ރިޕޯޓް

ސުނީތާ އެކަންޏެއް ނޫން! އެންމެން މި ތިބީ ޕްރިޔާންކާ އަށް މޮޔަވެފައި!

ނެށުންތެރިޔާ ސުނީތާ އަލީ، ބޮލީވުޑްގެ ބަތަލާ ޕްރިޔާންކާ ޗޯޕްރާ އަށް ސަޕޯޓްކޮށް އޭނާ އަށް "ޓްރިބިއުޓެއް" ހެދުމުން ދިވެހިންގެ ކުރިމަތީގައި އޭނާ ވަރުގެ ބޮޑު މޮޔައެއް ނެތެވެ. ދިވެހިން އޭނާ އަށް ނުކުރާކަށް މަލާމާތެއް ނެތެވެ. ނުގޮވާކަށް ނުބައި އެއްޗެއް ވެސް ނެތެވެ.

ފިލްމީ ދާއިރާ އިން ނަމޫނާ ދައްކަން ތިބި އެންމެ މަޝްހޫރު މޫނުތައް ވެސް އޭނާއާ ދިމާލަށް "ހަޔާތް" ގޮވީ އެވެ.

އެންމެން ވެސް ތިބީ ސުނީތާ މޮޔައަކަށް ހަދައިގެން، ޕްރިޔާންކާގެ ފޭނުން ނޫން ކަމަށް ވެސް ހެދިގެންނެވެ. ނަމަވެސް މި ދިވެހި ރާއްޖޭގައި ތިބީ މުޅިން ވެސް "ސުނީތާ" ކަން މިރޭ މި ވަނީ ފަޅާއަރައިފަ އެވެ.

އަދި މީގައި، މޮޅު ކަމަކީ، އެކަން ފަޅާ އަރުވާލީ ވެސް ސުނީތާ ކަމެވެ. ޕްރިޔާންކާއާ އެކު އެއް ސްޓޭޖަކަށް އަރައި އެންމެން ލައްވައި "ވީ ލަވް ޔޫ ޕްރިޔާންކާ" އޭ ކިޔުއްވައިގެންނެވެ.

އޭގެ ކުރިން ވެސް ދިވެހިން ތިބީ ޕްރިޔާންކާ އަށް "މޮޔަވެފައިކަން" ޔަގީންކޮށްދިނީ މިރޭގެ ސްޓޭޖަށް އޭނާ ތައާރަފްކޮށްދިނުމާ އެކުގަ އެވެ. ސްޓޭޖުން ޕްރިޔާންކާގެ މޫނު ފެނިލުމާ އެކު، ގަލޮޅު ދަނޑަށް އެއްވެފައި އޮތް ކްރައުޑް އެކުގައި ކެކިގަތީ އެވެ. އެ އެންމެންގެ ހިތް އުފަލުން ގޮސް ޕްރިޔާންކާގެ އުނގަށް ބަންޑުންވީ އެވެ.

އަދި ބައެއް ދިވެހި އަންހެން ކުދިން ސުނީތާ އަށް ވުރެ ބޮޑަށް އުފާވެފައި ތިބި މަންޒަރު ވެސް ފެނުނެވެ. އުފަލުން ގޮސް ވާހަކަ ނުދެއްކިގެން އުޅުނު މީހުން ވެސް ތިއްބެވެ.

ރާއްޖެ އިން ޕްރިޔާންކާ އަށް "މޮޔަވަނީ" ސުނީތާ އެކަނި ނޫންކަން އެނގިގެން ދިޔަ އަނެއް ކަމަކީ އޭނާ ދެ އަންހެން ކުއްޖަކަށް ސްޓޭޖަށް އެރުމުގެ ފުރުސަތު ދިނުމުން ދެން ވީ ގޮތެވެ. ދުވެފައި ސްޓޭޖަށް އެރި ދެ އަންހެން ކުދިންގެ ގައިގައި ޕްރިޔާންކާ ބައްދާލުމުން އެ ކުދިންގެ މޭގަނޑު ފަޅައިގެން ސްޓޭޖަށް ބަންޑުން ނުވީ ހަމަ ކިރިޔާ އެވެ.

ގޭގައި ތިބެ ޓީވީ އިން އެ މަންޒަރު ބެލި މީހުންނަށް ވެސް އެ ދެ އަންހެން ކުދިންގެ މި އިހްސާސްތައް މިހާ ގާތުން ކުރެވޭނެ އެވެ.

އެހެންވީމަ، އަހަރެމެންގެ އަޑި އޮތް ގޮތް މި އެނގުނީ އެވެ! ސުނީތާ، ޕްރިޔާންކާ އަށް ސަޕޯޓްކުރާތީ، ސުނީތާ ދެކެ ވާ ފޫއްސަކުން، ޕްރިޔާންކާ އަށް ވެސް ސަޕޯޓްނުކުރަނީ އެވެ. ޕްރިޔާންކާއާ ބައްދަލުކޮށްލަން ކިތަންމެ ބޭނުންވެފައި ހުއްޓަސް އެ ވާހަކަ ވެސް ހިތު ތެރޭގައި ފޮރުވައިގެން ހުންނަނީ އެވެ.

