ސުނީތާ ޔާދަވްއަކީ އިންޑިޔާގެ ގުޖްރާތު ސްޓޭޓުގެ ސޫރަތުގައި ޕޮލިސް ކޮންސްޓަބަލްއެއްގެ ވަޒީފާ އަދާކުރާ ޒުވާން އަންހެނެކެވެ. ލޮކްޑައުންގައި ކާފިއު ހިންގާފައި އޮތް ސަރަހައްދެއްގައި އެއް ރެއަކު ސުނީތާ ޑިއުޓީގައި ހުއްޓާ އެ ސަރަހައްދުގެ މިނިސްޓަރެއްގެ ދަރިއެއްގެ ރައްޓެއްސަކު ލޮކްޑައުން އާ ޚިލަފަށް ކާރުގައި ދުއްވާފައި ދަނިކޮށް ފެނިގެން އޭނާ އެ ކާރު މަޑުކުރުވި އެވެ. އެހިސާބުން އެ ކާރުގައި އިން ޒުވާނާ އާއި ޕޮލިސް ކޮންސްޓަބަލް އާ ދެމެދު އަރާރުން ފަށައި އެ މީހާ ކޮންސްޓަބަލް އަށް ބިރުދައްކަން ފެށި އެވެ.
ނަމަވެސް މި ބިރުދެއްކުމުގެ ވާހަކަތަކަށް ބެލުމެއް ނެތި ސުނީތާ އޭނާގެ ޑިއުޓީ ފުރިހަމައަށް އަދާކުރި އެވެ. އަދި މާސްކް ނޭޅުމާއި ލޮކްޑައުންގެ ގަވައިދުތަކާ ޚިލާފުވެގެން މި މީހާ ދޫނުކޮށް ހިފެހެއްޓި އެވެ. އެހިސާބުން އެ މީހާ ގުޅީމަ އޭނާ ސަލާމަތް ކުރަން މިނިސްޓަރުގެ ދަރި އެތަނަށް ކާރެއްގައި އާދެ އެވެ.
މީގެ ދެ ދުވަސް ކުރިން ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާ ވީޑިއޯއަކުން ސުނީތާ އާއި މިނިސްޓަރުގެ ދަރި އާ ދެމެދު ދެކެވޭ ވާހަކަތައް ވަރަށް ރަނގަޅަށް ހާމަވެފައި ވެއެވެ.
އެތަނަށް އެ ވަގުތު އައީ އެ ސަރަހައްދުގެ ހެލްތު މިނިސްޓަރު އޮފް ސްޓޭޓު ކިޝޯރު ކަނާނީގެ ދަރިފުޅު ޕްރަކާޝް އެވެ. އޭނާވެސް ލޮކްޑައުން ކާފިއު އާ ޚިލާފުވެފައިވާ ކަމަށާއި މާސްކް ވެސް ނާޅާ ހުރިކަން މި ވީޑީއޯ އިން ހާމަވެ އެވެ.
ދަ އިންޑިއަން އެކްސްޕްރެސްގައިވާ މިޚަބަރުގައިވާ ގޮތުން ސުނީތާ ވަނީ ގަވާއިދާޚިލާފުވި ކާރު ހިފަހައްޓައި އޭގެ ތަޅުދަނޑި އަތުލާފަ އެވެ.
މި ވީޑިއޯގައި ވާހަކަ ދައްކާ މީހާ ބުނަނީ އޭނާއަކީ މިނިސްޓަރުގެ ދަރިއެއް ކަމަށެވެ. ކާފިއު ގަޑީގައި މަގުމައްޗަށް ނުކުތީ ކީއްވެތޯ ދެން ފުލުސް މީހާ ސުވާލު ކުރެ އެވެ. ޖަވާބުގައި އެ މީހާ ބުނަނީ އެކުވެރިޔާ އަށް އެހީތެރިވާން އައީ ކަމަށެވެ. މި ވީޑީއޯގައި ކޮންސްޓަބަލް ވަނީ މިނިސްޓަރުގެ ދަރީގެ ކާރުގައި އިން "އެމްއެލްއޭ ގުޖްރާތު" ޖަހާފައިވާ ބެނާ އެއްވެސް އެމީހުން ލައްވާ ނަންގުވާފަ އެވެ.
އެހިސާބުން ޒުވާބު ހޫނުވެ އޭނާއަކީ މިނިސްޓަރެއްގެ ދަރިއެއް ކަމަށާއި އޭނާ ބޭނުންނަމަ 365 ދުވަސް ވަންދެން ކޮންސްޓަބަލް އެތަނުގައި ބެހެއްޓިދާނެ ކަމަށް ބުނެ ބިރުދައްކާ މަންޒަރު ވެސް ވީޑީއޯގައި ފެނެ އެވެ.
ސުނީތާ ވަރަށް ބާރަށް ތިމަންނައަކީ އެއްވެސް މީހެއްގެ އަޅެއް ނޫންކަމަށާއި އަދި ކަލޭގެ ބައްޕަ ބުނާހާ ގޮތެއް ވެސް ހަދަން ނުޖެހޭނެކަމަށާއި 365 ވަންދެން އޭނާ އެތަނުގައި ނުބެހެއްޓޭނެ ކަމަށް ބުނެ ޖަވާބު ދެއެވެ.
ކޮންސްޓަބަލް ފަހުން އޭނާގެ މައްޗަށް ހުރި ޕޮލިސް އިނިސްޕެކްޓަރަކަށް ގުޅައިގެން މި ވާހަކަ ކިޔައިދިނުމުން އޭނާވެސް އެހީތެރިކަމެއް ފޯރުކޮށެއް ނުދިނެވެ. އޭނާ އެންގީ ކޮންސްޓަބަލް އެތަނުން ދުރަށް ދިއުމަށެވެ.
މި ވީޑިއޯ ވައިރަލް ވުމުން ގިނަ ބަޔަކު ސުނީތާގެ ހިތްވަރަށް ތައުރީފުކޮށް ގިނަ ކޮމެންޓުތަކެއް ކޮށްފައި ވެއެވެ. ނަމަވެސް މިނިސްޓަރެއްގެ ދަރިއަކާ ހިނގި މި ކުރިމަތިލުމުގެ ސަބަބުން ސުނީތާއަށް ދިމާވި ތަފާތު މައްސަލަތަކުގެ ސަބަބުން އޭނާ މިހާރު ވަނީ އިސްތިއުފާ ދީފަ އެވެ.
ނަމަވެސް މިނިސްޓަރު ކުމާރީ ކަނާނީ އަހުމަދުއާބާދު މިރާ ނޫހަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ ސުނީތާ އޭނާގެ ދަރިފުޅާ ދިމާލަށް ހަޑި ހުތުރު ބަހުން ވާހަކަ ދެއްކި ކަމަށާއި ވީޑިއޯ ވަނީ ވަރަށް ބޮޑަށް އެޑިޓްކޮށް އެބައި އުނިކޮށްފައި ކަމަށެވެ.
ކޮންމެއަކަސް މިހާރު މި މައްސަލައިގައި ހިމެނޭ މިނިސްޓަރުގެ ދަރިއާއި އޭނާގެ ދެ އެކުވެރިން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.