ޖެހިޖެހިގެން ތިން ވަނަ މެޗުންވެސް މޮޅު ނުވެ ވުމުން ލީގް ހޯދުމާ ކައިރިއަށް ދިއުމުގެ މަގު ޔުވެންޓަސް އަނެއްކާވެސް ދިގުވެއްޖެ އެވެ. ސަސުއޯލޯއާ ދެކޮޅަށް ރޭ ކުޅުނު މެޗުން ޔުވެންޓަސް ބަލި ނުވެ ސަލާމަތްވީ އެލެކްސް ސެންޑްރޯ ކާމިޔާބު ކުރި ލަނޑުންނެވެ. މެޗު އެއްވަރުވީ 3-3 އިންނެވެ.
މެޗުގެ ފުރަތަމަ 15 މިނެޓްގައި ޔުވެންޓަސްއިން ވަނީ ދެ ލަނޑު ލީޑެއް ނާގަފަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ ފަސް ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑަނިލޯ އެވެ. ދެ ވަނަ ލަނޑު 12 ވަނަ މިނެޓްގައި ގޮންޒާލޯ ހިގުއައިން ކާމިޔާބު ކުރި އެވެ. އެ ދެ ލަނޑުވެސް ކާމިޔާބު ކުރީ މިރެލެމް ޕިއާނިޗް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.
ސަސުއޯލާގެ ފުރަތަމަ ލަނޑު މެޗުގެ 29 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ފިލިޕް ޑިޔުރިކް އެވެ. ދެ ވަނަ ހާފަށް ނުކުމެ ސައުއޯލާއިން ނަތީޖާ ހަމަހަމަ ކުރުމަށް ފަހު އަދި ފަހުން ލީޑްވެސް ނެގި އެވެ. ދެ ވަނަ ހާފު ފެށިގެން ހަ ވަނަ މިނެޓްގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޑޮމެނިކޯ ބެރާޑީ އެވެ. އޭގެ ތިން މިނެޓް ފަހުން ފްރެންޗެސްކޯ ކަޕޫޓޯ ވަނީ ސަސުއޯލޯއަށް ލީޑް ނަގައިދިފަ އެވެ. ޔުވެންޓަސްގެ ސެންޑްރޯ ނަތީޖާ ހަމަހަމަ ކުރީ އޭގެ 10 މިނެޓް ފަހުންނެވެ.
އެންމެ ފަހުގެ ކުޅުން ތިން މެޗުގެ ތެރެއިން އެއް މެޗުން ބަލިވެ ދެ މެޗުން ޔުވެންޓަސް ވަނީ އެއްވަރު ވެފަ އެވެ. އެ ތިން މެޗުން އެ ޓީމު ކޮޅަށް ނުވަ ލަނޑު ވަނެވެ. ޓީމަށް މޮޅު ނުވެވޭ ސަބަބާ ބެހޭގޮތުން ވާހަކަ ދައްކަމުން ޔުވެންޓަސްގެ ކޯޗް މައުރީޒިއޯ ސާރީ ބުނީ ލީޑް ނެގުމަށް ފަހު ޓީމުގެ ކުޅުން އެއްވަރެއްގައި ނުހިފެހެއްޓޭތީ ނަތީޖާ އަތުން ދޫވެގެންދާ ކަމަށެވެ. ރޭ ގެ މެޗުގައިވެސް ކުރިމަތިވީ އެ މައްސަލަ ކަމަށް ސާރީ ބުންޏެވެ.
ކުރިން ދެ ވަނައިގައި އޮތް ލާޒިއޯ އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް މޮޅު ވެވިފައެއް ނުވެ އެވެ. ރޭ އެ ޓީމު އެއްވަރުވީ އުޑީނޭޒީ އަތުންނެވެ. ސަސުއޯލާއިން ވަނީ ލާޒިއޯވެސް ބަލިކޮށްފަ އެވެ. މިހާރު ދެ ވަނައިގައި އޮތީ ޔޫރަޕްގެ ފުޓްބޯޅައިގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އެޓަލާންޓާ އެވެ.
ސާރީ ބުނީ، ސަސުއޯލޯ ހޯދަމުން އަންނަ ކުރިއެރުމަށް ބަލައި ކުރިއަށް އޮތްތަނުގައި އެޓަލާންޓާ މިހާރު އޮތް ފެންވަރަށް ސަސުއޯލާވެސް ދާނެ ކަމަށެވެ. އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ސަސުއޯ ވަނީ މޮޅުވެފަ އެވެ.
ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް ސޭރީ އޭ ގެ ޗެމްޕިއަންކަން ހޯދުމުގެ އަމާޒުގައި އޮތް ޔުވެންޓަސް އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓްގެ ލީޑަކާ އެކު އެވެ.