ކޮންމެ ގައުމެއްގެ ވެސް ފަތުރުވެރިކަމާބެހޭ ކަންކަން ރާވާ ހިންގުމުގެ ޒިންމާއަކީ ސްޓެރެޓެޖިކް ވިސްނުމެއްގެ ތެރެއިން އެގައުމުގެ ފަތުރުވެރިކަމާބެހޭ ވުޒާރާގެ ޒިންމާ އެކެވެ. އެހެން ކަމުން ފަތުވެރިކަން އިޝްތިހާރު ކުރުމަކީ ވެސް އެ ވުޒާރާގެ ޒިންމާގެ ތެރޭގައި ހިމެނޭ މައިގަނޑު އެއް ދާއިރާ އެވެ. އެއީ ގައުމުގެ ހާރިޖީ ކަންކަން ރާވާހިންގުން، ހާރިޖީ ވުޒާރާގެ ޒިންމާގެ ތެރޭގައި ހިމެނޭ ގޮތަށެވެ. ގައުމު ބޭރު ދުނިޔޭގައި ތަމްސީލު ކުރުމަށްޓަކައި ބޭރު ގައުމުތަކުގައި ހަދާފައިހުންނަ އެމްބަސީތައް ހާރިޖީ ވުޒާރާގެ ބެލުމުގެ ދަށުގައި ހުންނަ ގޮތަށެވެ. ސިއްހަތާބެހޭ ކަންކަން ސިއްހަތާބެހޭ ވުޒާރާގެ ޒިންމާގެ ތެރޭގައި ހިމެނޭ ގޮތަށެވެ. އެހެން ނޫންނަމަ، ކެބިނެޓް ލެވެލްގައި ނިންމޭ ސްޓްރެޓެޖިކް ވިސްނުންތަކުން ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތަށް އެންމެ އެދެވޭ ގޮތެއްގައި ޙާސިލްކޮށް ތަންފީޒު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.
ދުނިޔޭގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައި ދިވެހިރާއްޖެ ހެދުމަށް މަސައްކަތް ކުރުމަކީ ފަތުރުވެރިކަމާބެހޭ ވުޒާރާގެ އެންމެ ބޮޑު އެއް މެންޑޭޓެވެ. އެހެން ކަމުން 2009 ވަނައަހަރާ ހަމަޔަށް ރާއްޖެ އިޝްތިހާރުކޮށް މާކެޓް ކުރަމުން އައީ ފަތުރުވެރިކަމާބެހޭ ވުޒާރާގެ ސީދާ ބެލުމުގެ ދަށުންނެވެ. ނަމަވެސް ފައިސާ ޚަރަދު ކުރުމުގައި ރާއްޖޭގެ މާލިޔަތު ގާނޫނާއި އެއްގޮތްވާގޮތަށް ކަންކަން ކުރަންޖެހުމުން، ވަރަށް ބޮޑުތަނުން ލަސްވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުން ރާއްޖެއަށް ގެއްލިގެންދާ މާކެޓިން ފުރުޞަތުތަށް ހޯދުމަށް ފަސޭހަކުރުމަށްޓަކައި 2009 ވަނައަހަރު ކުންފުންޏެއް އުފައްދާ ދިވެހިރާއްޖެ މާކެޓްކޮށް އިޝްތިހާރު ކުރުން ވަނީ އެކުންފުންޏާ ހަވާލު ކުރެވިފަ އެވެ. އެމްއެމްޕީއާރުސީ އުފެއްދީ އެ ބޭނުމުގަ އެވެ.
