މެސީ

ބާސާއަކީ ދެރަ ޓީމެއް ކަމަށް މެސީ ސިފަކޮށްފި

އެފްސީ ބާސެލޯނާ އަކީ ދެރަ ޓީމެއް ކަމަށް، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ސިފަ ކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ، ރެއާލް މެޑްރިޑުން ވިޔަރެއާލް ބަލި ކުރުމުން، ލަލީގާ ރޭސި ނިމިފައިވާއިރު، އަމިއްލަ ދަނޑުގައި އޮސަސޫނާ އާ ދެކޮޅަށް ކުޅުނު މެޗުން ބާސާ ވަނީ ބަލި ވެފަ އެވެ. އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު އޮސަސޫނާއިން މެޗު ކާމިޔާބު ކުރީ 2-1 އިންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މެސީ، ބުނީ، ބާސާއަށް އެގޮތަށް ސީޒަން ނިމިގެންދާނެ ކަމަށް ހީނުކުރާ ކަމަށެވެ.

"އެކަށީގެންވާ މިންވަރަށް އިންޓެންސިޓީ އާއި ހިތްވަރު ނެރެގެން ކުޅޭ ޓީމަކަށް ބަލި ކުރެވޭވަރުގެ ދެރަ ޓީމެއް އަހަރެމެން ޓީމަކީ، ސްޕެއިންގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި މެސީ ބުންޏެވެ.

"އަހަރެމެން އަތުން ގެއްލެން ނުޖެހޭ ގިނަ ޕޮއިންޓްތަކެއް އަހަރެމެން އަތުން ދޫވެގެން ހިނގައްޖެ އަހަރެމެންނަށް އެއްވަރެއްގައި ނުހިފެހެއްޓިގެން، އަމިއްލަ ނަފުސަށް އަހަރެމެން ފާޑު ކިޔަން ޖެހޭ ކުޅުންތެރިންނާއި މުޅި ކުލަބުގެ މެނޭޖުމެންޓްވެސް."

އޮސަސޫނާ އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ނުރައްކާ ކުރަން ބާސާއަށް ލިބުނީ އެންމެ ފުރުސަތެކެވެ. ލިބުނު ހިލޭ ޖެހުމުން މެސީ ފޮނުވާލި ބޯޅަ ގޯލްގެ ހުރަސް ދަނޑިއަށް އަމާޒުވި އެވެ. ބާސާއިން ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގައި މެސީ ހިލޭޖެހުމަކުން ކާމިޔާބު ކުރި ލަނޑުންނެވެ.