމަށް ބިލު ދިރާސާ ކުރަމުންދާ ގައުމީ ތަރައްގީގެ ކޮމިޓީގެ މުގައްރިރު، ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ތައުލީމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުވުމުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވިދާޅުވީ ސްޓޫޑަންޓް-ޓީޗާ ރޭޝިއޯއެއް ގާނޫނުގައި ހިމެނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެކަމަނާ ދެކެވަޑައިގަންނަވާ ކަމަށެވެ. ބިލުގައި އެފަދަ ބާބެއް ހިމަނާނެތޯ ފަޒުނާ ސުވާލު ކުރެއްވި އެވެ.

ފަޒުނާގެ ސުވާލަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ، ތައުލީމުގެ ބިލުގައި އެފަދަ ކަމެއް ހިމެނުމަކީ މިނިސްޓްރީން ތާއީދު ކުރާނެ ކަމެއް ކަމަށެވެ. އަދި އެއީ ބިލުގައި ހިމަނަން ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މަންދު ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވީ، ސްޓޫޑަންޓް-ޓީޗާ ރޭޝިއޯއަކީ ތައުލީމީ ދާއިރާއެއްގައި އޮންނަ އެންމެ އާންމު މިންގަނޑުގައި ވެސް ހިމެނޭ ކަމެއް ކަމަށެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް އެ ގޮތަށް އޮންނަ ކަމަށާއި، ސްކޫލެއްގައި ކިޔަވައިދެވޭނެ ދަރިވަރުންގެ މަތީ އަދަދެއް ވެސް ކަނޑައެޅިފައި އޮންނަން ވާނެ ކަމަށެވެ.

"ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް ސްޓޫޑެންޓް ޓީޗާ ރޭޝިއޯ ކަނޑައަޅަން ޖެހޭ. އެއް ޓީޗަރަކާ ތައުލީމު ދޭން ހަވާލު ކުރާ ދަރިވަރުންގެ އަދަދެއް އޮންނަން ޖެހޭ. އަދި ސްކޫލެއްގައި ތިބެން ޖެހޭ ކުދިންގެ އަދަދު ވެސް ކަނޑައަޅަން ޖެހޭ. އެއް ޕްރިންސިޕަލްގެ ދަށުގައި ގެންގުޅެވޭނީ ކިތައް ކުދިން ކަން،" އިބްރާ ވިދާޅުވި އެވެ.

މި ވާހަކަތަކަށް ރިއާޔަތްކޮށް، މަޖިލީހުގެ ކޮމިޓީގެ މުގައްރިރު އަހުމަދު އަބްދުﷲ ވިދާޅުވީ މަޖިލީހުގައި ޕަބްލިކް ފޯރަމްއެއް ބޭއްވުމުގެ މަގްސަދަކީ ވެސް ބިލު ދިރާސާ ކުރުމުގެ މަރުހަލާގައި ބިލު ފުރިހަމަ ކުރުމަށް ޓަކައި ބޭނުންވާ އިތުރު އިސްލާހުތަކުގެ ހިޔާލު ހޯދުން ކަމަށެވެ.

އެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އެ ކޮމިޓީން ބިލު ދިރާސާކޮށް ނިމިގެން ދާއިރު، ބިލުގައި ސްޓޫޑަންޓް - ޓީޗާ ރޭޝިއޯއެއް ކަނޑައަޅައި ހިމެނިގެންދާނެ ކަމަށާއި އެއީ ވަރަށް މުހިއްމު ކަމެއް ކަމުގައި އޭނާ ވިދާޅުވި އެވެ. ބިލުގައި ކަނޑައަޅާފައި އޮންނާނެ ރޭޝިއޯއަކާ ގުޅޭ ގޮތުން އިތުރު މަޝްވަރާއާއި ލަފާތައް ހޯއްދަވާނެ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒު ހުށަހަޅުއްވާފައިވާ ބިލުގައި ބުނެފައިވާ ގޮތުން އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކީ ތައުލީމު ލާޒިމުވާ އުމުރުގެ ކުއްޖެކެވެ. އެ އުމުރުފުރާގެ ކޮންމެ ކުއްޖަކަށް ތައުލީމު ހޯދުމުގެ ހައްގު އޮންނާނެ ކަމަށެވެ.

އެ ބިލުގައި ޕްރީސްކޫލް ތައުލީމާއި ސާނަވީ ތައުލީމު ހިލޭ ކޮށްދިނުމުގެ އުސޫލުތައް ބަޔާންކޮށްފައިވެ އެވެ. އަދި ދަރިވަރުންނާއި ޓީޗަރުންގެ ހައްގުތަކާއި ބެލެނިވެރިންނާއި ޓީޗަރުންނާއި ސަރުކާރުގެ މަސްއޫލިއްޔަތުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުންނާ މަޝްވަރާ ކުރުމަށްފަހު، މަޖިލީހުގެ ގައުމީ ތަރައްގީގެ ކޮމިޓީން ވަނީ ފުރަތަމަ ޑިގްރީ ހިލޭ ފޯރުކޮށްދިނުމުގެ ޕްރޮގްރާމް ލާޒިމު ކުރުމަށް ބިލުގައި ހިމެނުމަށް ނިންމައިފަ އެވެ. ނަމަވެސް ލާޒިމު ކުރުމުގައި އާއިލާގެ އާމްދަނީގެ ފަންތިއާއި، ގައުމީ ތަރައްގީއަށް ބޭނުންވާ ކޯސްތަކަށް ރިއާޔަތް ކުރަން މަޝްވަރާ ކުރެއްވި އެވެ.