މިސަރުކާރު ވެރިކަމާ ހަވާލުވުމާ ހަމަޔަށް އެމްއެމްޕީއާރްސީ ހިންގަމުން އައީ ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ ޒިންމާތަކެއް އަދާ ކުރުމަށެވެ. ނަމަވެސް މިސަރުކާރު ވެރިކަމާ ހަވާލުވި ހިސާބުން މިކަން އޮތީ ކިހިނެއްކަމެއް ޓޫރިޒަމް މިނިސްޓަރީއަށް ސާފުކޮށް އެނގޭ ކަމާމެދު ޝައްކު އުފެދެ އެވެ. މިހާރު އެމްއެމްޕީއާރްސީއަކީ ޓޫރިޒަމް މިނިސްޓްރީގެ ދަށުގައިވާ ތަނަކަށް ނުވާތީ އެވެ. އެހެންކަމުން ގައުމުގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ޒިންމާދާރު ފަރާތަކީ ކޮބައިކަމެއް ސާފެއް ނުވެ އެވެ. އެއީ އޮޅުންބޮޅުން އަރާފައިވާ ކަމެކެވެ.
މިސާލަކަށް ރާއްޖެއިން ބޭރުގައި ހަދާފައިވާ ދިވެހި ރާއްޖޭގެ އެމްބަސީތަށް އަމިއްލައަށް ގޮތްނިންމާ އަމިއްލަ އިހުތިޔާރު ތަކެއް ލިބިގެންވާ ތަންތަނަށް ވުމުން، ފޮރިން މިނިސްޓްރީން އެ މިނިސްޓްރީގެ ސްޓްރެޓެޖިކް އޮބްޖެކްޓިވްސްތައް ހާސިލް ކުރާނީ ކިހިނެއް ތޯއެވެ؟
ރާއްޖެ ފަތުރުވެރި ކަމުގެ މަންޒިލެއްގެ ގޮތުގައި މާކެޓް ކުރުމަށް، ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ދިމާވެފައި ވަނީ މިކަހަލަ ގޮތެކެވެ.
ރާއްޖެ މާކެޓް ކުރުމާބެހޭ އެއްވެސް ކަމެއްގައި ބަސްބުނެ ހެދުމުގެ އެއްވެސް އަމުރުވެރި ކަމެއް ލިބިފައި ނެތަސް އަދި މާބޮޑު ބަޖެޓެއް ލިބިފައި ނެތަސް، މިކަންކަން ޕަބްލިކަށް ފޮރުވުމަށް، އެންމެ ފަހުން މަގާމުން ދުރަށް ވަޑައިގަންނަވަން ޖެހި ވަޑައިގެންނެވި ފަތުރުވެރިކަމާބެހޭ ވަޒީރު މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަ ވެއެވެ. ރާއްޖެ މާކެޓްކުރުމަށް އަމިއްލަފުޅަށް އިޝްތިހާރު ކުޅުއްވާފައިވުމުން އެކަން ސާބިތުވެ އެވެ.
މީގެއިތުރުން މިދިޔަ އަހަރުން ފެށިގެން ތިން އަހަރު ދުވަހަށް، ކޮންމެ އަހަރަކު މިލިޔަނެއްހާ އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ސްޕޭނުގެ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަޓީމެއް ސްޕޮންސާ ކޮށްފައިވެ އެވެ. އަދި ރާއްޖެ އިޝްތިހާރު ކުރުމަށް ސީއެންއެން ފަދަ ދުނިޔޭގެ ބޮޑެތި ޚަބަރުފަތުރާ ވަޞީލަތްތަކުގައި ލައިވް އިންޓަވިއުތަށް ދެއްވާފައިވެ އެވެ. ދުނިޔޭގެ ފަތުރުވެރިކަމާބެހޭ ޖަމްއިއްޔާގެ ބައްދަލުވުން ތަކުގައާއި، ސަރަހައްދީ އެކިއެކި ފޯރަމްތަކުގައި ބައިވެރިވެ ރާއްޖޭގެ ވާހަކަ، އަޒުމާއި ޖޯޝުގައި ކިޔައި ދެއްވާފައިވެ އެވެ.
ރާއްޖެ އިޝްތިހާރުކޮށް މާކެޓް ކުރުމުގެ ޒިންމާ ދައުލަތުން މިހާރު ހަވާލުކޮށްފައިވާ ފަރާތުން ކުރަނީ ކޮންކަމެއް ހެއްޔެވެ؟ އެ ތަނުން ކުރާ ކަމެއް ނުފެންނާތީ އެވެ. މިދިޔަ އަހަރުގައި ބައިވެރިވި ހުރިހާ ރޯޑްޝޯ ތަކަކީ، އޭގެ ބައިވެރިންނަށް ޕޮރޮޑަކްޓިވިޓީއެއް ނެތް ވަގުތުތަކެއް ބޭކާރުވި "ފްލޮޕް" ތަކެއްގެ ގޮތުގައި ގިނަ ބައިވެރިން ދެކެ އެވެ.
