ކޮވިޑްގައި އިތުރު މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ދެންމެ ބުނީ ކޮވިޑަށް ފަރުވާ ދިނުމަށް ހަދާފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކުރި ކޮވިޑްގެ ބަލި މީހަކު މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ އުމުރުން 79 އަހަރުގެ އަންހެނެކެވެ. އެއީ ދިވެއްސެކެވެ.
މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި މަރުވި 14 ވަނަ މީހާއެވެ.
ރާއްޖެއިން ކޮވިޑްގައި ފުރަަަތަމަ މީހަކު މަރުވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ރޭ އިރުއޮއްސި 7:10 ގައެވެ. އެއީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އޭގެ ފަހުުން މެއި މަހުގެ 5 ވަނަ ދުވަހު ބަންގްލަދޭޝްގެ ފިރިހެނަކު އެ ބަލީގައި މަރުވިއެވެ. އަދި މެއި މަހުގެ 8 ވަނަ ދުވަހު އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ. އަދި މެއި މަހުގެ 13 ވަނަ ދުވަހުގެ ރޭ މަޝްހޫރު ވިޔަފާރިޔާ މަރޮށީ ހުސައިން އަބްދުﷲ (އެމްއެޗްއޭ)ވެސް ވަނީ ކޮވިޑް ބަލީގައި އަވަހާރަވެފައެވެ.
މެއި މަހުގެ 26 ވަނަ ދުވަހު ކޮވިޑްގައި ހަތަރުވަނަ މީހަކު މަރުވިއެވެ. ބަންގްލަދޭޝްއަށް ނިސްބަތްވާ އެ މީހާ މަރުވެފައި އޮއްވާ ފެނުނީ މަގެއްގެ މަތީ އޮއްވައެވެ. އަދި ޖޫން 1 ވަނަ ދުވަހު ޓްރީޓޮޕްގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ ބަންގްލަދޭޝްގެ އުމުރުން 54 އަހަރުގެ މީހަކު ވަނީ މަރުވެފައެވެ. އޭގެ ފަހުން ހުޅުމާލޭ އައިސޮލޭޝަން ފެސިލިޓީގައި ހުރި 89 އަހަރުގެ އަންހެނެއްވެސް ވަނީ މަރުވެފައެވެ. އަދި ޖޫން ހަ ވަނަ ދުވަހު ހެނދުނު އައިޖީއެމްއެޗަށް ހާލު ސީރިއަސް ވެގެން ގެންދިޔަ ބަންގްލަދޭޝް މީހަކުވެސް ވަނީ މަރުވެފައެވެ. އޭނާއަކީވެސް ކޮވިޑް ބަލި މީހެކެވެ. ކޮވިޑްގައި ޖޫން މަހުގެ 30 ވަނަ ދުވަހުވެސް މީހަކު މަރުވިއެވެ. އެ ދުވަހު މަރުވީ ފިލިޕީންސްއަށް ނިސްބަތްވާ 43 އަހަރުގެ ފިރިހެނެކެވެ.
އޭގެ ފަހުން ޖުލައި މަހުގެ ފަސްވަނަ ދުވަހު 77 އަހަރުގެ ދިވެއްސެއް އަދި ޖުލައި 8 ވަނަ ދުވަހު 80 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ކޮވިޑްގައި މަރުވެފައެވެ.
ކޮވިޑް ޖެހުނު އުމުރުން 80 އަހަރުގެ އަންހެނެއްވެސް ވަނީ މަރުވެފައެވެ. ނަމަވެސް އޭނާ މަރުވީ ކޮވިޑް ބަލިން ރަނގަޅުވީ ފަހުންނެވެ. އޭނާއަކީ ބަނޑުގެ ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހެކެވެ.