ހަބަރު

ތައުލީމުގެ ބިލާއި މަތީ ތައުލީމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަނީ

ތައުލީމީ ދާއިރާ ހަރުދަނާ ކުރުމުގެ ގޮތުން ގާނޫނީ އޮނިގަނޑެއް އެކުލާވުމަށް ޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ތައުލީމުގެ ބިލާއި މަތީ ތައުލީމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިިފި އެވެ.

ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޝަފީގު ހުށަހެޅުއްވި މަތީ ތައުލީމުގެ ބިލާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒު ހުށަހެޅުއްވި ތައުލީމުގެ ބިލަށް ހިޔާލު ފޮނުވުމުގެ ފުރުސަތު މަޖިލީހުގެ އިދާރާއިން ހުޅުވާލާފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި އެ ދެ ބިލަށް ވެސް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ހިޔާލު ފޮނުވާނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްގެންނެވެ. ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވޭނެ އެވެ.

ތައުލީމުގެ ބިލުގައިވާ ގޮތުން އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާ މެދުގެ ކޮންމެ ކުއްޖަކީ ތައުލީމު ލާޒިމުވާ އުމުރުގެ ކުއްޖެކެވެ. ބިލުގައި ޕްރީ ސްކޫލް ތައުލީމާއި ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމު ހިލޭ ކޮށްދިނުމުގެ އުސޫލުތައް ބަޔާން ކޮށްފައިވެ އެވެ. އަދި ދަރިވަރުންެގ ހައްގުތަކާއި ބެލެނިވެރިންނާއި ޓީޗަރުންނާއި ސަރުކާރުގެ ޒިންމާތައް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.

މަތީ ތައުލީމުގެ ބިލުގައި ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތައް ރަޖިސްޓްރީ ކުރުމަށް ބަޔާން ކޮށްފައިވެ އެވެ. އަދި އެ ތަންތަން މޮނިޓާކޮށް އެ ތަންތަނުގެ ފެންވަރު ހިފެހެއްޓުމުގެ ގާނޫނީ އޮނިގަނޑުތައް ވެސް އެ ބިލުގައި އެވެ. އެ ތަންތަނުގައި ތައުލީމު ދޭނެ ގޮތާއި ތަމްރީން ޕްރޮގްރާމްތަކާއި ދިރާސާ ކުރުންތައް ގެންދާނެ ގޮތްތައް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

މި ދެ ބިލު ވެސް އޮތީ ކޮމިޓީ މަރުހަލާގަ އެވެ. ދެ ބިލު ވެސް ދިރާސާ ކުރަނީ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީންނެވެ. މަޖިލީހަށް ހުށަހެޅޭ ބިލެއް ތަޅުމަށް ބަލައިގަނެ ކޮމިޓީން ބިލު ދިރާާސާ ކުރުމުގެ މަރުހަލާގައި އާންމު ގޮތެއްގައި ބިލަކަށް ހިޔާލު ހުށަހެޅުމަށް މަޖިލީހުގެ އިދާރާއިން އިއުލާން ކުރެ އެވެ.