ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގައި 42 އަހަރުގެ ދިވެއްސަކު މަރުވެއްޖެ

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ ކޮވިޑްގައި މިއަދު މަރުވެފައިވަނީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ ކޮވިޑަށް ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ ސެންޓަރުގައި ފަރުވާ ދެމުންދަނިކޮށެވެ.

މިއީ މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވި 15 ވަނަ މީހާ އެވެ. އަދި ކޮވިޑްގައި ރާއްޖެއިން މަރުވި ދިވެހިންގެ ތެރެއިން އެންމެ ހަގު މީހާއެވެ.

ރާއްޖެއިން ކޮވިޑްގައި ފުރަަަތަމަ މީހަކު މަރުވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ރޭ އިރުއޮއްސި 7:10 ގައެވެ. އެއީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އޭގެ ފަހުުން މެއި މަހުގެ 5 ވަނަ ދުވަހު ބަންގްލަދޭޝްގެ ފިރިހެނަކު އެ ބަލީގައި މަރުވިއެވެ. އަދި މެއި މަހުގެ 8 ވަނަ ދުވަހު އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ. އަދި މެއި މަހުގެ 13 ވަނަ ދުވަހުގެވެސް ކޮވިޑްގައި ދިވެއްސަކު ވަނީ މަރުވެފައެވެ.

މެއި މަހުގެ 26 ވަނަ ދުވަހު ކޮވިޑްގައި ހަތަރުވަނަ މީހަކު މަރުވިއެވެ. ބަންގްލަދޭޝްއަށް ނިސްބަތްވާ އެ މީހާ މަރުވެފައި އޮއްވާ ފެނުނީ މަގެއްގެ މަތީ އޮއްވައެވެ. އަދި ޖޫން 1 ވަނަ ދުވަހު ޓްރީޓޮޕްގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ ބަންގްލަދޭޝްގެ އުމުރުން 54 އަހަރުގެ މީހަކު ވަނީ މަރުވެފައެވެ. އޭގެ ފަހުން ހުޅުމާލޭ އައިސޮލޭޝަން ފެސިލިޓީގައި ހުރި 89 އަހަރުގެ އަންހެނެއްވެސް ވަނީ މަރުވެފައެވެ. އަދި ޖޫން ހަ ވަނަ ދުވަހު ހެނދުނު އައިޖީއެމްއެޗަށް ހާލު ސީރިއަސް ވެގެން ގެންދިޔަ ބަންގްލަދޭޝް މީހަކުވެސް ވަނީ މަރުވެފައެވެ. އޭނާއަކީވެސް ކޮވިޑް ބަލި މީހެކެވެ. ކޮވިޑްގައި ޖޫން މަހުގެ 30 ވަނަ ދުވަހުވެސް މީހަކު މަރުވިއެވެ. އެ ދުވަހު މަރުވީ ފިލިޕީންސްއަށް ނިސްބަތްވާ 43 އަހަރުގެ ފިރިހެނެކެވެ.

އޭގެ ފަހުން ޖުލައި މަހުގެ ފަސްވަނަ ދުވަހު 77 އަހަރުގެ ދިވެއްސެއް އަދި ޖުލައި 8 ވަނަ ދުވަހު 80 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ކޮވިޑްގައި މަރުވެފައެވެ. އޭގެ ފަހުން މިމަހުގެ 14 ވަނަ ދުވަހުވެސް ކޮވިޑްގައި ދިވެއްސަކު ވަނީ މަރުވެފައެވެ.