ލަލީގާގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑުން ހޯދި ނަމަވެސް އެ ޓީމުގެ ކުޅުންތެރިންނަށް ބޯނަސް ނުލިބޭނެ ކަމަށް ކުލަބުން އަންގައިފި އެވެ.
ރެއާލްއިން ވަނީ އެ ކުލަބުން ލަލީގާ އާއި ޗެމްޕިއަންސް ލީގް 2016-17 ގެ ސީޒަންގައި ހޯދުމުން، ބޯނަސްގެ ގޮތުގައި ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް އެއް މިލިއަން ޔޫރޯ ދީފަ އެވެ. އެހެން ނަމަވެސް މިފަހަރު ކުޅުންތެރިންނަށް ބޯނަސް ނުދޭން އެ ކުލަބުން ނިންމީ، ކޮވިޑް-19 އާ ގުޅިގެން ކުރިމަތ ވެފައިވާ މާލީ ގޮންޖެހުންތަކާ ގުޅިގެންނެވެ. ކޮރޯނާ ވައިރަސް އާ ގުޅިގެން ރެއާލް އިން ވަނީ އެ ޓީމުގެ ކުޅުންތެރިންގެ މުސާރަ ދެ ފަހަރެއްގެ މަތިން ދަށް ކޮށްފަ އެވެ. ވައިރަސްގެ ސަބަބުން ސީޒަން ކުރިއަށް ނުގެންދެވުމުން ތިން މަސް ދުވަހަށް މެދުކަނޑާލަން ޖެހުމުން ރެއާލް އިން ފެށީ އެ ކުލަބުގެ ސްޓޭޑިއަމް ސެންތިއާގޯ ބޭނެބެއު މަރާމާތު ކުރުމުގެ މަސައްކަތެވެ. އެކަމާ ގުޅިގެން ވެސް އިތުރު ހަރަދުތައް ހިނގާނެ އެވެ.
ކުރިއަށް އޮތް ޓްރާންސްފާ ޕީރިއަޑްގައި ރެއާލްއިން އަލަށް އެއްވެސް ކުޅުންތެރިޔަކު ގެންނާނެ ކަމަށް ނުބެލެވެ އެވެ. އޭގެ ބަދަލުގައި އެ ކުލަބުގެ މަޝްހޫރު ބައެއް ކުޅުންތެރިން ބޮޑު އަގުގައި ވިއްކާލާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ގެރެތު ބޭލް، ހަމޭސް ރޮޑްރިގޭޒް، ލޫކަސް ވަޒްކުއޭޒް އަދި ލުކަ ޔޯވިޗް ވިއްކާލުމުގެ ވާހަކަތައް މީޑިއާގައި ދަނީ އެނބުރެމުންނެވެ.
ލީގް ޗެމްޕިއަންކަން ހޯދަން ރެއާލްއަށް ދެން ބޭނުން ވަނީ ދެ ޕޮއިންޓެވެ. މާދަމާ ރޭ، ވިޔަރެއާލް އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އެ ޓީމަށް ލީގް ޗެމްޕިއަންކަން ހޯދޭނެ އެވެ. އެ ޓީމު އެއް ވަނައިގައި އޮތީ ވާދަވެރި ބާސެލޯނާއަށް ވުރެ އިތުރަށް ހަތަރު ޕޮއިންޓް ހޯދައިގެންނެވެ.