ކުޅިވަރު

ލެސްޓާއަށް ޗެމްޕިއަންސް ލީގް ޖާގަ ގެއްލުމުގެ ބިރު

ރެލިގޭޝަން ޒޯންގައި އޮތް ބޯންމައުތުން ފަހަތުން އަރައި 4-1 ން ލެސްޓާ ސިޓީ ބަލި ކުރުމުން ލެސްޓާއަށް ޗެމްޕިއަންސް ލީގްގެ ޖާގަ ގެއްލުމުގެ ބިރު ކުރިމަތި ވެއްޖެ އެވެ.

މެޗުގެ 23 ވަނަ މިނެޓްގައި ޖެމީ ވާޑީ، ލަނޑު ޖަހައި ލެސްޓާއަށް އުންމީދު އާ ކޮށްދިނެވެ. ލެސްޓާ މެޗުން މޮޅުވިނަމަ އެ ޓީމަށް ދެ ޕޮއިންޓްގެ ލީޑަކާއެކު ތިން ވަނައަށް ދެވުނީހެވެ. ރޭ ލެސްޓާ ބަލިވެ އާދިއްތަ ދުވަހުގެ ރޭ ޗެލްސީ ބަލިވުމުން އެންމެ ބޮޑު ހިތްހަމަ ޖެހުމެއް އޮތީ މެންޗެސްޓާ ޔުނައިޓެޑަށެވެ. މިރޭ ސައުތުހެމްޓަން އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ޔުނައިޓެޑަށް ތިން ވަނައަށް ދެވޭނެ އެވެ.

ފުރަތަމަ ހާފުގައި ލިޑްގައި އޮވެގެން ނިންމާލެވުނު ނަމަވެސް ލެސްޓާއަށް ލީޑް ގައި ހިފަހައްޓައެއް ނުލެވުނެވެ. ބޯންމައުތުން ނަތީޖާ ހަމަހަމަ ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގަ އެވެ. ބޯންމައުތުގެ ކެލުމް ވިލްސަން އޭރިއާ ތެރެއަށް ވަނުމުން، ލެސްޓާގެ ވިލްފްރެޑް އެންޑީޑީ ވަނީ އޭނާ ދަތި އަޅުވައި ވައްޓާލާފަ އެވެ. ލިބުނު ޕެނަލްޓީން ބޯންމައުތަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖޫނިއާ ސްޓޭނިސްލަސް އެވެ.

އޭގެ އެއް މިނެޓް ފަހުން، ޑޮމިނިކް ސޮލަންކޭ ވަނީ ބޯން މައުތަށް ލީޑް ނަގައިދީފަ އެވެ. އޭނާ ގޯލަށް ފޮނުވާލި ބޯޅަ ގޯލްގެ ތެރެއިން ނަގަން ބޯންމައުތުގެ އެހެން ކުޅުންތެރިޔަކު ދިއުމުން ލެސްޓާގެ ކާލޯ ސޮއިޗޫ ވަނީ ފަހަތުގައި ހުރެ ކުޅުންތެރިޔާގެ ގައިގައި ކޮޅުފައިން ޖަހާފަ އެވެ. އެކަމާ ގުޅިގެން އޭނާ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ.

ސޮލަންކޭ ކާމިޔާބު ކުރި ގޯލަކީ، ބޯންމައުތުގެ ޖޯޒީގައި ޕްރިމިއާ ލީގްގައި އޭނާ ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ. ލިވަޕޫލްގެ ކުރީގެ ފޯވަޑް ލީގްގައި ލަނޑެއް ކާމިޔާބު އެ ކުރީ 788 ދުވަސް ފަހުންނެވެ. މެޗުގެ 87 ވަނަ މިނެޓްގައި އޭނާ ވަނީ މެޗުގައި ބޯންމައުތުގެ ހަތަރު ވަނަ ލަނޑުވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ ކުރިން ބޯންމައުތުގެ ތިން ވަނަ ލަނޑަކީ ލެސްޓާގެ ޖޯނީ އީވަންސް އަތުން ބައިކޯލަށް ވަން ލަނޑެކެވެ.

އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން ފުރަތަމަ މޮޅު ހޯދައި ތާވަލުގެ 18 ވަނައިގައި އޮތް ބޯންމައުތުގެ ކޯޗް އޭޑީ ހައު ބުނީ، އޭނާގެ ޓީމުން ޖެހިލުން ވާންވީ އެއްވެސް ކަމެއް ނެތް ކަމަށެވެ. ބޯން މައުތު މޮޅުވުމުން ލީގްގައި ދެމިއޮތުމަށް އެ ޓީމަށް އުންމީދެއް ލިބުނީ އެވެ.