ކުޅިވަރު

ތިން ވަނަ މަގާމުގައި ޗެލްސީ ހަމަޖެހިލައިފި

ނޯވިޗް ސިޓީ އާ ދެކޮޅަށް އޮލިވާ ޖިރޫޑް ކާމިޔާބު ކުރި ލަނޑުން 1-0 ން މެޅުވެ، ޕްރިމިއާ ލީގްގެ ތާވަލުގެ ތިން ވަނައިގައި ޗެލްސީ ހަމަޖެހިލައިފި އެވެ.

ޗެމްޕިއަންޝިޕަށް ރެލިގޭޓް ވެފައިވާ ނޯވިޗް ސިޓީގެ މައްޗަށް ހޯދި މޮޅާއެކު ޗެލްސީ ވަނީ ތިން ވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ. މެޗަށް ފަހު ޗެލްސީގެ ކެޕްޓަން ސެސާ އަޒްޕްލިކްއޭޓާ އުފާފާޅު ކުރި ގޮތުން އެ ޓީމަށް ހަމަ ޖެހުމެއް ލިބިއްޖެކަން އެނގިގެން ދިޔަ އެވެ. މޮޅާއެކު ޗެލްސީ ވަނީ ހޮނޮހިރު ދުވަހު ޝެފީލްޑް ޔުނައިޓެޑް އަތުން ވީ ބަލިން އަރައިގެންފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖިރޫޑް ލަނޑު ކާމިޔާބު ކުރީ، ކްރިސްޓިއަން ޕްލިސިޗް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ތިން ވަނައިގައި ހަމަޖެހިލެވުނަސް ޗެލްސީއަށް އޮތް ގޮންޖެހުން ކުޑައެއް ނޫނެވެ. ހަތަރު ވަނަ އަދި ފަސް ވަނައިގައި އޮތް ލެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑަށް ވުރެ އިތުރަށް އެ މެޗު ކުޅެގެން ހަތަރު ޕޮއިންޓްގެ ލީޑެއް އޮތް ނަމަވެސް، ކުރިއަށް ހުރި މެޗުތަކުން ނަތީޖާ ނުނެރެވިއްޖެނަމަ، ފަހަތަށް ސޮއްސާލުމުގެ ބިރު ވެސް އެބައޮތެވެ.

ލީގްގައި ޗެލްސީއަށް ބާކީ އޮތީ، ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗާއި ޔޫރޮޕާ ލީގްގެ ޖާގައަކަށް ވާދަ ކުރަމުން އަންނަ ވޯލްވާހެމްޓަން ވޮންޑާސް އާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ކުރިން އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ޔުނައިޓެޑާ ދެކޮޅަށް ހޮނިހިރު ނުކުންނާނެ އެވެ.