ރިޕޯޓް

ހުޅުވާލި ދެވަނަ ރާޅަކަށް ތައްޔާރުތަ؟

ރާއްޖެއިން ކޮވިޑްގެ ބަލީގެ މީހަކު އެންމެ ފުރަތަމަ ފެނުނީ މާޗް މަހުގެ ހަތްވަނަ ދުވަހު އެވެ. ފުރަތަމަ ކޭހެއްގެ ގޮތުގައި ރެކޯޑް ކުރެވިފައި ވަނީ ތުރުކީގެ އުމުރުން 49 އަހަރުގެ އަންހެނެކެވެ. ނަމަވެސް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ފުރައިގެން ދިޔަ އިޓަލީގެ ފަތުރުވެރިއަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައި ވާތީ ކޮވިޑްގެ ބަލިމަޑުކަން ރާއްޖެއާ ހަމައަށް އޭގެ އެއްދުވަސް ކުރިން ފޯރާފައިވާ ކަމަށް އެ ގައުމުން ދިވެހި ސަރުކާރަށް ވަނީ އަންގާފަ އެވެ. އެއީ ކުރެއްދޫ ރިސޯޓުންނެވެ.

ކުރެއްދޫގެ ފުރަތަމަ ކޭހާއެކު މުޅި ރާއްޖެއަށް ކޮވިޑްގެ ރާޅު ބިންދާލާ އެކި ސަރަހައްދުތަކަށް ފެތުރިގެން ދިޔަ އެވެ. އެއާއެކު ޕޮޒިޓިވް ކޭސްތައް އިތުރުވެ އެކި ފަރާތްތަކުން ސަރުކާރަށް ގޮވަމުން ދިޔައީ ބޯޑަރު ބަންދު ކުރުމަށެވެ. އެއީ އެ ވަގުތަށް އެންމެ ރައްކާ ގޮތް ކަމަށާއި އެހެން ގައުމުތަކުގައި ވެސް ވައިރަސް ނުފެތުރި ކޮންޓްރޯލް ކުރެވުނީ އެހެން ކަމަށް ބުނެ މިސާލު ދައްކަމުންނެވެ.

އޭގެ ދުވަސްކޮޅެއް ފަހުން 27، މާޗް ވަނަ ދުވަހުގެ ރޭ މެންދަމު 12:00 ޖެހުމާއެކު ރާއްޖޭގެ މައި ދޮރާށި ވީއައިއޭ ބަންދު ކުރި އެވެ. ދެ މަހަށްފަހު އަލުން ބޯޑަރު މިއަދު މި ހުޅުވާލަނީ ކުރިއަށް އޮތް ހަ މަހުގެ ހީނަރު ދުވަސްތަކަށް ވާނެ ކަމުގެ ބިރާއެކު، އިގްތިސޯދު އަލުން ބަލުން އާރާސްތު ކުރުމަށެވެ. އެހެން ނަމަވެސް، ސަރުކާރުގެ މި ނިންމުމާއެކު އާއްމުން ސުވާލުވެސް އުފެއްދި އެވެ. ބޯޑަރު ހުޅުވާލަން ގައުމު ތައްޔާރީ ކިހާވަރަކަށްތޯ އެވެ. ބޯޑަރު ހުޅުވުމާއެކު ދެވަނަ ރާޅެއް ނަގާނެ ނޫން ހެއްޔެވެ؟ އަދި، ގައުމަށް މުހިއްމީ މީހުންގެ ފުރާނަ އާއި ސަލާމަތަށްވުރެ އިގްތިސޯދުތޯ ވެސް ސުވާލު އުފައްދަ އެވެ.

އެހެން ގައުމުތަކުގައި އަލުން ބޯޑަރު ހުޅުވާލާއިރު ވަނީ ޕްލޭންތަކެއް ހަދާފަ އެވެ. އެ ޕްލޭންތަކުގައި ނިއު ނޯމަލްގައި އަމަލު ކުރާނެ ހުރިހާ ގޮތެއް، ދިމާ ވެދާނެ ހުރިހާ ކަމެއް ހިމަނާފައިވެ އެވެ. ބޮޑެތި ކަންކަމުން ފެށިގެން ގޮސް ކުދިކުދި ކަންކަމާ ހަމައަށެވެ. ތަފާތު ފިޔަވަހިތަކަކަށް ބަހާލައިގެނެވެ. ރާއްޖޭގައި ވެސް މިފަދަ ގޮތަކަށް ވަނީ ޕްލޭނެއް ކޮށްފަ އެވެ. ރާއްޖޭގެ މައި ދޮރާށިން ފަތުރުވެރިން ވަދެގެން އަންނަ ދުވަހުން ފެށިގެން އެނބުރި ދިއުމާ ހަމައަށް ބަލާނެ އުސޫލުތަކެއް އެބަ އޮތެވެ. އެއާލައިންތަކުގެ އުސޫލާއި، އެއާޕޯޓު އަދި ރިސޯޓުތަކުގައި ވެސް ހަރުކަށި އުސޫލުތަކެކެވެ.

