ލައިފްސްޓައިލް

ކުއްތާއެއްގެ ހަމަލާއިން ކޮއްކޮ ސަލާމަތްކުރި ހިތްވަރުގަދަ ކުއްޖެއް

ކަށިން ހިތްވަރު ނެރެގެން ކަމެއް ކުރަން ބައެއް ފަހަރު އުމުރަކީ ހަމައެކަނި ނަންބަރަކަށް ވެއެވެ. ހަ އަހަރުގެ ކުޑަކުޑަ މި ފިރިހެންކުއްޖާ ވަނީ މިއީ ހަގީގަތެއް ކަން ސާބިތު ކޮށްދީފަ އެވެ.

އެމެރިކާގެ ވަޔޯމިންގައި ދިރިއުޅޭ ބްރިޑްގާ ވޯގާގެ އުމުރަކީ އެންމެ ހަ އަހަރެވެ. ނަމަވެސް އޭނާގެ ހިތްވަރުގަދަ ކަމުގެ ވާހަކަ އަކީ މިހާރު މުޅި އެމެރިކާގައި މަޝްހޫރުވެފައިވާ ވާހަކަ އެކެވެ.

ކުއްތާއެއްގެ ހަމަލައިން ކޮއްކޮ ސަލާމަތްކޮށް ކޮއްކޮ ދިފާއުކުރަން މި ކުޑަކުއްޖާ ކޮށްފައިވަނީ އާދަޔާ ޚިލާފު ހިތްވަރުގަދަ މަސައްކަތެކެވެ. ބްރިޑްގާ ވަނީ އޭނާގެ އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ކޮއްކޮ ސަލާމަތްކުރަން މަސައްކަތް ކޮށްފަ އެވެ.

ބްރިޑްގާ ގެ ބޮޑުދައިތައަކު އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި މިކަން ހިނގައި ދިޔަ ގޮތް ހިއްސާ ކޮށްފައި ވެއެވެ. އޭނާ ބުނި ގޮތުގައި މި މަހުގެ 9 ވަނަ ދުވަހު ހިނގި މި ހާދިސާގައި ބާޑްގާގެ ބޮލާއި މޫނުގައި އަދި ގައިގެ އެތަން މިތަނުގައި ކުއްތާ ދަތް އެޅުމުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑެތި އަނިޔާތައް ލިބިފައި ވެއެވެ.

ކޮއްކޮއާ ދިމާލަށް ކުއްތާ އަންނަތަން ފެނުމުން ކޮއްކޮ ދިފާއުކުރުމަށް ބްރިޑްގާ ކޮއްކޮގެ ކުރިމައްޗަށް އެރީ އެވެ. ވަގުތުން ކުއްތާ ބްރިޑްގާ އަށް ހަމަލާ ދިނެވެ. ނަމަވެސް އެތައް ފަހަރަކު ހަމަލަ ދީ އެތަން މިތަނުގައި ދަތް އަޅާ ހެދިއިރުވެސް އޭނާ ކޮއްކޮ ކުއްތާގެ ކިބައިން ސަލާމަތްކުރުމުގައި ދެމިހުއްޓެވެ. އެންމެ ފަހުން ކޮއްކޮ އަތުގައި ހިފައިގެން ދުވެފައި އޭނާއަށް އެތެރެއަށް ވަދެވުނުއިރު މުޅި ކުއްޖާ ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ. އޭނާގެ ޒަޚަމްތަކުގައި 90 ސްޓިޗް ޖަހަން ޖެހުނު ކަމަށް ވެއެވެ.

ބްރިޑްގާގެ ބޮޑުދައްތަ ނިކީ ވޯކާގެ އިންސްޓަގްރާމް ޕޯސްޓްގައި ބްރިޑްގާއަށް ލިބިފައިވާ އަނިޔާތައް ފެންނަ ފޮޓޯތައް ވެސް ހިމަނާފައި ވެއެވެ. ކުއްތާގެ ހަމަލާގައި މަރުވާން ޖެހުނަސް ކޮއްކޮ ސަލާމަތްކޮށްފައި އޭނާ މަރުވާން ބްރިޑްގާ ބޭނުންވި ކަމަށް ބްރިޑްގާ ފަހުން ބުނި ކަމަށް ވެސް އޭނާގެ ބޮޑުދައްތަ ބުންޏެވެ.

ބްރިޑްގާގެ ބޮޑުދައިތަގެ މި ޕޯސްޓްގައި ސުޕަހީރޯގެ ރޯލު ކުޅެފައިވާ ގިނަ އެކްޓަރުންނެއް ޓެގް ކޮށްފައިވާތީ ބައެއް މީހުން މި ޕޯސްޓަށް ޖަވާބު ޑީ ބްރިޑްގާގެ ހިތްވަރުގަދަ ކަމަށް ތައުރީފު ހައްގުކަމަށް ބުނެފައި ވެއެވެ. އެގޮތުން "ދަ ހަލްކް" – މާކް ރަފްލޯ އަށް ވެސް ބްރިޑްގާގެ ވާހަކަ އަޑު އިވި އޭނާ ވެސް ވަނީ މި ކުޑަ ކުއްޖާއަށް ހިތްވަރުދީ ތައުރީފު ކޮށްފަ އެވެ.

"ޑިއާ ބްރިޑްގާ، އަހަރެން ވެސް ކަލޭއަށް ދިމާވި ކަންތަކުގެ ވާހަކަ ދެންމެ ކިޔައިފިން. އެހެން މީހަކަށްޓަކައި އަމިއްލަ ނަފްސަށް ބެލުމެއް ނެތި މަސައްކަތްކުރާ މީހަކީ ހަގީގަތުގައި ވެސް އެންމެ ހިތްވަރުގަދަ މީހުންނަކީ،" މާކް ރަފްލޯ ލިޔެފައި ވެއެވެ.