ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑުން ބައެއް މީހުންގެ ސިކުނޑިއަށް ގެއްލުންވޭ: ދިރާސާ

ކޮވިޑް-19 ޖެހޭ ބައެއް މީހުންގެ ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއް ވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

އިނގިރޭސި ވިލާތުގެ ޑޮކްޓަރުން ކޮށްފައިވާ ދިރާސާއެއްގެ ނަތީޖާ މިދިޔަ ބުދަ ދުވަހު އިއުލާން ކޮށްފައިވާއިރު ޑޮކްޓަރުން ބުނަނީ ކިތަންމެ ކުޑަކޮށް ކޮވިޑް-19 އިގެ އަލާމާތްތައް ފެންނަ މީހަކަށް ވެސް މިފަދަ ގޮތެއް މެދުވެރި ވެދާނެ ކަމަށާއި އެގޮތަށް ދިމާވެފައި އެބަހުރި ކަމަށެވެ.

ކޮވިޑް-19 އިގެ ސަބަބުން މާ ބޮޑުވަރުވާ މީހުންނަށް ނިއުރޮލޮޖިކަލް ކޮމްޕްލިކޭޝަންސް މެދުވެރިވާކަން ކުރިން ވެސް އޮތީ އެނގިފަ އެވެ. ނަމަވެސް ޔުނިވަސިޓީ ކޮލެޖު ލަންޑަންގެ މިފަހަރުގެ ދިރާސާ ބުނަނީ ވަރަށް ކުޑަކޮށް މި ވައިރަހުގެ އަސަރު ފޯރާ ބައެއް މީހުންނަށް ވެސް ވަރަށް ސީރިއަސް ނިއުރޮލޮޖިކަލް މައްސަލަތައް ދިމާވާ ކަމަށެވެ.

މި ޓީމުން ބަލާފައިވަނީ ކޮވިޑް-19 ކަން ޔަގީންވެގެން ނުވަތަ ޝައްކުވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި 43 މީހެއްގެ ނިއުރޮލޮޖިކަލް މައްސަލަތައް ހުރި މިންވަރެވެ.

މި ޓީމަށް ހޯދުނުގޮތުގައި މި މީހުންގެ ތެރެއިން 10 މީހެއްގެ ސިކުނޑީގެ މަސައްކަތަށް ވަގުތީ ބުރުލެއް އަރާފައި ވެއެވެ. އަދި 12 މީހެއްގެ ސިކުނޑި ދުޅަވެފައި ވެއެވެ. އަށް މީހަކަށް ސްޓްރޯކް ޖެހިފައިވާއިރު އަށް މީހެއްގެ ނާރުތަކަށް އެކި ކަހަލަ ގެއްލުންތައް ވެފައި ވެއެވެ.
މިގޮތަށް އިންފްލެމޭޝަން ހުރިކަން ފާހަގަ ކުރެވުނު ބަލިމީހުންނަށް އެކިއުޓް ޑިސެމިނޭޓެޑް އެންސެފެލޯމައިލައިޓިސް (އޭޑީއީމް)ގެ މައްސަލަ ދިމާވެފައި ވެއެވެ. މި ބަލި އާންމުގޮތެއްގައި ޖެހެނީ ވައިރަލް އިންފެކްޝަން ޖެހޭ ކުޑަކުދިންނަށެވެ.

"ހީކުރި ވަރަށް ވުރެ މާ ގިނަ މީހުންނަށް ނާރުގެ މައްސަލަތައް ދިމާވެފައިވާކަން އަހަރެމެން ކުރި ދިރާސާއިން ފާހަގަ ކުރެވުނު. ސިކުނޑީގެ އިންފްލެމޭޝަން ކަހަލަ ތަފާތު ނިއުރޮލޮޖިކަލް މައްސަލަތައް ދިމާވެފައިވާ މީހުން ގިނަ،" ދިރާސާގައި މަސައްކަތް ކުރެއްވި ޑޮކްޓަރަކު ވިދާޅުވި އެވެ.

ޖާނަލް ބްރައިން ގައި ޝާއިއުކޮށްފައިވާ މި ދިރާސާ ރިޕޯޓުގައިވާ ގޮތުން ކޮވިޑް-19 ޖެހުމުގެ ސަބަބުން ނިއުރޮލޮޖިކަލް މައްސަލަތައް ދިމާވެފައިވާ އެއްވެސް މީހެއްގެ ސެރެބްރޯސްޕައިނަލް ފްލުއިޑްގައި ޖަރާސީމެއް ނެތެވެ. މީގެ މާނައަކީ ވައިރަސް ސީދާ އެމީހުންގެ ސިކުނޑިއަށް ހަމަލަދީފައި ނުވާ ކަމެވެ.

މި ވައިރަސް ފެނުނުތާ އަދި މާ ގިނަ ދުވަސްތަކެއް ނުވާތީ ވައިރަހުގެ ސަބަބުން އިންސާނުންގެ ސިކުނޑިއަށް ދިގު މުއްދަތެއްގެ ތެރޭގައި ކުރާނެ ނޭދެވޭ އަސަރުތައް އަދި ހޯދިފައި ނުވާކަން ދިރާސާގައި ފާހަގަ ކޮށްފައި ވެއެވެ. އެހެންވީމާ މިހާރު ކުރެވެން އޮތް ކަމަކީ ކޮވިޑް-19 ޖެހޭ ކޮންމެ މީހަކަށް ވެސް ނިއުރޮލޮޖިކަލް މައްސަލައެއް ކުރިމަތިވެދާނެކަމަށް ޑޮކްޓަރުން ދުރާލާ ވިސްނާ ތައްޔާރުވުމެވެ.

ދުނިޔޭގެ 11 މިލިއަނަށް ވުރެ ގިނަ މީހުންނަށް މިހާރު މި ބަލި ޖެހިފައިވާއިރު ފުއްޕާމޭގެ އިންފެކްޝަން ފިޔަވައި ވެސް މި ވައިރަހުން ސިކުނޑީގެ އެކި ހިސާބުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭކަން ދަނީ ސާބިތު ކުރެވެމުންނެވެ.