މެންޗެސްޓާ ސިޓީ

ސިޓީގެ ޔޫރަޕް ބޭން ބާތިލު ކޮށްފި

ކުރިއަށް އޮތް ދެ ސީޒަންގައި ޔޫރަޕްގެ އެއްވެސް މުބަރާތެއްގައި ވާދަ ނުކުރެވޭ ގޮތަށް، މެންޗެސްޓާ ސިޓީ އާ ދެކޮޅަށް ޔޫއެފާއިން އެޅި ފިޔަވަޅު ކުޅިވަރުގެ އާބިޓްރޭޝަން ކޯޓުން ބާތިލު ކޮށްފި އެވެ.

މިދިޔަ އަހަރު ޔޫއެފާއިން އެޅި ފިޔަވަޅާއެކު، އެ ޓީމުގެ މައްޗަށް ކުރި 30 މިލިއަން ޔޫރޯގެ ޖޫރިމަނާ ވެސް، ކޯޓުން ވަނީ 10 މިލިއަން ޔޫރޯ އަށް ކުޑަ ކޮށްފަ އެވެ. ސްވިޒަލޭންޑްގެ ލުޒާންގައި ހުންނަ ކުޅިވަރުގެ ބައިނަލްއަގްވާމީ އާބިޓްރޭޝަން ކޯޓުން މައްސަލަ ބެލަން ފެށީ ޔޫއެފާއިން އެޅި ފިޔަވަޅު އިސްތިއުނާފް ކުރުމަށް ސިޓީން އިސްތިއުނާފަށް ހުށަހެޅުމުންނެވެ.

ޔޫއެފާއިން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ފިޔަވަޅު އެޅީ، ޔޫރަޕްގެ ފައިނޭންޝިއަލް ފެއާޕްލޭ އާ ހިލާފަށް މެންޗެސްޓާ ސިޓީން ހަރަދު ކޮށްފައިވާ ކަމަށް ސާބިތު ކުރަމުންނެވެ. އޭރުވެސް ސިޓީން ބުނެފައި ވަނީ ޔޫއެފާގެ ނިންމުން ނިންމާފައި ވަނީ އެކަށިގެންވާ ހެއްކެއް ނެތި ވަކި ކޮޅަކަށް ބުރަ ވެގެން ތިބެ ކަމަށެވެ.

ޔޫއެފާގެ ކުލަބު ފައިނޭންޝިއަލް ކޮންޓްރޯލުން ބޮޑީ (ސީއެފްސީބީ) އިން މައްސަލަ ބަލަން ފެށީ ޖަރުމަންގެ މަޖައްލާ ޑާ ސްޕީގަލްއިން ނޮވެމްބަރު 2018 ގައި އާންމު ކުރި މައުލޫމާތާ ގުޅިގެންނެވެ. ދެ ފަރާތެއްގެ ދެމެދުގައި ކުރެވިފައިވާ އީމެއިލްތަކެއްގެ ކޮޕީ ހާމަ ކުރަމުން ޑާސްޕީގަލްއިން ބުނެފައި ވަނީ މެންޗެސްޓާ ސިޓީގެ އޮފިޝަލް ސްޕޮންސާ ކަމަށް އިއްތިހާދު އެއާލއިނާއެކު ވެފައިވާ 67.5 މިލއަން ޕައުންޑްގެ ފައިސާގެ ބޮޑު ބައެއް ދައްކަނީ ސިޓީގެ ވެރިޔާ ޝައިހް މަންސޫރު ބިން ޒިޔާދު އަލް ނަހްޔާންގެ ކުންފުނިން ކަމަށެވެ.

އިއްތިހާދު އެއާލައިނުން އެ ސްޕޮންސާޝިޕްގެ ދަށުން 2015-16 ސީޒަން ގައި ދީފައި ވަނީ އަށް މިލިއަން ޕައުންޑް ކަމަށާއި ސްޕޮންސާޝިޕްގެ ބާކީ ދީފައި ވަނީ ނަހްޔާންގެ އާއިލާ ކުންފުނި، އަބޫދާބީ ޔުނައިޓެޑް ގުރޫޕުން ކަމަށެވެ.

އަރަބި އެމިރޭޓްސްގް ވެރިކަން ކުރާ ޝާަހީ އާއިލާއަށް ނިސްބަތްވާ ނަހްޔާން، އޭރުވެސް ވިދާޅުވީ ގަވާއިދާ ހިލާފަށް ސިޓީއަށް ފައިސާ ހޯދާފައި ނުވާނެ ކަމުގެ ޔަގީންކަން އޭނާ ދޭ ކަމަށެވެ.

މިއަދު ކޯޓުން ކުރި ހުކުމާ ގުޅިގެން މެންޗެސްޓާ ސިޓީން ވަނީ އެ ކުލަބުގެ ގާނޫނީ ޓީމުން ކުރި މަސައްކަތް ފާހަގަ ކޮށް ޝުކުރު އަދާ ކޮށްފަ އެވެ.