މިއަހަރު މިހާތަނަށް ބޭއްވީ އެންމެ ބޮޑު އިވެންޓަކީވެސް ފްލޮޕެކެވެ. ހަތަރު ގަޑިއިރަށްވުރެ ދިގު ދެމިގެންދިޔަ ފޭސްބުކް އިވެންޓަކީ "ލައިވް" އިވެންޓެއްކަމުގައި ބުންޏަސް، ދެއްކީ ކުރިން ރެކޯޑްކޮށްފައިވާ އިޝްތިހާރު ތަކެކެވެ. އެއިވެންޓް ބެލި ގިނަ މީހުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އުންމީދު ކުރި އެއްވެސް ކަމަކަށް ޖަވާބު ލިބިފައެއް ނުވެއެވެ،
އެއް މާކެޓަކުން އެންމެ ގިނަ ފަތުރުވެރިން މިހާރުވެސް ރާއްޖެއަށް އަންނަ އަދި ދުނިޔޭގެ އެންމެބޮޑު އާބާދީ އެއްވެސް އޮންނަ އަދި މިހާރު ދުނިޔޭގެ އެންމެ ބޮޑު އައުޓްބައުންޑް މާކެޓް ކަމަށްވާ ޗައިނާގައި ފޭސްބުކަކީ މަނާ ވަސީލަތަކަށް ވުމުން، މިދެންނެވުނު އިވެންޓުން އިސްކަންދީފައި ވަނީ ކޮންބަޔަކަށް ކަމާމެދު ވެސް ސުވާލު އުފެދެ އެވެ.
ދުނިޔޭގައި އެންމެއަވަހަށް ކޮވިޑް-19 ކޮންޓްރޯލްކޮށް އަދި ކޮވިޑްގެ ސަބަބުން އިގްތިސޯދަށް އެންމެ ކުޑަ ގެއްލުމެއް ލިބިފައިވާ ގައުމަކީ ވެސް ޗައިނާ ކަމުގައިވާތީ އެވެ. މިވަގުތު ދުނިޔޭގެ ކުދިބޮޑު އަދި މުއްސަނދި ގައުމުތަކުން ވެސް އެންމެ ބޮޑަށް ސަމާލުކަން ދެނީ ޗައިނާގެ ފަތުރުވެރިންގެ ސަމާލުކަން ހޯދުމަށް ކަމަށް ވާތީވެސް މެއެވެ.
ކޮންމެއަކަސް މިއަދާ ހަމަޔަށް މި ސަރުކާރު އައިއިރު ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މާ ބޮޑު އަދިތަފާތު ކަމެއް ކޮށްފައެއް ނުވެއެވެ. ޓޫރިޒަމް މިނިސްޓްރީއިން ސްޕެއިންގެ ކްލަބެއް ސްޕޮންސާ ކުރުން ފިޔަވައެވެ. ރާއްޖެ ޑެސްޓިނޭޝަނެއްގެ ގޮތުގައި މާކެޓް ކުރުމަށް ކުރެވޭ މަދު ކަންކަމުގެ ތެރެއިން، މިވަގުތު މާކެޓިން ވެލިއުއެއް ޖެނެރޭޓް ކުރެވޭނެ ހަމައެކަނި ކަމަކީ އެއީއެވެ. ވަކި އޯޑިއަންސަކަށް ޓާގެޓްކުރެވިގެން ރަގަޅު ވަޞީލަތުގެ ބޭނުންހިފިގެން މިވަގުތު ކުރެވޭ ހަމައެކަނި ކަމަކީ އެއީއެވެ. އެކަމުގެ ޝުކުރު ހައްގުވާ ފަރާތްތަކަށް އަރުވަމެވެ.