ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމްއާ ގުޅޭގޮތުން ފެތުރެމުންދާ ހަބަރު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދޮގުކޮށްފި އެވެ.
ދިއެސްއެމްއެސް ނަމުގައި މިއަދު ފޯނުތަކަށް އައި މެސެޖެއްގައި ޕީޖީ ޝަމީމް ހުންނެވީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މުވައްޒިފަކާ ޑައިރެކްޓް ކޮންޓެކްޓްވެ ހޯމް ކަރަންޓީންގައި ކަމަށާ މިއަދު ނޫސްވެރިންނާ ބައްދަލްކުރެއްވީީ އެޗްޕީއޭގެ އަމުރާ ހިލާފަށް ކަމަށް ވަނީ ބުނެފައެވެ.
މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ފެތުރެމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. ޝަމީމް ހުންނެވީ ކަރަންޓީންގައި ނޫން ކަމަށާ އެފަދަ އެންގުމެއް އެޗްޕީއޭއިން އަންގާފައިވެސް ނުވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
ޕީޖީ އޮފީހުގެ އިދާރީ މުވައްޒަފަކު މި މަހުގެ ނުވަވަނަ ދުވަހު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ.
ޕޮޒިޓިވްވި މުވައްޒަފާ ޑައިރެކްޓް ކޮންޓެކްޓްވި މުވައްޒަފުން ދެނެގަނެ އެ ދުވަހު ވަނީ އެޗްޕީއޭއަށް އަންގާފައެވެ. އަދި އެ ދުވަހު އެ އޮފީހުގެ މުވައްޒިފުން މަސައްކަތް ކޮށްފައިވަނީ ގޭގެއެވެ. އަދި އޮފީހަށް މުވައްޒިފުން ނެރެގެން މަސައްކަތް ފަށާފައިވަނީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ޑިސްއިންފެކްޓް ކުރުމަށްފަހު އެވެ.
ޝަމީމްއާ ގުޅޭގޮތުން މިފަދަ ވާހަކަތަކެއް ފެތުރިފައިވަނީ މިއަދު ނޫސްވެރިންނާ ބައްދަލްކުރައްވާފައިވަނިކޮށެވެ. ޕީޖީ ނޫސްވެރިންނާ ބައްދަލް ކުރެއްވީ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހުރިހާ ދައުވާތައް ކުއްލި ގޮތަކަށް ބާތިލްކޮށް އަދީބް މިނިވަން ވުމާއި ގުޅިގެންނެވެ.