ރައްޔިތުންގެ މަޖިލިސް

ފުރަތަމަ ޑިގްރީ ހިލޭކުރުން ލާޒިމު ކުރަން ގާނޫނުގައި ހިމަނަނީ

ދަރިވަރުންނަށް ފުރަތަމަ ޑިގްރީ ހިލޭ ކޮށްދީ ދައުލަތުގެ ހަރަދުގައި ހިންގުން ގާނޫނަކުން ލާޒިމު ކުރުމުގެ ގޮތުން ތައުލީމުގެ ބިލުގައި އޭގެ ބާބެއް ހިމެނުމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުންނާއެކު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މަޝްވަރާ ކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވާފައިވާ ބިލު ދިރާސާ ކުރުމުގެ ގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު، ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ މި ސަރުކާރުން ފަށާފައިވާ ހިލޭ ފުރަތަމަ ޑިގްރީގެ ޕްރޮގްރާމް ގާނޫނަކުން ލާޒިމު ކުރަން ބިލުގައި ހިމަނަން ކޮމިޓީގެ މެންބަރުން ތާއީދު ކުރައްވާ ކަމަށެވެ.

"މިހާރުގެ ސަރުކާރުން ފަށާފައިވާ ހިލޭ ޑިގްރީ ޕްރޮގްރާމަށް ދަރިވަރިން ކިޔަވައިދިނުން ގާނޫނުގައި ލާޒިމު ކުރަން ގިނަ މެންބަރުންނަށް ފެނޭ، އެއީ ދެން އަންނަ ސަރުކާރަކުން ސިޔާސަތުތަކަށް ގެންނަ ބަދަލަކުން ޕްރޮގްރާމް ހުއްޓިއްޖެނަމަ، މިހާރު ކިޔަވަމުންދާ ކުދިން މަގުމަތިވެދާނެ ކަމަށް ވެސް ހިނގާދާނެތީ،" އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

ހިލޭ ފުރަތަމަ ޑިގްރީގެ ޕްރޮގްރާމެއް ލާޒިމުކުރަން ބިލުގައި ހިމެނުމާ ގުޅޭ ގޮތުން މިނިސްޓްރީގެ ބޭފުޅުންގެ ހިޔާލަށް ހުޅުވާލުމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ފުރަތަމަ ޑިގްރީ ހިލޭ ކޮށްދިނުން ލާޒިމުކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެފަދަ ޕްރޮގްރާމަކުން ފުރުސަތުތައް ދޭން ވާނީ އޭގެ ބޭނުން އެންމެ ޖެހިފައިވާ ދަރިވަރުންނަށް ކަމަށް ކަނޑައެޅުން މުހިއްމު ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓްރީގެ އެހެން ބޭފުޅުންގެ ވިސްނުމަކީ ވެސް ޝަރުތުތަކެއް ހިމެނިގެން އެ ކަން ލާޒިމުކުރަން ބިލުގައި ހިމެނުމަށެވެ. އެ ގޮތުން ޑިގްރީއަށް ފަހު ދައުލަތަށް ހިދުމަތް ކުރުމާއި، ފުރުސަތު ލިބޭނީ އެ ކަމަށް އެންމެ ބޭނުންޖެހިފައިވާ ދަށް އާމްދަނީގެ އާއިލާތަކުގެ ކުދިންނަށް ކަމަށް ކަނޑައެޅުމަށް ލަފާ ދެއްވި އެވެ. އަދި އެއިރެއްގައި އޮންނަ ގައުމީ ތަރައްގީގެ ސިޔާސަތުތަކަށް މުހިއްމު ކޯސްތައް ހިލޭ ކުރުން މުހިއްމު ކަމަށް ލަފާ ދެއްވި އެވެ.

ދައުލަތުން ފުރަތަމަ ޑިގްރީ ހިލޭ ކޮށްދިނުން ލާޒިމު ކުރަން ބިލުގައި ހިމަނަން މަޝްވަރާ ކުރެއްވިއިރު، ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވަން ލިބުމުގެ ފުރުސަތު ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން ފެށި ޕްރޮގްރާމްގައި މިހާރު ވެސް 8،000 އަށް ވުރެ ގިނަ ދަރިވަރުން ފުރަތަމަ ޑިގްރީއަށް ދަނީ ކިޔަވަމުންނެވެ.

މި ސަރުކާރުގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ޕްރޮގްރާމްގައިވާ ގޮތުން، ހިލޭ ކިޔެވުމުގެ ފުރުސަތު ލިބެނީ ފުރަތަމަ ޑިގްރީއަށެވެ. ބައެއް ކުދިން އޭ ލެވެލްގެ ބަދަލުގައި ކޯސްތަކަކަށް ފަހު ނުވަތަ ސަރުކާރުގެ ގައުމީ ޔުނިވާސިޓީން ފައުންޑޭޝަން ކިޔަވައިގެން ފުރަތަމަ ޑިގްރީ ހޯދަ އެވެ. ނަމަވެސް ފައުންޑޭޝަން ކޯސްތައް އަދި ހިލޭކޮށެއް ނުދެ އެވެ.

މިއަދުގެ ކޮމިޓީގައި ވާހަކަ ދެއްކެވި އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުން އެކަމާ ގުޅޭ ގޮތުން ވެސް ހިޔާލު ދެއްވި އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އެ ބޭފުޅުން ވިދާޅުވީ ބިލު ފަރުމާ ކުރާއިރުގައި، ފުރަތަމަ ޑިގްރީއަށް ދިއުމަށް ޓަކައި ސަރުކާރުގެ ޔުނިވާސިޓީން ކިޔަވައިދޭ ފައުންޑޭޝަން ކޯސްތައް ހިލޭ ކުރުމާ ގުޅޭ ގޮތުން ވިސްނާލުން މުހިއްމު ކަމަށެވެ.