އެމްއެންޑީއެފް

ޝާހު ހޯދުމުގެ މަސައްކަތް ފުޅާކޮށްފި

އދ. މަންދުއަށް ދަތުރުކުރި ދޯންޏަކުން ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ފުޅާކޮށްފި އެވެ.

ގެއްލިގެން ހޯދަމުންދަނީ މަންދޫ، ރަތްވިލާގޭ އަލީ ޝާހު އެވެ. އުމުރުން 27 އަހަރުގެ އެ ޒުވާނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ރޭ މެންދަމު 2:10 އެހާކަންހާއިރުއެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ މާލެއިން ފުރައިގެން މަންދުއަށް ދަތުކުރި ރަންތަރި ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި އުމުރުން 27 އަހަރުގެ ޒުވާނަކު ގެއްލިގެން ރޭ މެންދަމު ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ ޝާހު ދޯނީގައި ނެތްކަން އެނގުނީ މަންދޫ ފަޅަށް ވަތްފަހުން ކަމަށް ދޯނީގެ ކެޕްޓަން ބުނާ ކަމަށެވެ. ޝާހު އަކީ ހޯމް ކަރަންޓީނަށް މަންދޫއަށް ދިޔަ މީހެކެވެ.

އޭނާ ހޯދުމަށް ސިފައިންގެ ޑައިވަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އާޒިމް ވިދާޅުވީ ޝާހު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތުގައި ރަށުގެ ގިނަ ބަޔަކާ އަތޮޅުގެ ރަށްރަށުގެ ބައެއް އުޅަނދުތަކުންވެސް ބައިވެރިވާ ކަމަށެވެ.

ދޯނީގެ ކެޕްޓަން ބުނީ ޝާހު ލައިގެން ހުރީ މުށިކުލައިގެ ގޮޅިޖެހި އަތްދިގު ގަމީހަކާއި އަޅިކުލައިގެ ޖިންސެއް ކަމަށެވެ.

އަދި އޭނާ ގެއްލުމުގެ ބައިގަޑިއެއްހާއިރު ކުރިން ޝާހުއާ ވާހަކަވެސް ދެއްކި ކަމަށެވެ. އަދި އޭނާ ގެއްލެން ދިމާވީ ކީއްވެެގެންކަން ނޭންގޭ ކަމަށެވެ.