ރާއްޖެއިން ނިންމާފައި ވަނީ، ރިސޯޓުތަކުގެ ދެބައިކުޅަ އެއްބައި ހުޅުވުމަށެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރު އިއުލާން ކުރެއްވީ ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ރާއްޖޭގައި ހިންގަމުންދާ 147 ރިސޯޓްގެ ތެރެއިން ދެބައިކުޅަ އެއްބައި ރިސޯޓްތައް ހުޅުވާނެ ކަމަށެވެ.

"ރާއްޖޭގައި 150 ވުރެ ގިނަ ރިސޯޓް އޮޕަރޭޓް ކުރަމުން މި ދިޔައީ. އޭގެ ދެބައިކުޅަ އެއްބައި ރިސޯޓް އޮޕަރޭޝަނަށް ގެންނަން މިދަނީ މަސައްކަތް ކުރަމުން. އަދި ދެން ހުރި ރިސޯޓްތައް އޯގަސްޓްގައި އަންނާނެ. މަދުން ނަމަވެސް ސެޕްޓެމްބަރު އަދި އޮކްޓޫބަރާ ހަމައަށް ވެސް. ނަމަވެސް ޑޭޓް ލިބުމާއެކު ލަހުން ހުޅުވަން ހުރި ރިސޯޓްތައް ވެސް ހުޅުވުން އަވަސް ކުރުމަކީ ވެދާނެ ކަމެއް." ކުރީގެ ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.

ދެން އުފެދޭ ސުވާލަކީ މީގެ ކުރިންވެސް ރާއްޖޭގައި މި ވައިރަސް ފެތުރުނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވަނިކޮށެވެ. ދެންވެސް ވާނީ ހަމަ މިހެން ނޫން ހެއްޔެވެ؟ އެހެންނަމަވެސް، ކަމާ ގުޅޭ ހުރިހާ އިދާރާތަކަކުން މިކަމަށް ބުނަނީ މިހާރުގެ ތައްޔާރީތައް ވަރުގަދަ ވާނެ ކަމަށެވެ. އަތުން ދޫވެގެން ނުދާނެ ކަމަށެވެ. ރިސޯޓުތަކުގައި ފަތުރުވެރިން ތިބޭ އިރު ކުރިއާ ހިލާފަށް މިހާރު ވަނީ ރައްކާތެރިކަމަށް ކަންކަން ބަދަލުކޮށްފަ އެވެ. މާލެ ކައިރި ރިސޯޓުތަކުގައި މަޑު ކުރާ ފަތުރުވެރިން މާލެ އަށް އައުމާއި، ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުން އެމީހުންގެ އޮފް ދުވަސްތަކުގައި މާލެ އަންނަ އައުމެއްވެސް ނޯންނާނެ އެވެ. ރާއްޖޭގެ ޓޫރިޒަމްގެ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓް އަކީ މިކަމަށް އޮތް އެންމެ ބޮޑު ލުޔެވެ. އެހެން މިހުންނާ ކޮންޓެކްޓުވެ ބޮޑެތި ކްލަސްޓާތައް ހެދުމުގެ ބިރު ގެއްލޭ ހިސާބުވެސް މެ އެވެ.

މާލެ ސީޓީގެ އެތައް ސަތޭކަ ބަޔަކު އިންޓަނޭޝަނަލް އެއާޕޯޓުގައި ވަޒީފާގައި އުޅޭއިރު އެމީހުން ވަނީ މިހާރު މިކަމަށް ޓްރެއިންކޮށްފަ އެވެ. އެމްއޭސީއެލް އާއި އިމިގްރޭޝަން ފަދަ ކުންފުނި ތަކުގައި މަސައްކަތް ކުރާ ސްޓާފުން ތިބީ މިވީ ދެ މަހެއްހާ ދުވަހު ރާއްޖެ އައި އެމަޖެންސީ ފްލައިޓުތަކާއި މެޑިކަލް ފްލައިޓުތައް ހޭންޑްލް ކޮށްފަ އެވެ. މި ނޫންވެސް ތަމްރީނުތައް ކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި ވާހަކަ ދައްކަވަމުން، އެއާޕޯޓް އިމަޖެންސީ ސާވިސްގެ ޑެޕިއުޓީ ޗީފް އޮފިސަރު، އަހުމަދު ފަޔާޒު ވިދާޅުވީ ނިއުނޯމަލްގައި އެއާޕޯޓް ހުޅުވާއިރު އިތުރު އިމަޖެންސީއެއް ދިމާވެދާނެ ކަމަށް ބަލައި ތައްޔާރުވެފައިވާ ކަމަށާއި އެއާޕޯޓުގައި ތިން މަހުގެ އިމެޖެންސީ އަށް ބޭނުންވާ ސާމާނު ވެސް އެބަހުރި ކަމަށެވެ.

