ޓޮޓެންހަމް ހޮޓްސްޕާސްގެ ސަޕޯޓަރުން ބޭނުން ވަނީ، އާސެނަލްއަށް ވުރެ ކުރީގައި އޮވެގެން ސީޒަން ނިންމާލުމަށް ކަމަށާއި އެހެންނަމަވެސް އޭނާގެ ޓާގެޓަކީ އަންނަ ސީޒަންގެ ޔޫރޮޕާ ލީގްގެ ޖާަގަ ހޯދުން ކަމަށް އުތުރު ލަންޑަންގެ ޑާބީގައި އާސެނަލް ބަލި ކުރި ސްޕާސްގެ ކޯޗް ހޯޒޭ މޮރީނިއޯ ބުނެފި އެވެ.
އާސެނަލްގެ މައްޗަށް، އަމިއްލަ ދަނޑުގައި ޓޮޓެންހަމް ކާމިޔާބު ހޯދީ 2-1 ންނެވެ. ސްޕާސް މޮޅުކޮށްދިން ލަނޑު މެޗުގެ 81 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޓޮބީ އަލްޑާވިރާލްޑް އެވެ. ސަން ހިއުގް މިން ނަގައިދިން ކޯނަރު އަލްޑާވިރާލްޑް ބޮލުން ފޮނުވާލީ ފުރާޅެއްހެން އޮތް ގޯލްގެ އެތެރެއިން މަތީދާގަނޑަށެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑް ނެގީ އާސެނަލްއިންނެވެ. އެ ޓީމުގެ ލަނޑު 16 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެލެގްޒެންޑާ ލަކެޒެޓް އެވެ. ގްރެނިޓް ޒަކާ ދިން ބޯޅަ ބާރު އުންޑައެއްހެން ލަކެޒެޓް ފޮނުވާލީ އޭރިއާގެ ބޭރުގައި ހުރެފަ އެވެ. އެ ބޯޅަ ސަލަމާތް ކުރަން ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސް އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އޭގެ ތިން މިނެޓް ފަހުން ސަން ވަނީ ޓޮޓެންހަމް އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
މެޗުން މޮޅުވެ، ޓޮޓެންހަމް ވަނީ އާސެނަލްއަށް ވުރެ ކުރިއަށް ޖެހިލާފަ އެވެ. މޮޅާއެކު ސްޕާސްއަށް ވަނީ އާސެނަލްއަށް ވުރެ ކުރީގައި އޮވެގެން ޖެހިޖެހިގެން ހަތަރު ވަނަ ސީޒަން ނިންމާލުމުގެ ފުރުސަތު ލިބިފަ އެވެ. އެހެންނަމަވެސް މޮރީނިއޯ ޓާގެޓް ހުރީ އެއަށް ވުރެ މައްޗަށެވެ. އޭނާގެ ޓާގެޓަކީ ޔޫރޮޕާ ލީގުން ޖާގަ ހޯދުމެވެ. އެނާ ވަނީ މީގެ ކުރިން ދެ ފަހަރު އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. މޮރީނިއޯ ވަނީ ޕޯޓޯ އާއެކު އެ މުބާރާތުގެ ޗެމްޕިއަންކަން 2003 ވަނަ އަހަރު ހޯދާފަ އެވެ. އޭރު މުބާރާތުގެ ނަމަކީ ޔޫއެފާ ކަޕެވެ. އަދި 2017 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑާ އެކު މުބާރާތް ކާމިޔާބު ކުރި އެވެ.
"ސަޕޯޓަރުން ދެކޭގޮތުގައި އާސެނަލްއަށް ވުރެ މަތީގައި އޮވެގެން ސީޒަން ނިންމާލަން ޖެހޭނެ، އަހަރެން ޖެހޭނެ އެއަށްވުރެ މާ މަތީ އަޒުމެއް ގެންގުޅެން، ހާލަތު އަހަރެން ބަލަން ޖެހޭނީ ކާމިޔާބު ހޯދަން ދަހިވެތިވެ ހުރެ،" މޮރީނިއޯ ބުންޏެވެ. "..އަހަރެން ޝައުގުވެރިވޭ ޔޫރޮޕާ ލީގް ކުޅެން، ނަަމަވެސް އެއީ އަހަރެން އެ މުބާރަތަކާ ގަޔާވެގެން ހުރި މުބާރާތެއް ނޫން، ނަމަވެސް ޗެމްޕިއަންސް ލީގް ކުޅެވެން ނެތް އިރު ޔޫރޮޕާ ލީގް ރަނގަޅު، އަހަރެން ދެ ފަހަރު އެ މުބާރާތުގައި ވާދަ ކުރިން އަދި އަހަރެން ވަނީ ދެ ފަހަރުވެސް މޮޅުވެފަ، ތިން ވަނަ ފަހަރަށް އެމުބާރާތުގައި ކުޅެން ޓާގެޓް ކޮށް އެ މުބާރާތް ކާމިޔާބު ކުރަން މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް."
އެޓާގެޓް ހާސިލު ކުރުމަށް ޓާގެޓްގައި އޮތް އިރު ސްޕާސްއަށް ކުރިއަށް އޮތީ ވަރުގަދަ ތިން މެޗެވެ. އެ ޓީމަށް ދެން އޮތީ ނިއުކާސލަް ޔުނައިޓެޑް، ލެސްޓާ ސިޓީ އަދި ކްރިސްޓަލް ޕެލަސް އާ ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ.