ވިޔަރެއާލްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ލަލީގާގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑް ހޯދައިފި އެވެ،
މިއީ މިދިޔަ ތިން އަހަރު ތެރޭ، ރެއާލްއިން ހޯދި ލަލީގާގެ ފުރަތަމަ ތައްޓެވެ. މިއީ ލަލީގާގެ ޗެމްޕިއަންކަން އެ ޓީމުން ހޯދި 34 ވަނަ ފަހަރެވެ. ރޭ ގެ މެޗުން މޮޅުވެ ރެއާލް ވަނީ އެއް ވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ. އެ ޓީމަށް ލިބިފައި ވަނީ 86 ޕޮއިންޓެވެ. ބާސާއަށް 79 ޕޮއިންޓެވެ. ހަތް ޕޮއިންޓަށް ލިޑް ފުޅާ ކުރެވުނީ، އޮސަސޫނާ އާ ދެކޮޅަށް ދެ ވަނައިގައި އޮތް ކުޅުނު މެޗުން 2-1 ން ބަލި ވުމުންނެވެ.
ރެއާލްގެ ބީ ޓީމުގެ ދަނޑު، އަލްފްރެޑޯ ޑި ސްޓެފަނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ރެއާލްގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ ކަރީމް ބެންޒެމާ އެވެ. ފުރަތަމަ ލަނޑު ބެންޒެމާ ކާމިޔާބު ކުރީ ލުކަ މޮޑްރިޗް ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ. ދެ ވަނަ ލަނޑު ދެ ވަނަ ހާފުގައި ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. ފުރަތަމަ ސާޖިއޯ ރާމޯސް ފޮނުވާލި ޕެނަލްޓީ އޭނާ ދިނީ ބެންޒެމާއަށް ޕާހެކެވެ. އެ ބޯޅަ ބެންޒެމާ ގޯލްގެ ތެރެއަށް ފޮނުވާލި އެވެ. އެހެންނަމަވެސް ޕެނަލްޓީ ޖެހުމުގެ ކުރިން ރެއާލްގެ ކުޅުންތެރިންނާއި ވިޔަރެއާލްގެ ކުޅުންތެރިންވެސް އޭރިއާ ތެރެއަށް ވަނުމުން ރެފްރ އެންގީ އަލުން ޖެހުމަށެވެ. ދެ ވަނަ ފަހަރަށް ޕެނަލްޓީ ޖަހަން ރާމޯސް ފުރުސަތު ދިނީ ބެންޒެމާއަށެވެ.
މެޗުގެ 83 ވަނަ މިނެޓްގައި ވިޔަރެއާލްއިން ވަނީ އެ ޓީމުގެ ލަނޑު ކާމިޔާބު ކޯށްފަ އެވެ. މާރިއޯ ގެސްޕާ ނަގައިދިން ހުރަސް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލީ ވިންސެންޓޭ އިބޯރާ އެވެ. މެޗުގެ އިތުރު ވަގުތުގައި ވިނީސިއުސް ޖުނިއާ ނަގައިދިން ބޯޅައިން މާކޯ އެސެންސިއޯ ލަނޑު ކާމިޔާބު ކުރި އެވެ. އެހެންނަވެސް ވީއޭއާރުން ބެލުމަށް ފަހު ރެފްރީ ނިންމީ އެ ބޯޅައިގެ ބިލްޑްއަޕްގައި ބޯޅަ ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ބެންޒެމާ އަތުގައި ބޯޅައިން ޖެހިފައިވާ ކަމަށެވެ.
އޭގެ ފަހުން ވިޔަރެއާލްއިން ވަނީ އެ ނަތޖާ ހަމަހަމަ ކުރުމާ ވަރަށް ގާތަށް ޖެހިލާފަ އެވެ. އެ ޓީމުން ފުރަތަމަ ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ޓިބޯ ކޯޓްއާ ދިފާއު ކުރީ އެވެ. ރީބައުންސްވިބޯޅަ އަނެއްކާވެސް ފޮނުވާލުމުން ކޯޓްއާ ދިފާއު ކުރި އެވެ. އަނެއްކާވެސް ރީބައުންސްވި ބޯޅަ ފޮނުވާލުމުން ދިޔައީ ގޯލް ދަނޑިކައިރިން ބޭރަށެވެ.
ކޭމްޕްނޯގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީވެސް އޮސަސޫނާއިންނެވެ. އެ ޓީމުގެ ލަނޑު މެޗުގެ 15 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހޯޒޭ އާނައިޒް އެވެ. ދެ ވަނަ ހާފުގައި ލިބުނު ހިލޭޖެހުމުން ބާސެލޯނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީ އެވެ. އޮސަސޫނާ މެޗުން މޮޅުކޮށްދިން ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކުރީ ރޮބާޓޯ ޓޯރޭޒް އެވެ.