ރަސްމީ މަސައްކަތު ގަޑީގެ ގޮތުގައި ސްކޫލުތަކުގައި މިހާރު ކަނޑައަޅާފައިވަނީ ހަ ގަޑިއިރު ކަމަށާއި އިތުރަށް މަސައްކަތްކުރާނަމަ އޯވާޓައިމް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އައިޝަތު ވިދާޅުވީ މިހާރު ރަސްމީ ގަޑި ކަނޑައަޅާފައިވަނީ ހަ ގަޑިއިރު މަސައްކަތް ކުރަންޖެހޭ ގޮތަށް ކަމަށެވެ. ނަމަވެސް ވަޒިފާއާ ބެހޭ ގާނޫނުގައި ރަސްމީ ގަޑީގެ ގޮތުގައި އަށް ގަޑިއިރު އޮންނަކަން ފާހަގަކުރައްވާ ވިދާޅުވީ ރަސްމީ ގަޑީގެ ބޭރުން ކުރާ މަސައްކަތަށް އޯވާ ޓައިމް ދޭ ގޮތަށް ތައުލީމީ ދާއިރާގައި އުސޫލެއް އޮންނަ ކަމަށެވެ.
ގާނޫނުގައި އިތުރުގަޑީގެ ފައިސާ ދޭން ޖެހެނީ އަށް ގަޑިއިރުގެ ފަހުން ކުރާ މަސައްކަތަށް ކަމަށްވެފައި ތައުލީމީ ދާއިރާއަށް ހަ ގަޑިއިރުގެ ފަހުން އިތުރު ގަޑީގެ ފައިސާ ލިބޭ ގޮތެއް، ހަމައެއް އަދި އުސޫލުގެ ތަފްސީލެއް ވެސް މިނިސްޓަރު ހިއްސާކުރައްވާފައެއް ނުވެ އެވެ.
ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވެސް މިނިސްޓަރު ވަނީ ވާހަކަދައްކަވާފަ އެެވެ. އެގޮތުން ވިދާޅުވީ ވިދާޅުވީ މިވަގުތު 156 ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކުރުމާއެކު ވަށާޖެހޭ ތައުލީމެއް ދިނުމަކީ މުހިއްމު ކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ވަށާޖެހޭ ތައުލީމުގެ ކޮންސެޕްޓްގެ ދަށުން 44 ސްކޫލެއްގައި އެކަން ފަށައިގެން ކުރިއަށްދާ ކަމަށެވެ.
"މި ކޮންސެޕްޓްގައި ފުރަތަމަ ސްކޫލަށް ދާނީ ގާތްގަނޑަކަށް 6:00 ޖަހާއިރު. އެއީ ކަސްރަތުގެ ހަރަކާތަކާއެކު ސްކޫލު ފެށިގެން މި ދަނީ. އެއަށްފަހު ހެނދުނުގެ ނާސްތާއަށްފަހު ދަރިވަރުން ކިޔެވުމުގެ ކަންތައް ކުރިއަށް ގެންދާނެ" މިނިސްޓަރު ވިދާޅުވި އެވެ.
އެއްދަންފަޅިއަށް ކިޔަވާ ސްކޫލުތަކުގައި އެކަޑަމިކް މާއްދާތައް ކިޔެވުމަށްފަހު އިޖުތިމާއީ ހަރަކާތްތަކާއި ހުނަރު ދަސްކުރުމާއި ކްލަބް އެކްޓިވިޓީސް ފަދަ ކަންކަމުގައި ދަރިވަރުން ވަގުތު ހޭދަކުރަމުން ގެންދާނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު ދަރިވަރުން ގެއަށް ދާނެ ކަމަށާއި އިތުރު މަސައްކަތެއް އެ ދުވަހު އަދި ހަފުތާ ބަންދުގައިވެސް ނޯންނާނެތީވެ ހަފްތާ ބަންދުތަކުގައި ދަރިވަރުން ސްކޫލަށް އަންނަން ނުޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފަކު ހަ ގަޑިއިރު ސްކޫލުގައި ހޭދަކުރާ ގޮތަށް އޮންނައިރު އެއްދަންފަޅި ސްކޫލެއްގައި އަށް ގަޑިއިރު ހޭދަކުރަންޖެހޭ ކަމަށާއި ނިޒާމު އޮތް ގޮތުން އެކަމަށް މިވަގުތު ގެނެވޭނެ ހައްލުތަކެއް ނެތް ކަމަށެވެ. ނަމަވެސް މަސައްކަތް ކުރަނީ ހުރިހާ ސްކޫލަކަށް ވެސް އެއް ގޮތްތަކެއް ތައާރަފުކުރުމަށް ކަމުގައިވެސް ވިދާޅުވި އެވެ.