ހަބަރު

އަލީ ވަހީދާއި ސަފާރީ ރޭޕް ކޭސްގެ މައުލޫމާތު ދިނުން މިއަދު

Jul 16, 2020
1

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ މައުލޫމާތު ހާމަ ކުރުމަށް މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

އިސްކަންދަރު ބިލްޑިންގައި މިއަދު މެންދުރުފަހު 1:00 ގައި ފަށަން ހަމަޖެހިފައި އޮތް މި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އާއި، ޗީފް ސްޕްރިންޓެންޑް އޮފް ޕޮލިސް މުހައްމަދު ބަޝީރު އަދި، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް އަޒުމާ އެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލާގައި ދެ މީހަކު ހައްޔަރު ކުރުމަށް ފަހު، ކުއްލި ގޮތަކަށް ދޫކޮށްލި އެވެ. އެ ދެ މީހުން ދޫކޮށްލީ އެއީ ނުފޫޒުގަދަ ބަޔަކަށް ވާތީ ކަމަށް އަޑު ފެތުރުނެވެ. އެނގިފައިވާ ގޮތުގައި އެއިން އެކަކީ މަޖިލީހުގެ މެންބަރެއްގެ ފިރިކަލުންނެވެ. މި މައްސަލާގައި ފުލުހުންނަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވި އެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްގެން އެ މުވައްޒަފުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހަށް ގޮސްފަ އެވެ. އެ މައްސަލާގައި މިނިސްޓަރު ކަމުގެ މަގާމުން އަލީ ވަހީދު ވަކިކުރެއްވި އެވެ. އަލީ ވަހީދު ދިރިއުޅުއްވާ ގެ ފުލުހުން ބަލައިފާސްކޮށް އޭނާގެ ފޯނާއި ލެޕްޓޮޕް ގެންގޮސްފައިވެ އެވެ. އަދި ރާއްޖޭން ބޭރަށް ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓް ހިފެހެއްޓި އެވެ.