ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާސްކު އެޅުން މަޖުބޫރުކުރަން އެމްއާރްއެމްއިން އެދިއްޖެ

Jul 13, 2020
8

ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާނެ ކަމަަށް ބެލެވޭތީ ބޭރުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރު ކުރުމަށް އެމްއާރްއެމްގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވައިފި އެވެ.

ބޭރުގައި އުޅޭއިރު މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުގެ މަތިން ގިނަ ބަޔަކު މާސްކު އަޅަ އެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް މާސްކު ނާޅާ ވެސް މަގުމަތީގައި އާއި މީހުން އެއްވާ ތަންތަން މިސާލަކަށް މިސްކިތްފަދަ ތަންތަނުގައި އުޅެ އެވެ.

އެމްއާރްއެމްގެ ފަރާތުން ރައީސް ސޯލިހަށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ ލޮކްޑައުން އުވާލުމާއެކު ސަރުކާރުން ރައްޔިތުންނަށް ކޮށްފައިވާ އިލްތިމާސާ އެއްގޮތަށް ގިނަބަޔަކު އަމަލު ނުކުރާކަމީ ހިތާމަހުރި ކަމެއް ކަމަށެވެ. ނަތީޖާ އެއްގެ ގޮތުން މި ނުރައްކާތެރި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިދަނީ ވަރަށްބޮޑަށް އިތުރުވަމުންނެވެ.

"މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ. މި ގޮތަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން ދާނަމަ އަލުން ފުރަބަންދަކަށް ދާން ޖެހިދާނެ ކަމުގެ ބިރު އޮތް ކަމަށްވެސް ދެކެމެވެ." އެމްއާރްއެމް ސިޓީގައިވެ އެވެ.

ސަރުކާރުން ދީފައިވާ ލުއިތަކަށް ބަދަލު ގެނެސް، އެއަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ޖެހޭ ވަގުތެއް ކަމަށް އެމްއާރްއެމްއިން ބުންޏެވެ. އެގޮތުން ބޭރަށް ނުކުމެ އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި، މާސްކު އެޅުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ހެދުމަށް ސިޓީގައި އެދިފައިވެ އެވެ.

"މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރާއިރުވެސް، ގައިދުރު ކުރުމުގެ އުސޫލާ އެއްގޮތަށް ސަފުހެދުމާއި އެންމެން މާސްކު އަޅައިގެން އުޅުންވެސް މަޖުބޫރު ކޮށްދެއްވުން އެދެމެވެ. މައްކާ މަދީނާގައިވެސް، އަދި އެހެން އިސްލާމީ ގައުމުތަކުގައިވެސް މިވަގުތު އަމަލު ކުރަމުންދަނީ މި އުސޫލުންނެވެ." ސިޓީގައިވެ އެވެ.

މީގެކުރިން އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ގޮވާލައްވާފަ އެވެ. އަދި މިވަގުތު ނަމާދު ޖަމާއަތް ހެދުން އެންމެ ރަނގަޅީ ގައިދުރުކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.