ހަބަރު

ޑްރަގާއެކު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އއ. ރަސްދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ރިސޯޓަކުން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 58 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އިއްޔި ހިންގި އޮޕަރޭޝަނުގައި އެ ރިސޯޓުގެ ޖެޓީ މަތިންނެވެ. އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭއެއްޗެއް ހުރި ކުޑަ 15 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

އެހެންނަމަވެސް އެއީ ކޮން ރިސޯޓެއް ކަމެއް ފުލުހުން ހާމަ އެއް ނުކުރެ އެވެ.

މި މައްސަލަ ރަސްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.