ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެމްއާރުއެމް

ސަރުކާރުގެ އިންތިޒާމްތައް ހަރުދަނާކުރުން މުހިންމު: އެމްއާރްއެމް

ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވަމުން ދާތީ، ސަރުކާރުން ދީފައިވާ ލުއިތަކަށް ބަދަލު ގެނެސް ސަރުކާރުން ހަމަޖައްސާފައިވާ އިންތިޒާމުތައް މިހާރަށްވުރެ ހަރުދަނާ ކުރުން މުހިންމު ކަމުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފި އެވެ.

ދިވެހިރާއްޖޭގެ މިނިވަން ކަމަށް 55 އަހަރު ފުރުމާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުވާ އެމްއާރްއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިނިވަން ދުވަސް މިއަހަރު ބައްދަލު ކުރީ ނުރައްކާތެރި ބައްޔެއް ކަމުގައިވާ ކޯވިޑް-19 ވަބާ ދިވެހިންވެސް ތަހައްމުލް ކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އެކަމުގެ ސަބަބުން ދިރިއުޅުމުގެ މިނިވަން ކަމަށް ބޮޑެތި ދަތިތަކެއް ކުރިމަތިލާން ޖެހިފައިވާއިރު މި ކަމުން ސަލާމަތްވެ ކުރީގައި އުޅުނު މިނިވަން ދިރިއުޅުން އިއާދަ ކުރެވޭނީ އެންމެން އެއް އަމާޒަކަށް މަސައްކަތް ކޮށްގެން ކަމަށެވެ.

"..މިކަމުގެ ސަބަބުން އަޅުގަނޑުމެން އާންމުކޮށް އުޅެމުން އައި ދިރިއުޅުމަށް މިވަނީ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައި. އެގޮތުން ބޭރަށް ނުކުމެ އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި މާސްކު އެޅުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި އަޅުގަނޑުމެން އެންމެން ދެކެން ޖެހެ. މިއަދު މި ބަލީގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމުގެ މިނިވަން ކަމަށް މިވަނީ ހީނުކުރާ ފަދަ ބޮޑެތި ދަތިތަކަކާ ކުރިމަތި ލާންޖެހިފައި."

ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވަމުން ދާތީ އެކަމާވެސް އެޕާޓީގެ ބަޔާނުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމްއާރްއެމްއިން ބުނީ މިއީ ސަރުކާރުން ދީފައިވާ ލުއިތަކަށް ބަދަލު ގެނެސް އެއަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ޖެހޭ ވަގުތެއް ކަމަށެވެ.

"މިނިވަންދުވަސް އައި އިރު ރައްޔިތުންނަށް މިވަނީ މިނިވަން ކަމާއެކު އެއްރަށުން އަނެއް ރަށް ދަތުރުކުރެވޭނެ ހާލަތާއި ގޮތް ނެތިފައި އެކަމުގެ ދަތިތަކާއި ކުރިމަލާން ޖެހިފައި. މި ހާލަތު ރަނގަޅު ކުރުމަށާއި ރައްޔިތުންނަށް ފަސޭހަ ގޮތްތައް ފަހިކޮށްދިނުމުގައި ދިވެހި ސަރުކާރުން ހަމަޖައްސާފައިވާ އިންތިޒާމުތައް މިހާރަށްވުރެ ހަރުދަނާ ކުރުން މުހިންމު ކަމުގައި ދެކެން،"

މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުނަށް ފޮނުވާ އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވަނީ މިނިވަންކަން ހޯދުމަކީ އެކަމުގައި އެތައް ބަޔެއްގެ ބޮޑެތި ގުރުބާނީތަކަކާއި ހައްގުތައް ޝާމިލުވާ ކަމެއް ކަމުން މިނިވަންކަން ހޯދުމަށްވުރެ، އެ ލިބުނު މިނިވަންކަން ދެމެހެއްޓުމަކީ މާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

"ކިތަންމެ ގޮންޖެހުން ބޮޑުނަމަވެސް އެކަމުގެ ޒިންމާއާ މައްސޫލިއްޔަތު އެޅިފައި އޮންނަނީ އެއިރެއްގެ ސަރުކާރެއްގެ ކޮނޑުގައި. ހަމައެހެންމެ، އެ މިނިވަންކަން ދެމެހެއްޓުމަށް ރައްޔިތުންވެސް މަސައްކަތްކުރަން ޖެހެ. އެއީ އެކަންކުރުމަކީ، ދިވެހިރާއްޖޭގައި އަމަލުކުރަމުން އަންނަ ގާނޫނު އަސާސީ އިން ދިވެހި ދައުލަތާއި ރައްޔިތުންނަށް ލާޒިމްކޮށްފައިވާ ކަމަކަށްވާތީ،" ކުރީގެ ރައީސް މައުމޫން ލީޑްކުރައްވާ އެމްއާރްއެމްގެ ބަޔާނުގައިވެެއެވެ.