ގްރަނާޑާގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ލަލީގާގެ ޗެމްޕިއަންކަން ހޯދުމާ ދެ ޕޮއިންޓާ ކައިރިއަށް ރެއާލް މެޑްރިޑް ޖެހިލައިފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ވިޔަރެއާލްއާ ދެކޮޅަށް ކުޅޭ ކުޅޭ މެޗުން މޮޅުވެގެން، ލަލީގާގެ ޗެމްޕިއަންކަން ރެއާލްއަށް ހޯދޭނެ އެވެ. ރޭ ގްރަނާޑާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 15 މިނެޓްގައި ރެއާލްގެ ދެ ލަނޑުވެސް ކާމިޔާބު ކޮށް އެޓީމު ހަމަޖެހިލި އެވެ. ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނެޓްގައި ފާލެންޑް މެންޑީ ކާމިޔާބު ކުރީ ކާލޯސް ކަސެމީރޯ ދިން ބޯޅަ ހިފައިގެން އޭރިއާގެ ތެރެއަށް ވަދެ ގޯލްގެ ނިއާޕޯސްޓުން އެ ބޯޅަގެ މަތީދާގަނޑަށް ފޮނުވާލައިގެންނެވެ. އެ ލަނޑަކީ ރެއާލްގެ ޖޯޒީގައި މެންޑީ ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ.
ގާތްގަނޑަކަށް އޭގެ ފަސް މިނެޓް ފަހުން ކަރީމް ބެންޒެމާ، ވަނީ ލުކަ މޮޑްރިޗް ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ، ގްރަނާޑާގެ ދެ ޑިފެންޑަރުންނަށް ވެސް ފުރުސަތު ނުދީ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ. އެ ބޯޅަ ބެންޒެމާ ފޮނުވާލިއިރު ގްރަނާޑާގެ ކީޕަރު ރުއީ ސިލްވާ ހުރި އޮފް ޕޮޒިޝަންގަ އެވެ.
ދެ ވަނަ ހާފުގައި ރެއާލް އަށް އުނދަގޫ ކުރިމަތިވި އެވެ. މުޅި ހާފު ޑޮމިނޭޓް ކުރީ ގްރަނާޑާއިންނެވެ. ރެއާލްއަށް ނުރައްކާތެރި އެއްވެސް ބޯޅައެއް ފޮނުވާނުލެވުނެވެ. ގްރަނާޑާއިން ވަނީ ދެ ވަނަ ހާފުގެ ކުރީ ކޮޅުގައި ލީޑް ނަގާފަ އެވެ. ރެއާލްގެ ކޮޅަށް ގޯލެއް ވަނަ ނުދީ ޖެހިޖެހިގެން ފުރހަމަ ކުރަމުން އަންނަ މެޗުގެ ޓްރެކަށް ގްރަނާޑާއިން ނިމުން ގެނައީ، 50 ވަނަ މިނެޓްގައި ޑާވިން މާޗިސް ކާމިޔާބު ކުރި ލަނޑުންނެވެ. ޔޭންހެލް އެރޭރާ ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ މަޗިސް ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލީ ރެއާލްގެ ކީޕަރު ޓިބޯ ކޯޓްއާގެ ފައި ދަށުންނެވެ. އެއީ ޖެހިޖެހިގެން ފަސް މެޗަށް ފަހު ކޯޓްއާގެ ގޯލަށް ވަން ފުރަތަމަ ބޯޅަ އެވެ.
ޔޫރޮޕާ ލީގްގެ ޖާގައެއް ހޯދުމަށް ޓާގެޓް ކަނޑައަޅައިގެން ތިބި ގްރަނާޑާއަކީ ބަލި ކުރަން އުނދަގޫ ޓީމެކެވެ. ހާއްސަކޮށް އެ ޓީމުގެ ދަނޑުގައި ވަރުގަދަ ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑަށް ވެސް ސަލާމަތް ނުވެ ވުނެވެ. ގްރަނާޑާގެ ނުއެވޮ ލެސް ކާމެނޭސް ސްޓޭޑިއަމްގައި ބާސާއާ ދެކޮޅަށް ކުޅުނު މެޗުން ގްރަނޑާ ވަނީ 2-0 ން މޮޅުވެފަ އެވެ. އެތުލެޓިކޯގެ މެޗު އެއްވަރުވީ 1-1 ންނެވެ.
ދެ ވަނަ ހާފުގެ ފަހު ކޮޅުގައި، ނަތީޖާ ހަމަހަމަ ކުރުމާ ވަރަށް ގާތަށް ގްރަނާޑާ ދިޔަ އެވެ. އެ ޓީމުގެ ރަމޯން އަޒީޒު ފޮނުވާލި ބޯޅަ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ދިފާއު ކުރީ ގޯލްގެ ރޮނގުމަތިންނެވެ.