"ނިއު ނޯމަލްގައި އިތުރު އިޖަމެންސީ ތަކެއް ދިމާވާނެ ކަމަށް ގަބޫލު ކުރަން ފްލައިޓުގެ ތެރޭގައި ކެއްސުން ނޫނީ ހުން އައުން ފަދަ ކަމެއް ދިމާވެއްޖެނަމަ އަޔާޓާގެ ގަވައިދުން ބުނާ ގޮތުން. ކައިރި އެއާޕޯޓަކަށް ޖައްސަން ޖެހެނީ. އެކަމަށް ވެސް އަޅުގަނޑުމެން ވާނީ ތައްޔާރުވެފައި،" ފަޔާޒު ވިދާޅުވި އެވެ.

ކުރިން އެއް ފަހަރާ 1000 މީހުންނަށް ހިދުމަތްދޭ އިންޓަނޭޝަނަލް އެރައިވަލް ހޯލުގައި މިހާރު ހިދުމަތް ދޭނީ 577 މީހުންނަށެވެ. އަދި 1200 މީހުން ހިދުމަތް ދޭ އިންޓަނޭޝަނަލް ޑިޕާޗާ ހޯލުގައި މިއަދުން ފެށިގެން ހިދުމަތް ދޭނީ 750 މީހުންނަށެވެ.

ރާއްޖެ އާ އެއްގޮތަކަށް އޮންނަ، ޑެސްޓިނޭޝަން އައިލެންޑްސް ކަމަށްވާ، ސީޝެލްސް އާއި މޮރިޝަސް އަށްވެސް ކޮވިޑްގެ ރާޅު ނެގި އެވެ. އެ ދެ ގައުމުގައިވެސް ޕޮސިޓިވް ކޭސްތަކާއެކު ބޯޑަރު ބަންދު ކުރި އެވެ. ސީޝެލްސްގައި އަލުން ބޯޑަރު ހުޅުވުމަށް ނިންމާފައިވާ ކަމަށް އެ ގައުމުގެ ގައުމީ ނިއުސް އެޖެންސީގެ އިން ވަނީ ރިޕޯޓުކޮށްފަ އެވެ. އެހެންނަމަވެސް، އެ ގައުމުގައި އެންމެ ފުރަތަމަ ގެންނަނީ ހަމަ އެކަނި ޕްރައިވެޓު ޖެޓުތަކުގައި ހާއްސަ ފަތުރުވެރިންނެވެ. އެއީ، ޖުލައި ފަހުކޮޅު ނޫނީ އޮގަސްޓުގަ އެވެ. ރާއްޖެއަށް ބަލާނަމަ މިކަން އޮތީ ތަފާތުކޮށެވެ. ރާއްޖެ އަންނަ ޝެޑިއުލް ފްލައިޓުތަކަށްވެސް ހިލޭ ޖެއްސޭނެ އެވެ. ރާއްޖެ އާއި އެ ގައުމުގެ އިތުރު ތަފާތަކީ ޕޮސިޓިވް ކޭސްތައް އެ ގައުމުގައި ނެތުމެވެ. އަދި ބަލީގައި އެކަކުވެސް މަރު ނުވުމެވެ.

ރާއްޖޭގެ އިކޮނޮމިކް އިންޖީނު އަލުން ސްޓާޓުކޮށް، ނިއު ނޯމަލްގައި މީހުން ވަޒީފާ އަށް ފޮނުވާ މަސައްކަތްތައް ފެށުމަށްވެސް މި ވަގުތަށް އެންމެ މުހިއްމީ ރައްކާތެރިކަމެވެ. އަދި މުޅި ރާއްޖޭގެ ޕޮސިޓިވް ކޭސްތައް މަދު ކުރުމެވެ. ތަފާތު ހިސާބުތަކުން ބަލާއިރު ޕޮސިޓިވް ކޭސްތައް ޖޫންގައި މަދުވި ނަމަވެސް، ޖުލައިގައި ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. އަދި ރެކޯޑުތައް ދައްކާގޮތުން މިހާރު ބަލި ޖެހެނީވެސް ގިނައިން ދިވެހިންނަށެވެ. މި ޕޮސިޓިވް ކޭސްތަކުގެ ބިރު ފަތުރުވެރިންނަށްވެސް އެބަ އޮތެވެ. ޗުއްޓީ ނިމޭއިރު ކުރިމަތިވެދާނެ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު އެމީހުންގެ ސަނީސައިޑްއޮފް ލައިފް އަށް ނުވެދާނެ އެވެ.

މި ކަންކަން މި ގޮތުގައި ހުރެ، ސަރުކާރުގެ ތައްޔާރީތަކާއި ބޮޑެތި ޕްލޭންތަކާއެކު މިއަދު ރާއްޖެ އަލުން ހުޅުވާލާ ފަތުރުވެރިންނަށް މިއަދުން ފަށައިގެން މަރުހަބާ ކިޔާނެ އެވެ. މި އަޑިގަނޑުން އަރައިގަންނަން އަލުން މަސައްކަތް ފަށާއިރު، ގޭޓުން ވަދެގެން އަންނަ ފަތުރުވެރިންނާއެކު ދެވަނަ ރާޅަކަށް އެ ގޭޓުން ވަންނަން ޖާގަ ނުދޭނެ ކަމުގެ ޔަގީން ވަނީ އަރުވާފަ އެވެ.