ސްޓޭޖަށް އެރި ދެ އަންހެން ކުދިންނަކީ ވެސް ފަހަރެއްގައި އެގޮތަށް މި އިހްސާސްތައް ކުރިން ފޮރުވައިގެން ތިބި ދެ ކުދިންނެވެ. ސުނީތާ ޕްރިޔާންކާ އަށް ސަޕޯޓްކުރާތީ ލަދުން މޫނުގައި އަތް އަޅައިގެން ތިބި ދެ ކުދިން ކަމަށް ވެދާނެ އެވެ. ނޫނީ ސުނީތާގެ ސަޕޯޓަރުން ކަމަށް ވެސް ވެދާނެ އެވެ.

ނަމަވެސް ޕްރިޔާންކާ ގޮވާލުން އެ ދެ ކުދިންނަށް ވެސް ހީވީ ދުނިޔެ ރަންވި ހެންނެވެ. ސްޓޭޖަށް އަރައި ޕްރިޔާންކާ އުރުގައި ޖަހާލައިގެން ގެއަށް ނުގެންދިޔައީ ހަމަ ކިރިޔާ އެވެ. މުޅި އެތަނުގައި ތިބި އެންމެން އާއިލާގެ މީހުންނަށް ވެސް ހެދީ އެވެ.

އަދި އެންމެފަހުން ބަންޑުންނުކޮށް ހިފެހެއްޓި އިހްސާސްތައް ވެސް ބަންޑުންވެ، މި އެންމެންގެ އަސްލު ސިފަ ހުރިހާ އެންމެނަށް ބޭޒާރުވީ އެވެ. އެހެންވީމަ ހުރިހާ ވެސް ޝުކުރެއް ޕްރިޔާންކާގެ މި ހާއްސަ ފެނިލުމަށެވެ.

ވަރަށް ގިނަ ބަޔަކު ދަނޑަށް ޖަމާވީ އަސްލު، ޕްރިޔާންކާގެ ޕާފޯމެންސެއް ފެންނާނެ ކަމަށް ހީކޮށެވެ. ނަމަވެސް ޕްރިޔާންކާގެ ޕާފޯމެންސެއްގެ ބަދަލުގައި އެމީހުންނަށް ލިބުނީ ވެސް، ކުރިން މަލާމާތްކޮށް ޖެއްސުންކުރި ސުނީތާގެ ޕާފޯމެންސެކެވެ. އަޅުގަނޑުމެން ދިވެހިން ހޭއަރައި މިކަމުން ފިލާވަޅު ލިބިގަންނަން އެބަޖެހެ އެވެ.

ސުނީތާ އަށް ފުރައްސާރަކުރި މީހުން ޕްރިޔާންކާ ބަލަން އެއްވީ އެވެ. ބަދަލުގައި ބަލާލަން ލިބުނީ، "އެންމެ ފޫހި" ސުނީތާ އާއި އޭނާގެ ހާއްސަ ޓްރިބިއުޓެވެ. އަދި އެވަރުން ނިމުނީކީއެއް ނޫނެވެ.

އާގަމަވެފައި ތިބި ދިވެހިންނަށް ދެން ފެނިގެން ދިޔައީ ޕްރިޔާންކާ އެންމެފަހުން ސުނީތާ އަށް ވެސް ސްޓޭޖުން ފުރުސަތު ދީ އޭނާ އަށް ހާއްސަ އެވޯޑެއް ވެސް ދިން މަންޒަރެވެ. އެއަށް ފަހު އެއްޗެއް ބުނެލަން ސުނީތާ އަށް ފުރުސަތު ދިނުމުން އޭނާ އެދުނީ އެންމެން އެކުގައި "ޕްރިޔާންކާ ދެކެ ލޯބިވާ ވަރު" ދެއްކުމަށެވެ.

އެކަން ކުރަން ބޭނުންނުވިޔަސް އެއްވެފައި ތިބި އެންމެން ދެން ބަދަލުވާން ޖެހުނީ "ސުނީތާ" އަށެވެ. އެންމެން އެކުގައި ސުނީތާގެ އަޑު ދަށުން ޕްރިޔާންކާ ދެކެ ވަރަށް ލޯބިވާ ވާހަކަ ބުނެ އަޑު އިއްވާލީ އެވެ.

ސުނީތާ އަލީ އޭނާގެ ހުވަފެން ހަގީގަތަކަށް ހަދައިފި އެވެ. މިއަށް ވުރެ ބޮޑު އުފަލެއް ހަޔާތުގައި ނުލިބޭ ކަމަށް އޭނާ ވެސް ބުންޏެވެ. އަނެއްކޮޅުން ޕްރިޔާންކާ ވެސް ސުނީތާ އަށް އޮއްސާލީ ތައުރީފެވެ. ސުނީތާ، ޕްރިޔާންކާގެ ސްޓައިލަށް ހެދުން އަޅައިގެން ހުރުމުން އެކަމަށް ވެސް ޕްރިޔާންކާ ތައުރީފުކުރި އެވެ.

"އަހަންނަށް ވުރެ މޮޅަށް އަހަރެންގެ ހެދުން އަޅަނީ ވެސް ސުނީތާ،" ޕްރިޔާންކާ ބުންޏެވެ.

"ސުނީތާ އަކީ ބަޔާންކޮށް ދެވޭ ވަރަށް ވުރެ ބޮޑު ހުނަރުވެރިއެއް."

މިވަރުން ފުދުނީއެއް ނޫން ހެއްޔެވެ؟ ދިވެހިންގެ ތެރެއިން ކިތަންމެ ގިނަ ބަޔަކު ސުނީތާ އަށް މަލާމާތްކުރިޔަސް އޭނާ އަށް މިހާރު ވަރިހަމަ އެވެ. ޕްރިޔާންކާގެ ހިތް އޭނާ އަތުލައިފި އެވެ.