ވިޔަފާރި

ޓީއެމްއޭގެ ސަބަބުން ޓޫރިޒަމަށް ބޮޑު ފަސޭހައެއް ލިބިގެން ދިޔަ: ޗަމްޕާ އަފީފު

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ފަސޭހައެއް ލިބިގެން ގޮސްފައިވާ ކަމަށް ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ ޗަމްޕާ ހުސެއިން އަފީފު މިރޭ ވިދާޅުވެއްޖެ އެވެ.

ޓީއެމްއޭގެ ހިދުމަތަށް 25 އަހަރު ފުރުން ފާހަގަ ކުރުމަށް ހުޅުލޭ އައިލެންޑް ހޮޓަލުގައި މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ޓީއެމްއޭގެ އެއް ޑިރެކްޓަރު ކަމަށްވާ އަފީފު ވިދާޅުވި ގޮތުގައި ރާއްޖެއަށް ޓޫރިޒަމް ތައާރަފު ވެގެން ދިޔަ ދުވަސްވަރު މާލެއާ ދުރު ހިސާބުތަކުގައި ހުރި ރިސޯޓުތަކުން ޓޫރިސްޓުން ގެނެސް، ގެންގޮސް ހެދުމަށް ހަތް ގަޑިއިރުގެ ދިގު ދަތުރެއް ކަނޑު މަގުން ކުރަން ޖެހުނު ކަމަށެވެ.

"ކުރިން ކުރެއްދޫ އާއި ކުރަމަތި ފަދަ ރިސޯޓްތަކުން ޓޫރިސްޓުން ގެންދިއުމަށް ހަތް ގަޑިއިރުގެ ދިގު ދަތުރެއް ކުރަން ޖެހުނު. މިކަމުގެ ސަބަބުން އެ ދުވަސްވަރު ހެލިކޮޕްޓަރުގެ ހިދުމަތް ވެސް ފަށަން ޖެހުނު. ނަމަވެސް ފަހުން ހެލިކޮޕްޓަރުގެ ހިދުމަތް ވެސް ހުއްޓާލަން ޖެހުނީ،" އަފީފު ވިދާޅުވި އެވެ.

ހުޅުލޭ އައިލެންޑް ހޮޓަލުގައި މިރޭ ބޭއްވި ހަފުލާގައި ޓީއެމްއޭއަށް ލިބިފައިވަނީ ބައެއް ކާމިޔާބީތައް ފާހަގަކުރުން ވެސް އޮތެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ވޯލްޑް ޓްރެވަލް އެވޯޑު ލިބުމާއި އައިއެސްއޯ ސެޓްފިކެޓް ލިބުން ވެސް ފާހަގަ ކުރި އެވެ.

ކުރިން ސީޕްލޭން ވިޔަފާރީގައި ވާދަވެރި ޓްރާންސް މޯލްޑިވިއަން އެއާޓެކްސީ (ޓީއެމްއޭ) އާއި މޯލްޑިވިއަން އެއާޓެކްސީ (އެމްއޭޓީ) ގެ ހިއްސާ ދުނިޔޭގެ ބޮޑު އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ ބްލެކް ސްޓޯން ކުންފުނިން 2013 ވަނަ އަހަރު ވަނީ ގަނެފަ އެވެ. އަދި މިހާރު މި ދެ ކުންފުނީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ އެއް މެނޭޖުމަންޓަކުންނެވެ. މިހާރު މި ކުންފުނީގައި 46 ސީޕްލޭން އޮޕަރޭޓް ކުރަމުންދެ އެވެ.

ޓީއެމްއޭ އިން މިދިޔަ އަހަރު އެކަނިވެސް 983،990 ޓޫރިސްޓުން އުފުލާފައިވެ އެވެ.