ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް 150 ވުރެ ގިނަ ދައުވާ އުފުލޭނެ މިންވަރަށް ޕީޖީ އޮފީހުގައި ހެއްކާއި ލިޔެ ކިޔުން އެބަހުރި ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅު ވުމުން ދައުވާ އުފުލުމުގެ ނިޒާމް ބޮއްސުންލާފައިވާ މިންވަރު ހާމަވެފައިވާ ކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑު ވިދާޅުވެއްޖެ އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިއްޔެ ވަނީ މިނިވަންވެފަ އެވެ. ވީއްލުނީ އޭނާގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއެއް ކުރިމިނަލް ކޯޓުން ބާތިލް ކުރުމާއެކު އެވެ.
ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ޕީޖީ ޝަމީމް ވިދާޅުވީ މިހާރު ވެސް އަދީބުގެ މައްޗަށް 150 ވުރެ ގިނަ ދައުވާ އުފުލެން އެބައޮތް ކަމަށެވެ. އަދި އެ ދައުވާތަކަކީ ކުރިން ޕީޖީ އޮފީހާއެކު އޭނާ ވެފައިވާ އިއުތިރާފު އެއްބަސްވުމާ ނުލައިޗވެސް އުފުލޭނެ ދައުވާތަކެއް ކަމަށެވެ. އެ ދައުވާތައް އަދީބުގެ މައްޗަށް އުފުލާ އެ ދައުވާތައް ސާބިތުވެއްޖެނަމަ 806 އަހަރުގެ ޖަލު ހުުކުމެއް އަންނާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އަދީބުގެ އިއުތިރާފު އެއްބަސްވުމާ ނުލައި ވެސް 150 އަށްވުރެ ގިނަ ދައުވާ އުފުލެން އެބަހުރި. އެ ދައުވާތައް ސާބިތު ވެއްޖެނަމަ 800 އަހަރަށް ވުރެ ދިގު މުއްދަތުގެ ހުކުމް އަންނާނެ،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމްގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ކުރިން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމާއި ޖަސްޓިސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޖަމީލް ވިދާޅުވީ ޕީޖީގެ ވާހަކަތަކުން ދައުވާ އުފުލުމުގެ ނިޒާމް ބޮއްސުންލާފައިވާ މިންވަރު ހާމަވެއްޖެ ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ހިންގި ގޮތުގައި ގާނޫނީ ބުރަދަނެއް ނެތްކަން ފެނިގެންގޮސްފައިވާ ކަމަށެވެ.
"800 އަހަރުގެ ހުކުމް އަންނަން އޮތަސް ހެއްކަކަށް ހަދައި ދޫކޮށްފައި ބެހެއްޓުން އިންސާފުވެެރިބާ؟" އަދީބު މިނިވަންވެފައި ވުމަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވި އެވެ.
ޝަމީމް އިއްޔެ ދެއްކެވި ވާހަކަތަކާމެދު ބައެއް ގާނޫނީ ވަކީލުންނާ ޝަރުއީ ދާއިރާގައި ކުރިން ހިދުމަތް ކުރެއްވި ބައެއް ބޭފުޅުން ވެސް ވަނީ ސުވާލު އުފައްދަވާފަ އެވެ.
ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ އެއްބަސްވުމަކާ ނުލައި 150 ދައުވާކޮށް 800 އަހަރަށް ޖަލަށް ލެވެން އޮތްއިރު އެއްބަސްވުމެއް ހެދީ ދައުލަތަށް ކޮން މަސްލަހަތެއް އޮވެގެންތޯ ސުވާލު އުފައްދަވާފަ އެވެ. އަދި ދައުލަތުން އެތައް ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވިކަން ސާބިތު ކުރެވޭނެ ކިތާބީ ހެކި ލިބިފައި ވާއިރު، 150 ދައުވާ ހަތް ދައުވާއަށް ބަދަލު ކުރީ ކީއްވެތޯ ވެސް ޝަމީމް ވަނީ ސުވާލު އުފައްދަވާފަ އެވެ.