ހަބަރު

ޑޮލަރު ހޯދައިދޭން ބުނެ މަކަރުން ފައިސާ ނަގަނީ

ޑޮލަރު ހޯދައިދޭނެ ކަމަށްބުނެ މަކަރާއި ހީލަތް ހަދައިގެން ގިނަ އަދަދަކަށް މީހުން އަތުން ފައިސާ ނަގަމުންދާތީ އެކަމަށް ސަމާލު ވާން ފުލުހުން އިލްތިމާސް ކޮށްފި އެވެ.

ފުލުހުން ބުނީ ޑޮލަރު ހޯދައި ދޭނެ ކަމަށްބުނެ މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުން ފައިސާ ނެގުމަށް ފަހު އެ ފައިސާއަށް ހިޔާނާތްތެރިވާ މައްސަލަ ފަހަކަށް އައިސް އިތުރުވެފައިވާ ކަމަށެވެ.

ޑޮލަރު ހޯދައިދޭނެ ކަމަށްބުނެ މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ނަގަމުންދާ މިފަދަ މީހުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ހާއްސަކޮށް ވައިބާގެ ކޮމިއުނިޓީ ގުރޫޕްތަށް މެދުވެރިކޮށް ޑޮލަރު ވިއްކާ ކަމަށް އިޝްތިހާރު ކުރާ ކަން ފާހަގަކުރެވިފައިވާ ކަމަށާއި އެހެން ކަމުން މިފަދަ މީހުންނާއި މެދު ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ފުލުހުން ބުނީ މިފަދަ ކުށްކުށުގެ ޝިކާރައަކަށް ވުމުން ރައްކާތެރިވުމަށް އޮތޮރައިޒްޑް މަނީ ޗޭންޖާސް މެދުވެރިވެގެން ނޫނީ މުއާމަލާތްތަށް ނުހިންގުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އެޅި ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ވަނީ ބަންދުކޮށްފަ އެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ޑޮލަރު ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.