ޖަރުމަން

ޖަރުމަންގެ ވޯލްޑްކަޕްގެ ތަރި ޝޫލާ ރިޓަޔާ ކޮށްފި

ބްރަޒިލްގައި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ޖަރުމަނަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި އަންޑްރޭ ޝޫލާ އުމުުރުން 29 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

ބްރެޒިލްގެ ރިއޯޑީޖެނީރޯގައި އާޖެންޓީނާ އާ ދެކޮޅަށް ކުޅުނު ފައިނަލު މެޗުގެ އެކްސްޓްރާ ޓައިމްގައި، ޖަރުމަންގެ މާރީއޯ ގޮޓޭޒް ލަނޑު ކާމިޔާބު ކުރީ ޝޫލާ ނަގައިދިން ހުރަހަކުންނެވެ.

ބުރޫޝިއާ ޑޯޓަމުންޑުން އޭނާ އާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ ބާކީ އެއް އަހަރު އޮއްވައި އެ ކުލަބުން ވަނީ ކޮންޓްރެކްޓް އުވާލާފަ އެވެ. އޭނާ ވަނީ ދެ އަހަރުތެރޭ ބުންޑެސް ލީގާގައި އެ ކުލަބަށް 33 މެޗު ކުލެފަ އެވެ. އޭނާގެ ފަހު އަހަރުތައް ހޭދަ ކުރީ ލޯން ޓްރާންސްފާގަ އެވެ. އެގޮތުން އޭނާ ވަނީ ލޯން އެއްބަސްވުމުގެ ދަށުން ފުލަހަމް އާއި ސްޕާޓަކް މޮސްކާއަށް ކުޅެފަ އެވެ.

ރިޓަޔާމެންޓް އިއުލާން ކުރަމުން ޝޫލާ ބުނީ އޭނާ ކުޅުން ހުއްޓާލަނީ ރަނގަޅަކަށް ކަމަށެވެ.

"މިހާރު އަހަރެން މިހުރީ އަހަރެންގެ ކުރިމަތީގައި ހުރި ދިރިއުޅުމުގެ އެހެން ފުރުސަތުތަކަށް ތައްޔާރު ވެގެން." ރިޓަޔާމެންޓް އިއުލާން ކުރަން އިންސްޓްގަރާމްގައި ކުރި ޕޯސްޓްގައި ޗޫލާ ބުނެފައި ވެއެވެ.