ލައިފްސްޓައިލް

ކަރުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކިއިރު ބޮޑު ފަންޏެއް

އަރިދަފުސް ރޯގާ ޖެހިގެން އުޅޭއިރު ކަރުގައި ރިއްސުމަކީ ވަރަށް އާދައިގެ ކަމެކެވެ. އަދި ކަރު ތެރޭގައި އެއްޗެއް ތާށިވެފައި ހުންނަ ކަމުގެ އިހްސާސްވެސް ބައެއް ފަހަރަށް ކުރެވެ އެވެ. ނަމަވެސް ޖަޕާނުގެ އަންހެނަކަށް ދިމާވީ މިއަށް ވުރެ މާ ބިރުވެރި ކަމެކެވެ. އޭނާ ކަރުގައި ރިއްސަން ފެށުމުން ހީކުރީ ރޯގާ ޖެހެނީ ކަމަށެވެ. ނަމަވެސް މާ ބޮޑަށް ރިއްސާތީ ޑޮކްޓަރަށް ދެއްކިއިރު ކަމަކު ދާކަށް ނެތެވެ. ޓޮންސިލްގައި އިނީ ދިރޭ ބޮޑު ފަންޏެކެވެ.

ދަ އެމެރިކަން ސޮސައިޓީ އޮފް ޓްރޮޕިކަލް މެޑިސިން އެންޑް ހައިޖީންގައި ޝާއިއުކޮށަފައިވާ ކޭސް ސްޓަޑީއެއްގައިވާ ގޮތުން 25 އަހަރުގެ މި އަންހެންމީހާ ޑޮކްޓަރަށް ދެއްކި އަބަދު ކަރުތެރެ ހިރުވާތީ އާއި ކަރުގައި ރިއްސާތީ އެވެ. އޭނާއަށް މި މައްސަލަ ދިމާވީ ސަޝީމީ ކޭ ފަހުން ކަމަށް އޭނާ ބުނި ކަމަށް މި ރިޕޯޓުގައި ވެއެވެ. ސަޝީމި އަކީ ނުކައްކާ ހުންނަ ރޯ މަހުން ތައްޔާރުކޮށްފައި ހުންނަ ކެއުމެކެވެ. މި އާއްމުކޮށް ކައިއުޅެނީ ސޯޔާ ސޯސް އާއި ވަސާބީ ޕޭސްޓް އާ އެކުގަ އެވެ.

މި އަންހެންމީހާ ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު އޭނާގެ އަނގައިގެ ތެރެ ޗެކް ކުރިއިރު ކަޅުކުލައިގެ ފަންޏެއް ޓޮންސިލް އިން ހިސާބުގައި ހިރެނިކޮށް ފެނުނެވެ. ޑޮކްޓަރު ވަނީ ވަގުތުން އެ ފަނި ޓްވީޒަރެއް ބޭނުންކޮށްގެން ނަގާފަ އެވެ.

ފަނި ނެގުމުން އެ މީހާގެ ކަރުގައި ރިއްސުމާއި ކަރު ހިރުވުން މުޅިން ރަނގަޅުވެ ލޭގެ ރިޕޯޓުވެސް ނޯމަލް ވިއެވެ.

މި ފަނީގައި 1.5 އިންޗި ހުރި ކަމަށާއި އެ ފަނި އެމީހާގެ ޓޮންސިލް އޭރިޔާގައި ދިރިއުޅޭތީ އެމީހާއަށް އެ އުނދަގޫތައް ކުރިމަތިވީ ކަމަށް މި ރިޕޯޓުގައި ވެއެވެ.

މި ފަނީގެ ޑީއެންއޭ ޓެސްޓްހެދުމަށްފަހު ޑޮކްޓަރުން މި ފަނީގެ ނަން ހޯދި އެވެ. މިފަދަ ޕެރަސިޓިކް ވޯމަކީ ނުކައްކާ ހުންނަ މަހުގެ ބާވަތްތަކުގައި އުފެދޭ އެއްޗެއް ކަމަށް ވެއެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޖަޕާނުން މިހާތަނަށް މިފަދަ 700 އަށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައި ވެއެވެ. އަދި މިގޮތަށް ނުކައްކާ ހުންނަ ތަފާތު މަސް ކެއުމުގެ ސަބަބުން ޖެހޭ އިތުރު ބަލިތައް ދުނިޔޭގައި މިހާރު ވަރަށް ގިނަ ވެފައިވާ ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައި ވެއެވެ.